ދުނިޔެ

ޕާކިސްތާނުގެ ވެރިކަމަށް ދެން ވަޑައިގަންނަވާނީ ނަވާޒް ޝަރީފުގެ ކޮށްކޯފުޅު

ނަވާޒް ޝަރީފަށް ބޮޑުވަޒީރުކަން ގެއްލިވަޑައިގަތުމުން އެމަގާމަށް ދެން ވަޑައިގަންނަވާނީ އޭނާގެ ކޮށްކޯފުޅު ޝާހްބާޒް ޝަރީފު ކަމަށް ޕާކިސްތާނުގެ ވެރިކަން ކުރާ ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އިން ނިންމައިފި އެވެ.

ނަވާޒް ޝަރީފު ރިޔާސަތުގައި އިންނަވައިގެން އެޕާޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ނަވާޒް ވަކިވުމުން ހުސްވެފައިވާ ގޮނޑިއަށް ޝެހްބާޒް އިންތިހާބުވެ، ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެވެންދެން މިހާރު ޕެޓްރޯލިއަމް އެންޑް ނެޗުރަލް ރިސޯސަސް މިނިސްޓަރުކަމުގައި ހުންނެވި ޝާހިދު ޚަގާން އައްބާސީއަށް ބޮޑުވަޒީިރުކަން ދިނުމަށެވެ.

އައްބާސީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާނީ 45 ދުވަހުއެވެ. އަދި އެމުއްދަތުގެ ތެރޭގައި ޝާހްބާޒް ބައި އިލެކްްޝަންގައި ވާދަ ކުރައްވާނެއެވެ.

ނަވާޒް ޝަރީފުު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެންނެވީ އޭނާއަކީ ޕާލަމެންޓް މެމްބަރަކަށް އަދި ބޮޑުވަޒީރުކަމުގެ މަގާމަށް މިހާރު ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުންނެވެ. އޭނާއާ މެދު ސުޕްރީމްކޯޓުން އެގޮތަށް ނިންމީ ޕާކިސްތާނުގެ ގާނޫނު އަސާސީގައި އޮންނަ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައިވާ މާއްދާއެއްގެ މައްޗަށް ބިނާކޮށެވެ. އެއީ ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިއެއް ކަމަށްވާ ޖެނެރަލް ޒިޔާއުލް ހައްގުގެ ދުވަސްވަރު އިތުރު ކުރި މާއްދާއެކެވެ،

އޭނާ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅީ ގައުމުން ބޭރުގައި އޭނާގެ ދަރިދަރިކަލުން ވިޔަފާރިތަކެއް ހިންގަވާކަން ސިއްރު ކުރެއްވި ކަމަށް ކޯޓަށް ސާބިތު ވެގެންނެވެ. ދަރިދަރިކަލުންގެ ވިޔަފާރިތައް ގައުމުން ބޭރުގައި ހުރިކަން އެނގުނީ ޕެނަމާ ޕޭޕާސް ލީކުވުމުންނެވެ.