ދުނިޔެ

ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަން މިއަދު މަޝްވަރާކުރާނެ

ގަތަރާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަން ސައުދީ ގްރޫޕުން މިއަދު މަޝްވަރާކުރާނެ ކަމަށް އަރަބި ނޫހަކުން ބުނެފިއެވެ.

އަލް ހަޔާތު ނޫހުން ބުނީ ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަން މަޝްވަރާކުރައްވާނީ ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އަދި މިސްރުގެ ފޮރިން މިނިސްޓަރުން ބަހުރައިންގެ ވެރިރަށް މަނާމާގައި މިއަދު ބާއްވާ ބައްދަލުވުމެެއްގައި ކަމަށެވެ.

ގަލްފުގެ މަސްދަރުތަކަކާ ހަވާލާދީ އެނޫހުން ބުނީ ފޮރިން މިނިސްޓަރުން މަޝްވަރާކުރައްވާނީ ގަތަރުގެ އިގުތިސާދަށް ލަސްލަހުން އަސަރުކުރާ ފަދަ ފިޔަވަޅުތަކެއް އެޅުމަށް ކަަމަށެވެ.

ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއަށް ފަހު އެގައުމުތަކުން އެދޭ 13 ކަމެއް ކުރަން ގަތަރަށް ޑިމާންޑް ކުރިއެވެ. . އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމާއި އަލް ޖަޒީރާ ބަންދުކުރުން އޭގެ ތެރޭގައި ހިމެެނެ އެވެ. އެއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަތަރުން ބުނެފައި ވަނިކޮށް ގުޅުން ކަނޑައިލި ގައުމުތަކުން މިހާރު ވަނީ ޑިމާންޑްތައް ދޫކޮށްލާފައެވެ.