(ސޯލް. (ރޮއިޓާސް) އެމެރިކާގެ ބާރުވެރިކަން އުތުރުކޮރެއާއަށް ދައްކައިލުމަށް ކޮރެއަން ޕެނިންސިއުލާގެ މަތިން ހަނގުރާމަމަތީ މަތިންދާބޯޓްތަކެއް އުދުއްސައިފިއެވެ.
އެމެރިކާގެ ވައިގެ ސިފައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބީ-1ބީ މަރުކާގެ ދެބޯޓް ފޮނުވީ އުތުރުކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓްތަކާ ގުޅިގެން އެގައުމަށް ބާރު ދެއްކުމަށް ކަމަށެވެ.
އުތުރުކޮރެއާއިން ބުނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އެއް އެގައުމުން ހުކުރުދުވަހު ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެމެރިކާގެ މައިރަށަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިއްޖެކަން އެ ޓެސްޓުން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
މިސައިލް ޓެސްޓް ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވަނީ އުތުރަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
އެމެރިކާގެ ވައިގެ ސިފައިންގެ ބަޔާނުގައި ބުނެފައި ވަނީ މަތިންދާބޯޓްތައް އުދުއްސައިލީ ގުއާމްގައިވާ ވައިގެ މަރުކަޒަކުން ކަަމަށާއި ފަރިތަަކުރުންތަކުގައި ޖަޕާނާއި ދެކުނު ކޮރެއާގެ މަތިންދާބޯޓްތައް ވެސް ބައިވެރިވި ކަމަށެވެ.
" ސަރަހައްދުގެ ހަމަޖެހުމަށް އެންމެ އިހަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެމި އޮތީ އުތުރުކޮރެއާ،" ބަޔާނުގައި އެމެރިކާގެ ޕެސިފިކް އެއާފޯސަސް ކޮމާންޑަރް ޖެނެރަލް ޓެރެންސް ޖޭ އޯ ޝައުޣްނެސީ ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ ގޮވާލައިފި ކޮންމެ ހިނދެއްގައި ހަމަލާދޭން އެމެރިކާގެ ވައިގެ ސިފައިން ތިބީ ތައްޔާރަށް ކަމަށެވެ.
ނިއުކްލިއަ ޓެސްޓް ނުކުރުމަށާއި މިސައިލް ނޫފެއްދުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވައިލަމުންދާ ގޮވައިލުންތަކަށް އުތުރުކޮރެއާއިން ވަނީ ބީރު ކަންފަަތެއް ދީފައެވެ. އަދި އެގައުމުން ވަނީ ފަހަކަށް އައިސް ގިނަ މިސައިލްތަކެއް ޓެސްޓްކޮށްފައެވެ.