ވާހަކަ

މުޅިޖާންހިތާ

(27 ޖުލައި 2017 އާ ގުޅޭ)
... ލޫކްވީ އެ އަންހެންކުއްޖާ ގޮވައިގެން މިގެއިން ނުކުމެގެން ގޮސް. ދިޔައީ ކޮންތާކަށްކަމެއް ނޭނގެ. ގޭގައި އުޅޭ އެންމެން ގާތުގައި އެހުމުން ވެސް ބުނީ ފޮށިހިފައިގެންނޭ ދިޔައީ. ޤައިސް!... ދެރަކަމެއް ނުވަނީސް މިކަން ހުއްޓުވަން އެބަޖެހޭ. ލޫކްއަށް މަގުއޮޅުވާލާފައި އެވަނީ އެ އަންހެނާ. އޭނާގެ ބަސް ޤަބޫލުކޮށްގެން އެ އުޅެނީ" ރުބީނާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހާސްކަމާއި ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ.

"ލޫކް...! ހަމަ ތިހެން ކަންތައް ކުރީތަ؟" ޤަބޫލު ނުކުރެވިފައި އިންހެން ޤައިސްއަށް އަހާލެވުނެވެ. އަނެއް ކޮޅުން ރުބީނާގެ މޫނުމަތީން ފެންނަމުން ދިޔަ އަސަރުތަކަކީ އޮޅުވާލުމަކަށް ވެދާނޭ ޤައިސްގެ ހިތާއި ޟަމީރު އެއްބަހެއް ނުވިއެވެ. ނޭނގި ހުއްޓާ މި ލިބުނު ހާސް ކަމެއްގެ ސަބަބުން ޤައިސްގެ ބޮލުގައި ރިއްސާލި އެވެ. ނިތްކުރީގައި ކަނާއަތުން ހިފަހައްޓާލި އެވެ.

"ޤައިސް، އަޅުގަނޑަކަށް ހިޔެއްނުވޭ ލޫކް އެ ދިޔައީ ރަޙުމަތްތެރިއެއްގެ ގެއަށްހެން. އެކަމަކު އަޅުގަނޑު މި ވާހަކަތައް ދައްކައިފިކަން އެނގިއްޖެއްޔާ މަޞްލަޙަތު އެކީ ގެއްލިގެން ދާނޭކަން ޔަގީން. މިގޭ ތެރޭގައި މިހާރު މިއޮތް ޞުލްޙަވެރިކަން މުޅީން ގެއްލިގެން ހިނގައިދާނެ. އަޅުގަނޑުގެ ސަބަބުން އެހެންވާކަށް ބޭނުމެއް ނޫން. އެއްޗެއް ނުބުނެ ވެސް ހުރެވޭކަށް ނެތް. އަޅުގަނޑު އުފަންކުރި ދަރިއަކަށް ލޫކް ނުވި ނަމަވެސް އެ ކުއްޖާގެ މުސްތަޤުބަލާ މެދު އަޅުގަނޑު ވެސް ވިސްނަން"

"ރޫބީ ހާސްނުވޭ. އަޅުގަނޑަށް އެއްވެސް ކަމެއް ރޫބީގެ ފަރާތުން އެނގުނު ކަމަކަށް ނުހަދާނަން. އެކަމަކު ލޫކް ހުރި ތަނެއް ބަލާނަން... ވިޔާނުދާކަމެއް ލޫކް ކުރާނަމަ ރޫބީއަށް ވެސް އެކަން ހުއްޓުމުގެ ހައްޤު ލިބިގެންވޭ" ޤައިސް ދެއަތްތިލަ އެއްއަތް އަނެއްއަތާ ހާކާލި ގޮތުން ރުބީނާގެ ވާހަކަތަކުން އޭނާއަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ލިބިއްޖެކަން އެނގެ އެވެ. މަޑުމަޑުން އިރުކޮޅަކު އިނދެފައި ޤައިސް ފޯނު ނެގި އެވެ.

"މިހާރު އެގާރަ ޖަހަނީ. މިރޭ ތަންކޮޅެއް ލަސްވެއްޖެ. މާދަމާ ހެނދުނުން އަޅުގަނޑު ލޫކްއާ ވާހަކަ ދައްކާނަން. އޭނާ ހުރި ތަނެއް އޮޅުން ފިލުވާނަން،" ދިއްލުނު ފޯނުގެ އިސްކުރީނަށް ބަލާލާފައި ޤައިސް ވާހަކަ ދެއްކި އެވެ. ރުބީނާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާގެ ވާހަކަތަކާމެދު ޤައިސް ކުޑަކޮށް ވެސް ޝައްކެއް ނުކުރިތާއޭ ހިތައް އަރުވާލި އެވެ. އެހިނދު މަކަރުވެރިކަމުގެ ރަމްޒެއް ފަދައިން އެ ތުންފަތުން ހިނިތުންވުމެއް ފާޅުވިއެވެ.

* * *

ހިނިތުންވެލައިގެން ހުރެ ކަރުގައި އޮތް ޓައި ރަނގަޅު ކުރަމުން ލޯގަނޑުން ލޫކަން އޭނާގެ އަމިއްލަ ސޫރަ ބަލާލި އެވެ. އިތުރަށް ކޮޓަރިތެރޭ މަޑުކުރުމުގެ ބަދަލުގައި އޭނާގެ ދަބަސް ހިފައިގެން ނުކުތެވެ. އަވަސް ފިޔަވަޅުގައި ކޮޓަރިން ނުކުމެގެން ދާން އުޅުނު ލޫކަންއަށް ހުއްޓުން އެރީ އެ ކޮޓަރިއާ ދިމާއަށް އަންނަ އައިރާ ފެނިފައެވެ.

