ވިޔަފާރި

ފަސޭހަތަކާ އެކު ބީއެމްއެލްގެ އާ ކަސްޓަމަ ސާވިސް ސެންޓަރެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން އަމީނީ މަގު ގާކޮށީގައި މުޅިން އަލަށް ކަސްޓަމަ ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

ކަސްޓަމަ ސާވިސް ސެންޓަރު ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ. ބޭންކުން ދޭ ގިނަ ހިދުމަތްތަކެއް ދެމުން ގެންދާނީ އެ ސެންޓަރުންނެވެ. އަދި އެ ސެންޓަރުގައި، ފައިސާ ނަގައި ޖަމާ ކުރެވޭ، ސެލްފް ސާވިސް ހަތަރު އޭޓީއެމް މެޝިން ވެސް ވަނީ ބަހައްޓާފައި ވެއެވެ.

އެ ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޗެކް ފޮތް ދޫކުރުން، ސްޓޭޓްމަންޓް ދިނުން، ކްރެޑިޓް އަދި ޑެބިޓް ކާޑު ނެގުން ހިމެނެ އެވެ. މީގެ އިތުރުން މޮބައިލް ބޭންކިން އަދި އިންޓަނެޓް ބޭންކިން ޚިދުމަތަށް ވެސް އެދުމުގެ ފުރުސަތު ހިމެނެ އެވެ.

ރަސްމިއްޔާތުގައި އެންޑްރޫ ވިދާޅުވީ ޓެކްނޮލޮޖީގެ އާ ހިދުމަތްތަކާއެކު ރޭ ހުޅުވި ސެންޓަރުން ކަސްޓަމަރުންނަށް އަވަސް ހިދުމަތެއް ފޯރުކޮށް ދިނުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެ ސާވިސް ސެންޓަރަކީ ބީއެމްއެލްގެ ތަރައްގީއަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި އާ ސެންޓަރުގެ އެންމެ ޒަމާނީ ސެޓަޕާއި ހުޅުވާފައި ހުންނަ ވަގުތު އިތުރުވުމުގެ ސަބަބުން ކަސްޓަަމަރުންނަށް މާލެއިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"މިއަށްފަހު ކަސްޓަމަރުންނަށް ދެން ލިބެމުންދާނީ ހަމައެކަނި އަވަސް އަދި ރަނގަޅު ހިދުމަތެއް އެކަންޏެއް ނޫން، ލިބިގެންދާނެ އުފާވެރި އަދި ހިތްހަމަޖެހިގެންދާނެ ފަދަ ތަޖުރިބާއެއްވެސްމެ، ކަސްޓަމަރުންނަށް ރަނގަޅު ފެންވަރެއްގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ވަރަށް ބޮޑު ހޭދައެއް ކުރެވިފައިވޭ. މިއަހަރު އެކަނިވެސް 300 މިލިއަން ރުފިޔާ އިންވެސްޓް ކުރެވިފައިވޭ." އެންޑްރޫ ހީލީ ވިދާޅުވި އެވެ.

އެ ސެންޓަރުން ތަފާތު އާ ހިދުމަތްތަކެއްވެސް ވަނީ ތައާރަފް ކޮށްފަ އެވެ. އޭގެ ތެރޭގައި ކަސްޓަމަރުންނަށް އިށީނުމަށް ސޯފާ ގޮނޑި ހިމަނާފައި ވެއެވެ. އަދި އެތަނުގެ ތެރޭގައި ކޮފީ މެޝިނެއް ބަހައްޓައި ކޮފީ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެ ސެންޓަރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް ހުޅުވާފައި ހުންނާނެއެވެ.