ހަބަރު

ވިލުފުށީގައި ސަރުކާރު މުވައްޒަފުންނަށް ހާއްސަ ތަމްރީން ތަކެއް

ތ. ވިލުފުށީގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.

ވިލުފުށީ ކައުންސިިލުން ބުނީ މިޕްރޮގުރާމަކީ ވިލުފުށީގައި ރައްޔިތުންނަށް ހިދުމަތްކުރުމުގައި ހަރަކާތްތެރިވާ ސިވިލްސާރވިސްގެ ތިން އިދާރާއެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ވިލުފުށީ ކައުންސިލް އިދާރާ އާއި، ވިލުފުށީ ސުކޫލް އަދި ވިލުފުށީ ސިއްހީ މަރުކަޒެވެ.

އެ ކައުންސިލުން ބުނީ މި ތަމްރީން ޕްރޮގްރާމުގެ އަމާޒަކީ، ވިލުފުށީގައި ރައްޔިތުންނަށް ހިދުމަތްކުރަމުންދާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުން ހާސިލް ކުރެވޭ ފަދަ ހިދްމަތްތަކަކަށް ވިލުފުށީގައި ދެމުންދާ ހިދުމަތްތައް ހެދުމަށްޓަކައި ޒަމާނީ ބަދަލުތައް ތައާރަފްކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގުރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ކާމިޔާބު މުވައްޒަފަކަށް ވުމަށްޓަކައި އުއްމީދީ މިޒާޖެއް އަށަގެންނެވުމުގެ މުހިންމުކަމާއި ކާމިޔާބު މީހަކަށް ވުމަށްޓަކައި އަމިއްލަ ނަފްސް ތަރައްގީކުރާނެ ޒަމާނީ ގޮތްތައް އަންގައިދިނުމުގެ އިތުރުން ޚިދުމަތްދިނުމުގައި ގެންގުޅެންވީ ޒަމާނީ އުކުޅުތަކަށް މުވައްޒަފުން ތަމްރީން ކުރުމަށެވެ.

ވިލުފުށީ ކައުންސިލްގެ އެދުމަކަށް މި ޕްރޮގުރާމްގެ ބައިވެރިންނަށް ތަމްރީން ދީފައިވަނީ މީހުން ބިނާކުރުމުގެ ދާއިރާއިން ހިއްވަރުދިނުމުގެ ޤައުމީ އިނާމް ހާސިލްކޮށްފައިވާ މާސްޓާ ޓްރެއިނަރު ހަސަން ޝިޔާމް އާއި ކަސްޓަމާ ސާރވިސްގެ ދާއިރާ އިން މީހުން ތަމްރީން ކުރުމުގައި މަސައްކަތްކުރަމުންދާ ޒިޔާނާ ޢަބްދުލް މަޖީދެވެ.