"ޔާނާ ބުނީ ލޫކްއަށް ކޮފީ ގެނެސްދޭށޭ ބުނި ކަމަށް. އޭނާ އުޅެނީ މިންނުއަށް ބުއްތަށި ދޭން" އައިރާގެ ވާހަކަ އަހާފައި ލޫކަން ހިނިތުންވެލި އެވެ.

"ޝުކުރިއްޔާ... ވިހަންވަންދެން ވެސް ނިކަން ހަރަކާތްތެރިކޮށް އުޅޭންވާނީ. އެބަ ހީވޭ އައިރާގެ މޫޑު ވެސް މިހާރު ރަނގަޅުހެން. ރޭގައި ރީތި ހުވަފެނެއް ފެނުނީތަ؟" ކޮފީތަށީގައި ހިފާ އެ އިން އެތި ފޮދެއް ލޫކަން ބޯލި އެވެ. އޭނާގެ ނަޒަރު އައިރާއާ ވަތްކެއް ނުވެއެވެ. މަޢުނަވީ ގޮތަކަށް ލޫކަންއަށް ބަލާލާފައި އައިރާ ހިނިތުންވެލިއެވެ. އަދި އެނބުރި އައިކޮޅަށް ދިއުމަށް ހިނގައިގަތެވެ.

"އަހަރެން ކޮފީ ގެންނާކަށް ނުބުނަން. އެކަމަކު ޔާނާ ވަރަށް ގަދަ. އައިރާ ދުށުމަށް ބޭނުންވެފައި ހުއްޓާ އޭނާ އަހަރެންގެ ހިތުގައި އޮތް އެއްޗެއް ދެނެގެންފި. ހެނދުނު ހެނދުނާ އެންމެ ފުރަތަމަ ފެންނަ މޫނު ކަމުގައި އައިރާގެ މޫނު ވެއްޖެ. ތޭންކްސް ޔާން... ތީ ހަމަ އަހަރެންގެ ބެސްޓު ބަޑީގެ ބެސްޓު ވައިފް،" ކޮފީތަށި ބޮމުން ދިޔައިރު އޭގެ ހޫނުކަން ވެސް ލޫކަންއަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. އަމިއްލަ ހިތާ ވާހަކަ ދައްކަމުން އައިރާގެ ފަހަތުން އޭނާ ވެސް އައެވެ.

ކާ ކޮޓަރިއަށް އައިސް އައިރާއާއި ލޫކަން ވަންއިރު މޭޒު ދޮށުގައި ޒޭން އިނެވެ. އެ ދެމީހުން އެކުގައި ފެނުމުން ޒޭން ބަލާލީ ލޫކަންއާ ދިމާކޮށްލާ ފަދަ ގޮތަކަށެވެ. ޔާނާ ލޮލުން ކޮށްލި އިޝާރާތުން އޭނާ އެ އަހާލީ ކީކޭކަން ދެނެގަންނާކަށް ލޫކަންއަށް އުނދަގުލެއް ނުވިއެވެ. ރަކި ހީނލުމަކާއެކު އޭނާ އެތެރެއަށް ވަދެގެން އައިސް ޒޭންގެ ކޮނޑުގައި ޖަހާލިއެވެ. ހެނދުނުގެ ނާސްތާ ކުރުމަށް މޭޒު ދޮށުގައި ޒޭންއާއި ލޫކަން ތިއްބެވެ.

"ޒޭންގެ ޑޭޑް ނާދޭތަ؟" ޕާންފޮތި އަނގަޔަށް ލާން ދިމާކޮށްލާފައި ލޫކަން އަހާލި އެވެ.

"ބައްޕަ ދާނީ ތަންކޮޅެއް ފަހުން... ހިނގާ އަވަސްކޮށްލައިގެން ދަމާ. މިއަދު ބައްދަލުވުމެއް ވެސް އެބައޮތެއްނު" ޒޭން ބުންޏެވެ. އެ ދެ ޒުވާނުން ސައިބޮއެ ނިމޭންދެން އައިރާ ކާމޭޒު ދޮށުގައި ހުރި ގޮނޑިއެއްގައި އިނެވެ. ޔާނާ ވެސް ދަރިފުޅު ގޮވައިގެން އެތަނުގައި ހުއްޓެވެ.

"ދަނީ...." ކާކޮޓަރިން ނުކުމެފައި ވެސް އެނބުރި ލޫކަން ބަލާލީ އައިރާއަށެވެ. މަޑުމަޑުން ބޯޖަހާލި އައިރާއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ނިކަން އަވަހަށް މޭޒު ކައިރީ ހުރި ޔާނާއަށް އޭނާ ބަލާލިއެވެ. އޭނާ ހުރީ ޒާތަކަށް ހިނިއައިސްފައި އައިރާއަށް ބަލާށެވެ.

"ޔޫ އާ ސޯ ލަކީ" ޒޭންއާއެކު ލޫކަން ނުކުމެގެން ދިއުމާއެކު ޔާނާ ބުނެލިއެވެ. އައިރާގެ ޒަމީރު އެ ބަސްތައް ޤަބޫލުކުރި ނަމަވެސް އެކަން އޭނާގެ މޫނުމަތީން ފާޅުވިޔަކަ ނުދިނެވެ.

