ދުނިޔެ

ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް ޗައިނާއަށް ކުއްޔަށް ދީފި

ސްޓްރެޓެޖިކް ގޮތުން މުހިއްމު ސަރަހައްދެއްގައިވާ ހަމްބަންޓޯޓާ ބަނދަރު ޗައިނާ ސަރުކާރުގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސްރީލަންކާއިން ސޮއިކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ ޗައިނާ މާޝަންޓް ޕޯޓް ހޯލްޑިންގްސް ( ސީއެމްޕޯޓްސް)އާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއާއި ދެމެދު ލަންކާގެ ވެރިރަށް ކޮލަމްބޯގައި އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ 70 ޕަސެންޓް ހިއްސާ ސީއެމްޕޯޓަށް ވިއްކާލާނެއެވެ.

އަދި 99 އަހަރު ވަންދެން އެ ބަނދަރު ހިންގާނީ ދެކުންފުނި ގުޅިގެން އުފައްދާ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނީގެ މައިގަނޑު ހިއްސާ ( 70 ޕަސެންޓް ހިއްސާ ) އޮންނާނީ ސީއެމްޕޯޓަށް ކަމަށްވާތީ ބަނދަރުގެ ކޮންޓްރޯލް އޮންނާނީ އެކުންފުންޏަށެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ބަނދަރު ތަރައްގީކުރަން 1.12 ބިލިޔަން ޑޮލަރު ހަރަދުކުރާ އިރު އޭގެ ތެރެއިން 794 މިލިޔަން ޑޮލަރު ހަރަދުކުރާނީ ސީއެމްޕޯޓުންނެވެ. އަނެއްބައި ހަރަދުކުރާނީ ސްރީލަންކާ ޕޯޓްސް އޮތޯރިޓީންނެވެ.

ބަނދަރު ޗައިނާއަށް ކުއްޔަށް ދިނުމުގެ އެއްބަސްުވުމުގައި ލަންކާއިން ސޮއިކޮށްފައި މިވަނީ އެގައުމުގެ އިދިކޮޅު ފަަރާތްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. އަދި އަވަށްޓެރި އިންޑިއާއިން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
( ކޮލަމްބޯ ގެޒެޓް)