ބޮލީވުޑް

ވަރުން ވެސް ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފި

Jul 31, 2017

މި އަހަރުގެ ކުރިކޮޅު ނިކުތް "ބަރްރިނާތްކީ ދުލްހަނިޔާ" އަށް ލިބުނު ކާމިޔާބާ އެކު ޒުވާން އެކްޓަރު ވަރުން ދަވަންގެ މަގުބޫލުކަން ވަނީ ކުރިއަށް ވުރެން ބޮޑުވެފަ އެވެ.

ކްރިޓިކްސް އާއި ބެލުންތެރިން ވަރުން އެ ފިލްމުގައި ދައްކުވާފައިވާ އެކްޓިން އަށް ތައުރީފު ބަންޑުން ކޮށްލާފައިވާއިރު، އެ ފިލްމުގެ ކާމިޔާބާ އެކު ވަރުން މިވަނީ އޭނާ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފަ އެވެ.

ހޮނިހިރު ދުވަހު "ޖުޅްވާ 2" ގެ ޝޫޓިން ނިންމާލި ވަރުން ފިލްމު ކުޅެދޭ އަގުބޮޑުކޮށްފައިވާއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅެން ފަށާނީ ޔާޝް ރާޖް ފިލްމްސްގެ "ސުއި ދާގާ" އެވެ.

މި ފިލްމާ އެކު ފިލްމު ކުޅެދޭ އަގު ވަރުން ބޮޑުކޮށްފައިވާ ކަމުގެ ވާހަކަަތައް ދެކެވެމުން އަންނައިރު، އޭނާ މި ފިލްމު ކުޅެދޭން އެެއްބަސްވެފައިވަނީ "ބަދްރިނާތްކީ ދުލްހަނިޔާ" އަށް ވުރެން މާ ބޮޑު އަގެއްގައި ކަމަށްވެ އެވެ.

"ސުއި ދާގާ" އަކީ ޔާޝް ރާޖްގެ ފިލްމަކަށް ވެފައި މި ފިލްމު ބޮޑު އަގެއްގައި ކުޅެދޭން ވަރުން ނިންމީ ކުރިން ފިލްމުގެ ލީޑްރޯލު ރަންބީރު ކަޕޫރަސް ހުށަހަޅާފައި ވުމާއި މިފަހުން ރިލީޒްވި އޭނާގެ ގިނަ ފިލްމުތަަކަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުމެވެ.

އަދި ވަރުން ފުރަތަމަ މި ފިލްމު ކުޅެދޭން އެއްބަސްވި އަގު ޔާޝް ރާޖްސް އަށް ބޮޑުވި ނަމަވެސް އޭނާ ވަނީ އަގު ކުޑަކޮށްދޭން ދެކޮޅު ހަދާފަ އެވެ.

މި ފިލްމު ވަރުން ބޮޑު އަގުގައި ކުޅެދޭ ވާހަކައާ ގުޅިގެން ޔާޝް ރާޖް ފިލްމްސްގެ ސްޕޯކްސްޕާސަން ވަނީ އެ ކުންފުނިން އުފައްދާ ފިލްމުތައް ތަރިން ކުޅެދޭ އަގު ހާމަކުރުމަކީ އެމީހުންގެ ޕޮލިސީއެއް ނޫން ކަމަށް ބުނެފަ އެވެ.

ވަރުން އާއެކު "ސުއި ދާގާ" އިން ބަތަލާގެ ރޯލުން ފެނިގެންދާނީ އަނުޝްކާ ޝަރްމާ އެވެ.

ދެން އެންމެ ރިލީޒްވާ ވަރުންގެ ފިލްމަކީ "ޖުޅްވާ 2" އެވެ. ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ރިލީޒްވާ މި ފިލްމަކީ ވަރުންގެ ބައްޕަ ޑައިރެކްޓްކޮޑްފައިވާ ފިލްމެކެވެ. އޭނާ އާއެކު މި ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ޖެކުއަލީން ފާނެންޑޭޒް އާއި ތާޕްސީ ޕަނޫ އެވެ.

މި ފިލްމަކީ 1997 ވަނަ އަހަރު ނިކުތް "ޖުޅްވާ" ސީކުއަލް އެކެވެ.