މެންދުރުފަހު ޔާނާގެ ދަރިފުޅު ސުކޫލަށް ގެންގޮސްލާން ދިޔައީ އައިރާ ގޮވައިގެންނެވެ. ވިހަންވާ އިރަށް ވަރަށް ތައްޔާރުވާން ޖެހޭނެ ކަމުގައި ޔާނާ ބުންޏެވެ. ޔާނާ ދައްކާ ގިނަ ވާހަކަތަކަކީ އައިރާއަށް މުޅީން އާ ވާހަކަތަކެކެވެ. އޭނާއަށް ކަންކަން ބުނެދޭނޭ މީހަކު ނެތެވެ. މާބަނޑު ދުވަސްވަރާ ބެހޭ ގޮތުން އެނގުނު އެއްޗެއްވިއްޔާ ކިރިޔާ ވެސް އެނގުނީ މަރިޔަންދީއާއި ލޫކަންގެ ފަރާތުންނެވެ. އެހެންވެ ފަހުގެ ތައްޔާރީތަކަކީ ކޮބައިކަމެއް އައިރާ ނުދެނަހުއްޓެވެ. އައިރާ ގޮވައިގެން ބާޒާރު ކުރަމުން ޔާނާ ދިޔައެވެ. އޭނާ އައިރާއަށް ޓަކައި ޚަރަދު ކުރާތަން ފެނި އެކަމާ އައިރާއަށް އުނދަގޫތަކެއް ވިއެވެ. ނަމަވެސް މިއަދު އައިރާއަށް އެފަދަ ޚަރަދެއް އަމިއްލައަށް ކުރެވެންނެތް އިރު އޭނާވަނީ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެފަ އެވެ. ޔާނާގެ ވާހަކަތަކާއި އޭނާގެ ޢަމަލުތަކުގައި ދެއްކުންތެރިކަމެއް ނެތެވެ. އޭގެ ބަދަލުގައި އޭނާގެ އޯގާތެރިކަން އައިރާގެ ބޯ މަތީގައި އޮތް ވިލާގަނޑެއް ފަދައެވެ. ލޭގެ ގުޅުމެއްނެތް ނަމަވެސް އެއީ ކޮއްކޮއަކާއި ދައްތައެއް ފަދައެވެ. ހީނލާފައި ދޭތެރެއަކުން އައިރާގެ ގައިގާ ބައްދާލާއިރު ފެންނަ މީހަކަށް އެއީ އިހަށް ދުވަހު ބައްދަލުވި ދެ މީހުނޭ ބުނާކަށް ނޭނގޭނެ އެވެ.

"މިންނު ބަލާ ދާނީ އަހަރެން މަންމަ ގާތަށް ވަދެލާފައި ދޯ. އަހަރެން ބޭނުން އައިރާއާ އެމީހުން ބައްދަލު ކޮށްދޭން. ޒޭންއާ މެރީކޮށްގެން އައިފަހުން މިއުޅެނީ އެ ގޭގައި. މަންމައާއި ބައްޕަ ގާތަށް ދަންޏާ މިހަރު މިޖެހެނީ ކަމާކަންފަށާ ތައްޔާރުވެގެން ދާން. އައިރާ ފެނުނު ދުވަހުން ފެށިގެން އަހަންނަށް އިހުސާސް ކުރެވެނީ ތީ އަހަރުމެންނާ ވަރަށް ގާތް މީހެއްގެ ގޮތުގައި... ޔޫ ރިމައިންޑް މީ އޮފް ސަމްވަން ސްޕެޝަލް... އެކަމަކު އެ މީހާއާ ބައްދަލުވުމުގެ ނަސީބެއް ނުލިބޭ. އެނގޭ ބައްދަލުވިނަމަ ހުންނާނީ އައިރާގެ ތި ހުންނަ ފަދަ މަޑުމައިތިރި ކަމެއްކަން. ބުނެދޭން ނޭނގޭ ފަދަ ފިނިކަމެއް އިހުސާސް ކުރެވިގެންދޭ. އަހަންނަށް ޔަގީން ޒޭންއަށް ވެސް އައިރާއާ ބައްދަލުވުމުން ވީ އަހަންނަށް ވެސް މިވީ ފަދަ ގޮތެއްކަން. ހިތަށް އަރާ ކުރީން އަހަރުމެން ބައްދަލުވިނަމައޭ" ބާޒާރު ކުރި ކޮތަޅުތައް ހިފައިގެން ކާރު ޕާކުކޮށްފައި އޮތް ދިމާއަށް ޑްރައިވަރަކާއެކު ހިނގަމުން ދިޔަ ޔާނާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އައިރާ ހުރީ ވަރަށް ޝައުގުވެރިކަމާއެކުއެވެ. އެހެންނަމަވެސް އޭނާ އެ ދައްކާ ވާހަކައިގެ މުރާދަކީ ކޮބައިކަމެއް ނޭނގުނެވެ.

* * *

ދޮރާށި ހުޅުވާލި އަޑަށް ސޯފާގައި ރިމޯޓު ހިފައިގެން އިން އަޒާން ބޯ އަރިކޮށް ސިޓިންރޫމުގެ ދޮރުން ބޭރު ބަލާލިއެވެ. އެހިނދު މީހާއަށް ލިބިގެން ދިޔަ އުފާވެރިކަމާއެކު ރިމޯޓު ސޯފާމައްޗަށް ދޫކޮށްލާފައި ތެދުވެއްޖެ އެވެ.

"ޝަމް! ބަލާބަލަ މިއޮއް އައީ ކާކުތޯ" ބަދިގެ ފަރާތުގައި އުޅުނު ޝަމްލާ ކޮފީޖޯޑު ހިފައިގެން އޭރު ސިޓިންރޫމަށް ނުކުންނަނީ އެވެ.

