ދުނިޔެ

އެމެރިކާގެ 755 މުވައްޒަފުން ރަޝިޔާ ދޫކޮށްދާން އަންގައިފި

ރަޝިޔާގައިވާ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 755 މީހުން އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ރަޝިޔާ ދޫކޮށްދާން އެގައުމުގެ ރައީސް ލަޑީމިއާ ޕޫޓިން އަންގަވައިފިއެވެ.

އެމެރިކާ މުވައްޒަފުން ރަޝިޔާއިން ފޮނުވާލާކަން އެގައުމުން ފުރަތަމަ ހާމަކުރީ ހުކުރުދުވަހުއެވެ. ނަމަވެސް ދާން ޖެހޭނީ ކިތައް މުވައްޒަފުުންކަން ޕޫޓިން ހާމަކުރެއްވީ މިއަދުއެވެ.

ރަޝިޔާއިން ނިންމި ނިންމުމުގެ އަސަރު އެގައުމުގެ ވެރިރަށް މޮސްކޯގައިވާ އެމެރިކާ އެމްބަސީއާއި ދެވަނައަށް އެންމެ ބޮޑުރަށް ސެއިންޓްޕީޓާސްބާގްގައިވާ އެމެރިކާގެ ކޮންސިއުލޭޓަށް ކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން ރަޝިޔާގައި ތިބޭ އެމެރިކާގެ މުވައްޒަފުންގެ އަދަދު އަންނަ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހާ ހިސާބަށް 455 އަށް މަދުކުރަން ޖެހޭނެއެވެ. އެ އަދަކީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒުފޯރުވިކަމަށް ތުހުމަތު ކުރެވުމުން 35 ޑިޕްލޮމޭޓުން ބޭރުކޮށްލުމުން މިހާރު އެމެރިކާގައި ރަޝިޔާގެ މުވައްޒަފުން ތިބި އަދެދެވެ.

ރަޝިޔާ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ރަޝިޔާއިން މި އެޅި ފިޔަވަޅާ ގުޅިގެން އެމެރިކާއިން އެގައުމުގެ އިތުރު ޑޮޕްލޮމޭޓުންތަކެއް ބޭރުކޮށްލައިފި ނަމަ ހަމަ އެގޮތަށް ރަޝިޔާއިން ވެސް ކަންތައް ކުރާނެ ކަަމަށެވެ.

އެމެރިކާ ސެނެޓުން ފާސްކޮށްފައި ވަނީ ' އެމެރިކާގެ ރިޔާސީ އިންްތިހާބަށް ނުފޫޒު ފޯރުވުމާއި ޔުކްރޭނުގެ ބައެއްގެ ގޮތުގައި ކުރިން އޮތް ކްރައިމިއާ ރަޝިޔާގެ ދަށަށް ގެންދިއުމުގެ އަދަބެއްގެ ގޮތުން އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާށެވެ. އަދި އެގޮތުން އަޅާ ފިޔަވަޅުތަކަށް ލުއި ދެއްވުމަށް އެމެރިކާގެ ރައީސަށް އޮންނަ އިޚުތިޔާރުވެސް ވަނީ ހަނިކޮށްފައެވެ.

ނަމަވެސް ސެނެޓުން އެކަމަށް ފާސްކުރި ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރައްވާނެކަމެއް ނުވަތަ ކުރައްވާނީ ވީޓޯ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.