ބޭރުގެ ހިއްސާގެ ބާޒާރަށް ސަރުކާރުން 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކާފައިވާ އިންޓްރަސްޓް ރޭޓް ބޮޑު ކަމަށް ބުނެ، ރައްޔިތުން މަޖިލީހުގެ މާލިޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވިއްކާފައިވާ ސޮވަރިން ބޮންޑްއާ ގުޅޭ ލިޔެކިޔުންތައް މާލިޔަތު ކޮމިޓީން މިއަދު ދިރާސާ ކުރެއްވި އިރު އެ ލިޔުންތަކުގައިވާ ގޮތުން 200 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކާފައި ވަނީ ހަތް ޕަސަންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ. އެގޮތުން ލޯނުގެ 30 ޕަސަންޓު އިތުރަށް ބޮންޑު ވިއްކި ކުންފުންޏަށް ލިބޭ ކަމަށް އެ ލިޔުންތަކުގައި ބުނެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ މި ސަރުކާރުން ލޯނުތައް ނަގަމުން އައީ ވަރަށް ދަށް އިންޓްރަސްޓް ރޭޓަކުން ކަމަށާއި އެގޮތުން ލޯކަލް ބެންކުތަކުންނާއި އެމްއެމްއޭއިން ކުރިން އަށް ޕަސަންޓުން ނަގާ ލޯނުތައް ތިން ޕަސަންޓަށް ރޭޓު ދަށްވެފައިވާ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް 200 މިލިއަން ޑޮލަރު ހަތް ޕަސަންޓު އިންޓްރަސްޓު ރޭޓެއްގައި ނެގީމަ ހައިރާންވާ ކަމަށާއި އިންޓްރަސްޓު އެހާ ބޮޑުކޮށް ވިއްކަން ޖެހުނު ސަބަބެއް ފިނޭންސް މިނިސްޓަރު ކައިރިން އޮޅުން ފިލުވަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ދުނިޔޭގައި ވެސް މިހާ ބޮޑަށް އިންޓްރަސްޓް ރޭޓު ދަށްކޮށް ބެންކުތަކުން ލޯނު ދޫކުރަމުން އަންނަ އިރު ކީއްވެތޯ މިހާ ބޮޑު ރޭޓެއްގައި މި ނަގާފައި މި ވަނީ. އަޅުގަނޑުމެން ފިނޭންސް މިނިސްޓަރަށް ވެސް ލަފާ ދޭން ޖެހޭ މި ބޮންޑު ވިއްކާފައިވާ ރޭޓު މާ ބޮޑު ކަމަށް. ދައުލަތަކަށް ނަގާ ލޯނެއްގެ ވަރަށް ރިސްކު ކުޑަވާނެ އެހެންވެ ސަރުކާރަށް ހޯދެންވާނެ މިއަށް ވުރެ އިންޓްރަސްޓް ރޭޓު ކުޑަކޮށް. އެހެންވެ މިއީ ނެގޯޝިއޭޓް ކުރުމުގައި ޖެހުނު މައްސަލަތޯ ނޫނީއާ އިތުރު ގޮތެއް ނެތިގެން ކުރި ކަމެއްތޯ ސުވާލު އުފައްދަން ޖެހޭ ފިނޭންސް މިނިސްޓަރާ،" ރިޔާޒް ވިދާޅުވި އެވެ.
ހުރިހާ މެންބަރުން ވެސް މިކަމަށް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ވިދާޅުވީ، އިންޓްރަސްޓުގެ ހަތް ޕަސަންޓުގެ އިތުރަށް ލޯނު ނެގުމުގެ އިދާރީ ފީއާއި ލީގަލް ފީ ފަދަ ކަންކަމަށް 14 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އެހެންވެ މުޅިއަކު އަށް ޕަސަންޓު ހަރަދުވާނެ ކަމަށާއި މިކަން ހިނގި ގޮތް ފިނޭންސް މިނިސްޓަރަށް ދަންނަވާލައިގެން އޮޅުން ފިލުވާލަން ޖެހޭ ކަމަށް ނާޝިދު ވިދާޅުވި އެވެ.
"ދައުލަތާ ބަލާފަ އަޅުގަނޑުމެންގެ ކުންފުންޏަކީ މާ ކުދިކުދި ތަންތަން. އެކަމަކު އަޅުގަނޑުމެންގެ ކުންފުންޏަށް ވެސް 5.5 ޕަސަންޓު ރޭޓުގައި ލޯނު ނަގާފަ މި އޮތީ. މިއީ އެއްވެސް ސިޔާސީ ވާހަކައެއް ނޫން. މާލިޔަތު ކޮމިޓީގައި ދައްކަން ޖެހޭ ވާހަކައަކަށް ވާތީ މި ދައްކަނީ މި ސަކަރާތްތވީމަ. މިހާ ބޮޑު އިންޓްރަސްޓް ރޭޓެއްގައި ނަގައިގެން ނުވާނެ،" ނާޝިދު ވިދާޅުވި އެވެ.
ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ އިންޓަނޭޝަނަލް މާކެޓަކަށް ބޮންޑު ވިއްކަން މެންބަރުން އެއްބަސްވީ ވީހާވެސް ކުޑަ ރޭޓެއްގައި އެކަން ކުރެވޭތޯ ކަމަށެވެ. ނަމަވެސް މިހާރު ބަހުސް ކުރަމުން މި ގެންދަނީ ވިއްކާ ނިންމާފައިވާ ބޮންޑެއްގެ އިންޓްރަސްޓްއަކާ ބެހޭ ގޮތުން ކަމަށާއި އެހެންކަމުން އެ ރޭޓަށް ދެން އިތުރު ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
ދެން އިތުރަށް މެންބަރުންނަށް ކުރެވެން އޮތް ކަމަކީ ބޮންޑުގެ ފައިސާ ހަރަދު ކުރެވެނީ ރަނގަޅަށްތޯ ބަލަމުން ގެންދިޔުން ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ. އަދި އިންޓްރަސްޓު މައްސަލާގައި ފިނޭންސް މިނިސްޓަރާ ވާހަކަދައްކައިގެން ކުރިޔަށް އޮތްތަނުގައި އެކަން އެގޮތަށް ނުކުރުމަށް ލަފާ ދެވޭނެ ކަމަށް ވެސް އަހުުމަދު ރަޝީދު ވިދާޅުވި އެވެ.
މެންބަރުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު މާލިޔަތު ކޮމިޓީގެ މުގައްރިރު ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ފިނޭންސް މިނިސްޓަރާ ވާހަކަދައްކަވައިގެން ވީހާވެސް އަވަހަކަށް ބައްދަލުވުމަކަށް ގެނެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.