"ދަރިފުޅުތަ؟ ކޮބާ މިންނު؟ ގޮވައިގެން ނޫންތަ ތި އައީ؟ މީ ކޮންކުއްޖެއްތަ؟" އަޒާންއަށް ކޮފީޖޯޑު ދިއްކޮށްލުމާއެކު ޝަމްލާ އަވަސްވެގަތީ ޔާނާއާ ބައްދަލު ކުރާށެވެ. ޔާނާ ފެނުމާއެކު އަޒާންއާއި ޝަމްލާގެ މޫނުމަތިން ފެނިގެންދިޔަ އަސަރުތަކާއި އެ މީހުންގެ ޢަމަލުތައް ހުރި ގޮތް އައިރާ ބެލިއެވެ. ދަރިއަކު ފެނުމުން މައިންބަފައިންގެ ފަރާތުން ފެންނަ އުފާވެރިކަމާއި ހިތްހަމަޖެހުން ދުރުގައި ބަލަން ހުންނަ މީހާގެ ލޮލަށް ވެސް ފިނިކަން ލިއްބައިދޭ މަންޒަރެކެވެ. އައިރާގެ ތުންފަތުގައި ވެސް ވީ އެފަދަ ހިނިތުންވުމެކެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އައިރާގެ ދިރިއުޅުން ބަދަލުވެއްޖެހެން އޭނާއަށް އިހުސާސް ކުރެވެން ފެށި އެވެ.

"ވިހަން ތައްޔާރުވެފައި ތިއިނީ... އަވަހަށް އާދޭ އިށީންނަން. ޔަގީން މިހާރު ތީ ނުވަމަހުގެ ބަނޑެއްކަން... ދޯ... އަދިވެސް ދަރިފުޅު ނުބުނަމެއްނު މީ ކޮންކުއްޖެއްކަން" ކައިވެންޏަށްފަހު ޔާނާއާއެކު ރަޙުމަތްތެރިއަކު އެ ގެއަށް ގެނައި މީ ފުރަތަމަ ފަހަރުކަމަށްވާތީ ޝަމްލާ ހުރީ އައިރާއަކީ ކާކުތޯ އޮޅުން ފިލުވާން ބޭނުންވެފަ އެވެ. އަނެއްކޮޅުން އައިރާގެ ކޮނޑުގައި ޝަމްލާ ފިރުމާލާފައި ސޯފާއާ ދިމާއަށް ގެންދިޔަ ގޮތުން އައިރާއަށް ދުރުހިލޭކަމެއް އިހުސާސެއް ނުވިއެވެ.

"މީ އައިރާ... އަޅުގަނޑުގެ ވަރަށް ގާތް ރަޙުމަތްތެރިއެއް" ޔާނާ ވާހަކަ ދެއްކިއިރު އަޒާން ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އަޅާފައި ހުރި ޝޯލްގެ ތެރެއިން ފެންނަމުންދިޔަ ކުޑަކުޑަ މޫނު މާޒީގެ ސޮފުޙާތަކުގައި އަބަދަށް ޓަކައި ފޮރުވިފައިވި ހަނދާނެއް އަޒާނަށް އަލުން އާވެގެން ދިޔައެވެ. އޭނާއަށް ވީގޮތް ޔާނާ ރަނގަޅަށް ވެސް ދެނެގަތެވެ.

"ބައްޕާ! އަޅުގަނޑުމެންނަށް އެހާގިނައިރު ތިބެވޭކަށްނެތް. މި ހިސާބުގައި އުޅޭތީވެ މިންނު ބަލާ ދިއުމުގެ ކުރީން ގެއަށް ވަދެލާން ކަމަށް މި އައީ"

"ޔާނާ މާ މަދީއޭ އަންނަލެއް" އައިރާއާ ނަޒަރު ވަކިކޮށްލަން އުނދަގޫވެފައި ހުރި ފަދަ ގޮތަކަށް އަޒާން ދަރިފުޅާ ވާހަކަ ދެއްކިއެވެ.

"ދެން އެކަމަކު ވެސް އެހާ އަވަހަށް ނުދާތި. އައިރާއަށް އެއްޗެއް ދީގެން ދާންވާނީ" ޝަމްލާ ޝަކުވާކޮށްލި އެވެ.
ޝަމްލާ ބަދިގެއަށް ވަން ވަގުތު އެ ދިމާއަށް ޔާނާ ހިނގައިގަތީ އައިރާ ގާތުގައި ސޯފާގައި މަޑުކޮށްލުމަށް ބުނެފައެވެ. އޭނާއަށް ބަދިގެއަށް ނުވަދެވިގެން އުޅެނިކޮށް އަޒާން ދަރިފުޅުގެ އަތަށް ދަމާލާ އެއްފަރާތް ކޮށްލިއެވެ.

"އެއީ ކޮންކުއްޖެއް؟ ބައްޕައަށް އެނގޭ އޭނާ ގޮވައިގެން ޔާނާ މިގެއަށް ތި އައީ ކޮންމެވެސް ކަމެއްވެގެންކަން" އަޒާނަށް އޭނާގެ ދަރިފުޅުގެ ގޮތް އެނގޭތީ އަހާލެވުނެވެ. އެއާއެކު ޔާނާ ހީނގަތެވެ.

"ބައްޕައަށް ވެސް ވައްތަރުވެއްޖެ ދޯ" ލާނެތް ގޮތަކަށް ޔާނާ ބުންޏެވެ. އެއާއެކު ރަކިވެފައި ހުރި ގޮތަކަށް އަޒާން ބޮލުގެ ފުއްކިބައިގައި އަތް ހިންގާލަމުން ހިނިތުންވެލިއެވެ. އަދި ބޯޖަހާލީ ޔާނާއާ އެއްބަސްވަމުންނެވެ. ހީވީ އަޒާންގެ ނަފްސަށް މާޒީވެ ގޮސްފައިވާ ޒުވާންކަމަކާއި ޖޯޝެއް ވެރިވެގެންދިޔައީ ހެނެވެ.

