ދުނިޔެ

އިންޑިއާގައި ފެންބޮޑުވެ 213 މަރު

އިންޑިއާގެ ހުޅަނގު ސަރަހައްދުތަކަށް ފާއިތުވި ހަފުތާއެއްހާ ދުވަހު ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން މަރުވިމީހުންގެ އަދަދު 213 އަށް އަރައިފިއެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުނީ ގުޖުރާތު ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން މަރުވިކަމަށް މިދިޔަ ބުދަދުވަހާ ހަމައަށް ރެކޯޑްކުރެވިފައި އޮތީ 213 މީހުން ކަމަށެވެ. ނަމަވެސް މިއަދު އެދަދު 213 އަށް ވަނީ އަރާފައެވެ.

ވާރޭވެހި ފެންބޮޑުވި ސަރަހައްދުތަކުގެ ތެރެއިން ބިންގަނޑުތިރި ސަރަހައްދުތަކުން މިހާރު ވަނީ ފެންގަނޑު ހިނދެން ފަށާފައެވެ. ހާލުގައި ޖެހިފައިވާ މީހުން ހޯދާ ސަލާމަތްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެކަމުގެ ސަބަބުން ވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން ކުރިން ވާސިލު ނުވެވި ހުރި އެކަހެރި ހިސާބުތަކަށް ވެސް މީހުން ސަލާމަތްކުރާ މީހުން މިހާރު ވަނީ ގޮސްފައެވެ.

ގުޖުރާތުގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ސަލާމަތްކޮށްގެން ރައްކާތެރި ހިސާބުތަކަކަށް ގެންދިޔަ މީހުންގެ އަދަދަކީ 130000 އެވެ. ހެލިކޮޕްޓަރުތަކާއި ބޯޓްތަކުގައި އިންޑިއާގެ ސަލާމަތީ ބާރުތަކުން އަދިވެސް އަންނަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.