ހަބަރު

ސިފައިންގެ އެހީގައިވެސް މަސީހަށް ޖަލްސާ ކުރިއަކަށް ނުގެންދެވުނު

Jul 31, 2017
24

އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން މިއަދު މަޖިލީހުގެ ޗެމްބަރު ތެރޭގައި ހަޅުތާލުކޮށް އަޑުގަދަ ކުރާތީ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެ އެވެ. މަޖިލީހުގެ ޖަލްސާ ފެށޭތޯ ސިފައިންގެ ފައުޖަކާ އެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ޗެމްބަރަށް ވަޑައިގެން ރިޔާސަތުގައި އިށީދެ ވަޑައިގެން ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖަލްސާާ ހުއްޓާލަން ޖެހުނެވެ.

މިއަދު ހެނދުނު 9:00 އަށް އެޖެންޑާ . ކުރި ޖަލްސާ ފެށުމުގެ ކުރިން އިދިކޮޅު މެންބަރުން . މަޖިލީހުގެ ޗެމްބަރަށް ވަދެ މަސީހު އިންނަވާ ގޮނޑިކޮޅު އެތަނުން ނަގައިގެން މަޖިލީހުގެ ގޯތި ތެރެއަށް ނެރުނެވެ. އަދި އެއަށް ފަހު މަޖިލީހުގެ ރިޔާސަތުގެ މޭޒަށް އިދިކޮޅު މެންބަރުން ވަދެ، އެތަން ހިސޯރުކުރި އެވެ. އެއާ އެކު މަޖިލީހުގެ ސެކިއުރީޓީ ބަލަހައްޓާ އެމްއެންޑީއެފްގެ ގާޑުން މަޖިލީހުގެ ޗެމްބަރަށް ވަދެ ރިޔާސަތުގައި ތިބި މެންބަރުން އެތަނުން ބޭރު ކުރުމުގެ މަސައްކަތް ފެށި އެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ މަސައްކަތުން އިދިކޮޅު މެންބަރުން ރިޔާސަތުގެ މޭޒުން ބޭރުކޮށް އެއްވެސް މެންބަރަކަށް ރިޔާސަތާ ގާތް ނުވެވޭ ގޮތަށް ސިފައިންގެ ސަފުތައް ރުކުރުވާލި އެވެ.

އޭރުވެސް އިދިކޮޅު މެންބަރުން ހަޅޭއްލަވައި އަޑުގަދަ ކުރަމުން ދަނިކޮށް . ގާތްގަނޑަކަށް 11:00 އެހާ އިރު ސިފައިންގެ ބޮޑު ފައުޖަކާ އެކު މަސީހުު މަޖިލީހުގެ ޗެމްބަރަށް ވަންނަވައި، ރައީސް އިށީންނަވާ ގޮޑިކޮޅުގައި އިށީނެވެ. އެއާ އެކު އިދިކޮޅު މެންބަރުންގެ އަޑުގަދަވެ އިތުރަށް މަޖިލީހުގެ ޗެމްބަރު ހޫނުވެގެން ދިޔަ އެވެ. އަދި ރިޔާސަތުގެ ހިމާޔަތުގައި ތިބި ސިފައިންގެ ފައުޖުގެ ސަފުތައް ފަޅާލައި ބައެއް މެންބަރުން ރިޔާސަތާ ކައިރިވާން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ސިފައިން ވަނީ އެ މެންބަރުން ކޮއްޕައި ރިޔާސަތާ ދުރުކޮށްފަ އެވެ.

މަސީހު ކޮންމެވެސް، އެއްޗެއް ގޮޑީގައި އިންވައިގެން ވިދާޅުވާތަން ފެނުނެވެ. އެހެން ނަމަވެސް މަސީހު ވިދާޅުވަމުން ގެންދެވީ ކޯޗެއް ކަމެއް ސާފެއް ނުވި އެވެ. އިތުރަށް އަޑުގަދަވާން ފެށުމުން މަސީހު ރިޔާސަތުގެ ގޮނޑިން ތެދުވެ ވަޑައިގަތް، ކޮޓަރިކޮޅަށް ވަޑައިގެންނެވި އެވެ. މަސީހަށް މަޖިލިސް ޗެމްބަރުން ނިކުމެ ވަޑައިގެންނެވުނީ ސިފައިންގެ ބޮޑު ފައުޖެއްގެ އެހީތެރިކަމާ އެކު އެވެ. އަދި މެންބަރުން މަސީހުގެ ފަހަތުން ދުވެފައި ޗެމްބަރުން ނިކުތް ނަމަވެސް މަސީހުގެ ކޮޓަރިކޮޅުގެ ދޮރުމަތީގައި ސިފައިންގެ 15 މީހަކު ގާޑަށް ތިއްބެވެ. އިދިކޮޅު ފަރާތްތަކުން މަސީހާ ބައްދަލު ކުރެވޭތޯ މަސައްކަތް ކުރި އެވެ.

ސަރުކާރުގެ މެންބަރުން ވިދާޅުވީ އިިިދިކޮޅު ފަރާތްތަކުގެ ދަތިތަކާ އެކުވެސް މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުނު ކަމަށެވެ. ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވީ އެއީ ޖަލްސާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.