"ޔާނާ! މިހާރު ދެން ތިކަހަލަ ކަންތައްކުރުން ހުއްޓާލަންވެއްޖެއެއްނު" ދަރިފުޅުކޮށްލި ސަމާސާގައި ނަފުސު ބެހިގެން ނުދަނީސް އަޒާން ހަމަޖެހޭކަން ދައްކަން އުޅުނެވެ. ނަމަވެސް ޔާނާ އޭރު ވެސް ހުރީ ހިނިއައިސްފަ އެވެ. ބައްޕައާ އެފަދަ ސަމާސާއެއް އެ ކޮށްލެވުނީ ވަރަށް ޒަމާން ފަހުންނެވެ.

"ބައްޕައަށް ދައްކާލަން ގޮވައިގެން މި ގެނައީ. ފަހުން ގުޅާފައި އައިރާގެ ވާހަކަ ކިޔައިދޭނަން. އަޅުގަނޑާއި ޒޭން ވެސް ވަރަށް ހައިރާންވި. އެކަމަކު އައިރާއަކަށް އަދި ނޭނގޭނެ"

"ދެބަފައިން ކޮން ވާހަކައެއްގައި... އައިރާ އެކަނި ބައިންދާފައި ކީއްވެތަ ތި އައީ" އޮރެންޖު ފަނިތަށްޓަކާއި މެންދުރަށް ހަދާފައި ހުރި "ފުރުޓުސެލެޑު" ތަށްޓެއް ތަބަކަށް ލައިގެން ބަދިގެއިން ނުކުން ޝަމްލާ ބުންޏެވެ. އެއާއެކު ދަރިފުޅުގެ ބޮލުގައި އަތް ހިންގާލާފައި ގާތްކޮށްލަމުން ހިނިއައިސްފައި ހުރެ އަޒާން ހިނގައިގަތީ ސިޓިންރޫމަށް ނުކުންނާށެވެ.

* * *

ހެނދުނު ހެނދުނާ ލޫކަންއަށް ގުޅާން ހުރި ޤައިސްއަށް ވަގުތުވީ މެންދުރު ފަސްވެ ތިނެއް ޖެހިފަހުންނެވެ. މަޑު ހިނގުމުގައި އައިސް އަމިއްލަ ކެބިންގެ ތެރެއަށް ވަދެ ރަނގަޅަށް ދޮރު ލައްޕާލުމާއެކު އޭނާ ދަރިފުޅަށް ގުޅި އެވެ.

"ކޮންތާކު؟" ޤައިސް ފުރަތަމަ ވެސް ކުރީ ސުވާލެކެވެ.

"ބޭރުގަ..." ޒޭންމެން ގޭގައި ކަމެއް އޮތުމުން އޭނާއާއެކު ވަގުތު ހޭދަކުރަން ދުވަސްކޮޅަކަށް އެގެއަށް ލޫކަން ބަދަލުވީކަން ޤައިސްއަށް އެނގުނަސް އޭނާ އެގޭގައި އެހެން މީހުން ފަދައިން ދިރިއުޅެނީކަން އެނގޭކަށް ލޫކަން ބޭނުމެއްނުވިއެވެ. އެހެންވެ ޑިއުޓީ ނިންމާފައި ޒޭންއާއެކު ހޮސްޕިޓަލުން ނުކުންނަނީކަން ލޫކަން ސިއްރުކުރީ އެވެ.

"ބައްޕައާ ބައްދަލުކޮށްލަން އަންނާންވީނު... ދަރިފުޅު މިކޮޅުގައި ހުރެ ގެއަށް ނިދާން ނާންނާތީ ބައްޕައަށް ވަރަށް އުނދަގޫވޭ" ޤައިސްއަށް އިވިފައިވާ ވާހަކަތައް ބުނާނޭ ގޮތެއް ވެސް އޭނާއަކަށް ނޭނގެ އެވެ. ނަމަވެސް އެކަންކަން ޔަގީންކުރާން އޭނާ ބޭނުމެވެ.

"ޑޭޑް ބުނާތަނަކަށް އަޅުގަނޑު ހިނގައިދާނަން. ޒޭންއާއެކު ކާރުގައި މިއުޅެނީ... އޭނާ ގޮވައިގެން ދިޔަޔަސް އެންމެ ރަނގަޅުތަ؟"

"މިވަގުތު ބޭނުންވަނީ ލޫކްއާ އެކަނި ބައްދަލުކޮށްލަން" ޤައިސް ބޭނުންވާ ގޮތް ހާމަކުރިއެވެ. އަދި ފޯނުކޯލު ކަނޑާލުމުގެ ކުރީން އޭނާގެ އޮފީހަށް އައުމަށް ލޫކަން ގާތުގައި ޤައިސް އެދުނެވެ.

ހުދާއިކަޅު އެކުލެވޭ އަތްކުރު ޓީޝާޓާއި ކަޅުނޫކުލައިގެ ޖީންސުގައި ހުރި ލޫކަން އައިސް ޤައިސްގެ ކެބިންގެ ދޮރުގައި ޓަކި ޖަހާލުމާއެކު މަޑުމަޑުން ދޮރުހުޅުވާލިއެވެ. އެއާއެކު ޤައިސް އަތުން އިޝާރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ. ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެފައި ޤައިސް އިންހެން ލޫކަންއަށް އޭނާ ފެނި ހީވިއެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކޮށް އައި ގޮތަށް އައިސް ޤައިސްގެ މޭޒު ކުރިމަތީ ހުރި ގޮނޑީގައި އިށީންނަން އުޅުނެވެ. އެވަގުތު އެއްފަރާތުގައި ހުރި ލެދަރު ސޯފާއަށް އައުމަށް ގޮނޑިން ތެދުވި ޤައިސް އެދުނެވެ.

"ދަރިފުޅު ނެތީމަ ގޭތެރެ ވަރަށް ފަޅު" ސޯފާގައި އިރުކޮޅަކު ލޫކަންއަށް ބަލަން އިނދެފައި ޤައިސް ބުންޏެވެ.

"އެހާ ގިނަ ދުވަހެއް ނުވާނެ... އަޅުގަނޑު އެނބުރި ދާނީ ހަމަ ޑޭޑްގެ ގާތައް. އެހެންތަނެއް ނޯންނާނެއެއްނު އަޅުގަނޑު ދާކަށް" ހިނިތުންވަމުން ލޫކަން ބުންޏެވެ. އޭނާގެ މޫނުމަތީން ދޮގު ހަދާކަމުގެ އަލާމާތެއް ޤައިސްއަކަށް ފާހަގައެއް ނުވިއެވެ. ވާހަކަ ކުރިއަށް ގެންދަން އުނދަގޫވީ އެހެންވެއެވެ. އޭނާ ޤައިސްއަށް ކަމެއް އޮޅުވާލާފާނޭހެން އަމިއްލަ ހިތާއި ޟަމީރު ވެސް އެއްބަސްނުވާތީއެވެ.

"ލޫކް ކުއްޖަކާ ރައްޓެހިވެގެންތަ ތި އުޅެނީ؟ އެނގޭތަ ބައްޕަ ލޫކްގެ ނިންމުން ތަކަށް ފާޑު ނުކިޔާނޭކަން. އެކަމަކު ދިރިއުޅޭން ޚިޔާރުކުރާންވާނީ ރަނގަޅު ކުދީން" ކުއްލިއަކަށް ޤައިސް ފެށި ވާހަކައަކުން ލޫކަންގެ ބޮލުގައި ރިއްސާލިއެވެ.

"ތިކަހަލަ ކަމެއް ކުރިނަމަ ޑޭޑްއާ ހަމައަށް އެ ކުއްޖަކު ނުގެންގޮސް ނުހުންނާނަން" ދެން ވެސް ލޫކަން އިނީ ހިނިތުންވެލައިގެންނެވެ. ވާހަކަ ދާ މިސްރާބު އެނގެން ބޭނުންވެފަ އެވެ. އޭނާގެ ޟަމީރު ބުނަނީ ޤައިސްގެ ދުލުން ރުބީނާގެ ވާހަކަތަކެއް އިވޭން އުޅޭ ކަމެވެ.

"ބައްޕަ ވާހަކައެއް އަހައިފިއްޔާ ލޫކް ދޮގު ނުހަދާ ބުނާނަންތަ؟" ޤައިސްގެ މޫނުމަތިން ސީރިއަސްކަން ފެންނަން ހުއްޓެވެ. އެހިނދު ލޫކަން ކިޔަމަންތެރިކަމާއެކު ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

"ރޫބީ ގެނެސްފައި ހުރި އަންހެންކުއްޖަކާ ލޫކް ބައްދަލު ކުރަންތަ؟ އަންހެނަކާއި ފިރިހެނަކު ގާތްވާއިރު ބައެއްފަހަރު އެ ދެމެދުގައި ލޯބި ނެތި ވެސް ހިނގައިދާނެ. އެހެން ކަހަލަ ގުޅުން ތަކެއް ވެސް ހިނގައިފާނެ. ލޫކް އެފަދަ އަމަލެއް ހިންގަނީތަ؟ ބައްޕަ އެކަހަލަ ކަންކަމަށް ހިތްވަރު ނުދޭނެކަން ލޫކްއަށް އެނގޭނެ" ޤައިސްގެ ވާހަކައިން ލޫކަން އަޖައިބުވެ އަންތަރީސްވި އެވެ. ދެ ބުމަ ގޮއްޖާލެވުނީ ހައިރާންކަމުގައި އިރުކޮޅަކު އިނުމަށްފަހު އެވެ.

"ތި ފަދަ ހުތުރު ވާހަކައެއް ޑޭޑް ގާތުގައި ދެއްކީ ކާކުތޯ އަޅުގަނޑަށް އެހިދާނެތަ؟"

"އެމީހަކު ބެލުމެއް ނޫން މިވަގުތު މުހިންމީ. ބައްޕަ މި ކުރާ ސުވާލުތަކަށް ލޫކް ޖަވާބު ދީބަލަ"

"ފުރަތަމަ ފަހަރަށް ޑޭޑް އަޅުގަނޑަށް ކުރާ އިތުބާރު ގެއްލިއްޖެކަމުގެ އިހުސާސް ކުރެވިއްޖެ. އަޅުގަނޑު އެފަދަ ޢަމަލެއް ނުހިންގަން. އިރާދަކުރެއްވިއްޔާ ކައިވެނީގެ ބޭރުން އެފަދަ ޢަމަލެއް އަންހެން ކުއްޖަކާއެކު ނުވެސް ހިންގާނަން. އަންހެނުންނަކީ އެފަދަ ދަށުދަރަޖައިގެ ޢަމަލު ހިންގަން ތިބި ބައެއް ނޫން. އެފަދަ ގޮތަކަށް އަންހެނަކަށް އަޅުގަނޑު ނުބަލާނޭކަން ވެސް ޑޭޑްއަށް އެނގޭނެ ކަމަށް ހީކުރީ"

"ރޫބީ ގޭގައި ބެހެއްޓި އަންހެންކުއްޖާ ގޮވައިގެން ލޫކް ގެއިން ނުކުމެގެން ދިޔަކަން ޚާދިމުންނަށް ވެސް އެނގޭ ކަމުގައިވޭ. އެހެންވީރު އެކަމަށް ކީކޭ ބުނާނީ" ޤައިސްގެ ވާހަކައަކަށް ލޫކަން އިރުކޮޅަކު މަޑުޖެހުނެވެ.

"އެބުނާ އަންހެންކުއްޖަކީ ކާކުކަމެއް ނޭނގުނަސް... އަންހެންކުއްޖަކާ ބައްދަލުވި. އޭނާ ފޮށިހިފައިގެން ނުދެވިގެން އުޅޭތީ އެ ފޮށި ނެރެދިނީ އަޅުގަނޑު. ދެ މީހުން ވެސް ދަނީ އެއްތަނަކަށްވީމަ އަޅުގަނޑާއެކު ކާރުގައި އޭނާ ގެނައީ... އަންހެންކުއްޖަކު އެކަނި އުޅޭތަން ފެނުމުން އެހީވާންވެގެން އެ ހުރިހާ ކަމެއް ކޮށްދިނީ... އެއަށްފަހު އޭނާ ނުދެކެން. އެހެންނޫނަސް އެއީ ކޮންއަންހެންކުއްޖެއްތަ؟ ރޫބީ ކީއްކުރަން ގެނެސްގެން އުޅޭ އަންހެންކުއްޖެއްތަ؟ އެއީ ރޫބީގެ ކާކުތަ؟ އަޅުގަނޑުމެންގެ ގޭގައި އޭނާ ހުންނަންޖެހުނީ ކީއްވެ؟ ކޮންމެ ކޮންމެ އަންހެންކުއްޖަކު ގެއަށް ނުގެނެޔަސް ވެދާނެއެއްނު" އިސްޖަހާލައިގެން އިން ލޫކަންގެ ވާހަކަ އަޑުއަހާފައި ދަރިފުޅަށް އިނގިލި ދިއްކުރާނޭ ޖާގައެއްނެތްކަމުގައި ޤައިސްއަށް ވިސްނުނެވެ. ލޫކަން ވެސް މިވަގުތަށް ހުރިހާ ކަމެއް ޤައިސްއަށް އަންގަން ބޭނުން ނުވީއެވެ.

"ދަރިފުޅު ބައްޕައަށް ދޮގު ނުހަދައްޗޭ. އެ އަންހެންކުއްޖާގެ ކޮޓަރިއަށް ދަންވަރު ލޫކް ވަނީމެއްނު. އެގޮތަށް ކިތަންމެ ރެއަކު ވަންނަމެއްނު. އެ އަންހެންކުއްޖާ ގޮވައިގެން ގެއިން ބާރަށް ވެސް ދަމެއްނު"

"ޑޭޑް! ކޮންކަހަލަ ވާހަކަތަކެއް ތި ދައްކަނީ... އަޅުގަނޑަށް ތި ވާހަކަތައް އަޑުއަހަން ވެސް އުނދަގޫ. ތިބުނާ ފަދަ ކަމެއް އަޅުގަނޑު ކުރަނިކޮށް ފެނުނުނަމަ އެމީހެއްގެ ލޮލުގައި މައްސަލައެއް ހުރީ. ﷲ ގަންދީ ހުވާ ކުރާން އަޅުގަނޑަށް ކެރިދާނެ ތިބުނާ ފަދަ ހުތުރު މުޑުދާރު ޢަމަލުތަކެއް ގޭގައި ހުރިކަމަށް ތިބުނާ އަންހެންކުއްޖަކާއެކު އަޅުގަނޑު ނުހިންގަންކަން. އައި އޭމް ސޮރީ ޑޭޑް. އިތުރަށް ދައްކާނޭ ވާހަކައެއްނެތް. އަޅުގަނޑު ދެން ގޮސްލަނީ"

"ލޫކް! މަޑުކޮށްބަލަ..." ޤައިސް ކަންބޮޑުވުމާއެކު ގޮވާލި އެވެ.

"ޑޭޑްއަށް އެނގޭނީ ޤަބޫލު ކުރަންވީ ކާކުގެ ވާހަކައެއްކަން. ތި ދޮގު ވާހަކަތައް ދައްކާ އޮޅުވާލަން މަސައްކަތްކުރާ މީހާއަށް އިތުބާރު ކުރާނީތޯ ނޫނީ ޑޭޑްގެ މި ދަރިފުޅަށް އިތުބާރު ކުރާނީތޯ... އިޓްސް އޯލް އަޕް ޓު ޔޫ" ލޫކްއަށް ހަޤީޤަތް އެނގި ހުރެ ނުރުހުންވެފައި ހުރިކަން ފާޅުކުރިއެވެ.

"ރުޅި ނާދޭ ލޫކް. ބައްޕަ ވެސް މަސައްކަތް މި ކުރަނީ ހަޤީޤަތް އެނގެން. ދަރިފުޅާ ގުޅޭ ވާހަކައެއް ބައްޕަގެ ކަންފަތާ ހަމައަށް އައުމުން އެކަން ޔަގީންކުރަން އަހަން ހުރީ ހަމަ ދަރިފުޅު ގާތުއެއްނު"

"ޓްރަސްޓް މީ ޑޭޑް... ދުވަހަކު ވެސް ޑޭޑްގެ އިއްޒަތާއި ޤަދަރަށް އުނިކަމެއް އައިސްދާނޭ ވަރުގެ ކަމެއް އަޅުގަނޑު ނުކުރާނަން. އެއަށްވުރެ ޑޭޑްގެ މި ދަރިފުޅަށް ހެވާއި ނުބައި ވަކިވޭ. އެކަމަކު މިހާރު އެނގިއްޖެ ކޮންމެވެސް މީހަކު ޑޭޑަށް ކަމެއް އޮޅުވާލަން މަސައްކަތް އެބަ ކުރޭކަން. އަޅުގަނޑާއި ޑޭޑްއާ ދެމެދަށް އެކަކަށް ވެސް ނުވަދެވޭނެ" ލޫކަން ބުނެލި ބަސްތަކުން ޤައިސްގެ ނަފްސަށް އުނދަގޫ އިހުސާސެއް ކުރެވުނެވެ. ރުބީނާއާ މެދު ފުރަތަމަ ފަހަރަށް ހިތުގައި ސުވާލު އުފެދުނެވެ. ރުބީނާގެ ވާހަކަތައް އިވިފައި ޤައިސްގެ ހިތަށް އެހާ އުނދަގޫވީ ކީއްވެކަން އޭނާއަށް އެނގިއްޖެ އެވެ. ދަރިފުޅު ނުކުރާކަމެއް ޤަބޫލު ކުރަން ޖެހުނީމަ އެވެ. އެކަމަކު އަދިވެސް ނޭނގެނީ އެފަދަ އިލްޒާމެއް ލޫކަން ބޮލުގައި އަޅުވާން ޖެހޭ ސަބަބެވެ. ރުބީނާއާއި ލޫކަންގެ ދެމެދުގައި ގުޅުން ރަނގަޅު ނޫންހެން މިފަހަކަށް އައިސް ޤައިސްއަށް އޮތީ ފާހަގަވެފައެވެ. އެއީ ބޮޑުކަމަކަށް ޤައިސް ނުހެދީ އެވެ.

"ހިނގާބަލަ! މިއަދު ބައްޕަ ބޭނުން ޒޭންގެ ބައްޕައާ ވެސް ބައްދަލުކޮށްލަން. ދަރިފުޅު ހުންނަނީ ކޮންކަހަލަ ތަނެއްގައިކަން އެނގުނީމަ ބައްޕައަށް ވެސް ހިތްހަމަޖެހުން ލިބޭނީ" ޤައިސްގެ އެދުމާ ލޫކަން ދެކޮޅެއް ނުހެދި އެވެ. އޭނާ އަދިވެސް ކަމެއް ޔަގީން ކުރާން މަސައްކަތް ކުރަނީކަން ލޫކަން ދެނެގަތެވެ. ޤައިސްއާއެކު އޭނާގެ ކެބިންއިން ނުކުންނަމުން ލޫކަން ނިކަން އަވަހަށް ފޯނުން ޒޭނަށް މެސެޖެއް ލިޔެ ފޮނުވާލި އެވެ.

* * *

"އޯކޭ...." ޒޭންއާ ފޯނުން ވާހަކަދައްކަން ހުރި ޔާނާ ބުންޏެވެ. އަދި ފޯނުކޯލު ކަނޑާލާފައި އޭނާ އެނބުރިލީ އައިރާއާ ދިމާއަށެވެ. ކުޑަކުޑަ މިންނުއާ ވާހަކަދައްކަން ކާމޭޒުދޮށުގައި އޭނާ އިނެވެ.

"އައިރާ! ލޫކްގެ ބައްޕަ އެބައާދޭ... ލޫކް ބުނީ އައިރާ ފޮރުވާށޯ... އޭނާގެ ބައްޕަ މިގެއިން ނުކުތީމާ ނޫނީ އައިރާ ބޭރަށް ނުނިކުންނައްޗޯ. ފަހުން ހުރިހާ ވާހަކައެއް ކިޔައިދޭނަމޯ" އަވަސްއަރުވާލާފައި ޔާނާ ވާހަކަ ދެއްކި އެވެ.

"ޤައިސް... ރުބީނާ ވެސް އަންނަނީތަ؟" އައިރާގެ މުޅި ޠަބީޢަތް ގޯސްވި ކަހަލަ އެވެ. ގޮނޑިން ތެދުވެވުމާއެކު އައިރާ ހަދާނޭ ގޮތެއް ނޭނގިގެން ކޮޅުކޮޅަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ޔާނާ އައިސް އައިރާގެ އަތުގައި ހިފިއެވެ.

"އައިރާ ތި ހުރީ މިގޭގައި. ބިރު ނުގަނޭ... އެކަކު ވެސް ނުބުނާނެ އައިރާ މިގޭގައި ހުރި ވާހަކައެއް. ބައްޕަ ވެސް ނުބުނާނެ. އައިރާގެ ކޮޓަރީގައި މަޑުކުރޭ. ލޫކްގެ ބައްޕަ ދިއުމުން އަހަރެން އަންނާނަން އައިރާ ބަލާ. ފޯނު ހިފައިގެން އިންނާތި. ކޮޓަރީގައި ޓަކި ޖެހުމުގެ ކުރީން އަހަރެން އައިރާއަށް ގުޅާނަން... ދެން ދޭ އަވަހަށް ކޮޓަރިއަށް" އައިރާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން އޭނާއާ ނަޒަރު ސީދާކޮށްލައިގެން ހުރެ ޔާނާ ވާހަކަދެއްކީ ބަހުގެ ޔަގީންކަން ދޭ ފަދައިންނެވެ. އައިރާ އއަވަސް އަވަހަށް ބޯޖަހާލައިފައި މައްޗަށް އަރަން ހުރި ފުޅާ ސިޑިއާ ދިމާއަށް ހިނގައިގަތެވެ. (ނުނިމޭ)