ކުޅިވަރު

މަޓިޗް ޔުނައިޓެޑަށް، ޕޮގްބާގެ ޖާދޫ ގަދަ ވާނެ

Aug 1, 2017

ޗެލްސީގެ ނެމެންޔާ މަޓިޗް، 40 މިލިއަން ޕައުންޑަށް، އޭނާގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯގެ ޗެލްސީއަށް ބަދަލު ވެއްޖެ އެވެ. އޭނާ ޔުނައިޓަޑަށް ބަދަލުވީ ތިން އަހަރު ގެ މުއްދަތަށެވެ. އަދި އިތުރު އަހަރަކަށް އޭނާ ޔުނައިޓަޑްގައި ބެހެއްޓުމުގެ އިހްތިޔާރު އެ ޓީމަށް ލިބިގެންދާނެ އެވެ.

އިނިގިރޭސި ފުޓްބޯޅައިގެ އެނަލިސްޓުން ލަފާ ކުރާ ގޮތުގައި، މަޓިޗް ޔުނައިޓަޑަށް ބަދަލު ވުމުން، އެ ޓީމުގެ މިޑްފީލްޑް ލައިން ވަރުގަދަ ވާނެ އެވެ. ދަ ގާޑިއަންގެ ފުޓްބޯޅަ ކޮލަމިސްޓް އަދި މަޝްހޫރު މުސައްނިފް، ޖޮނަތޮން ވިލްސޮން އޭނާގެ ބްލޮގްގައި ބުނެފައި ވަނީ، މަޓިޗް ޔުނައިޓަޑާ ގުޅުމުން، ޕައުލް ޕޮގްބާގެ ދައުރު ބޮޑުވެގެންދާނެ ކަމަށެވެ.

މިދިޔަ އަހަރު، ޕޮގްބާ ޔުނައިޓަޑަށް ބަދަލުވީ، ދުނިޔޭގެ ރެކޯޑް އަދަދަކަށެވެ. ނަމަވެސް، މިދިޔަ ސީޒަންގައި އޭނާގެ ފަރާތުން، އެވަރުގެ އަގެއްގައި، ގެނައި ކުޅުންތެރިޔެއްގެ ފަރާތުން، ފެންނަން ޖެހޭ، ކުޅުމެއް ނުފެނުނެވެ.

"މޮރީނިއޯ އަބަދުވެސް، އޭނާގެ މިޑްފީލްޑް، ބައްޓަން ކުރަން ބޭނުންވާ ގޮތަކީ މިޑްފީލްޑް ލައިންގެ ފަހަތުން، ޕޮޒިޝަން އާއި ހަމަޖެހުން އަދި ކޮންޓްރޯލް އޮވެގެން ކުޅޭނެ ކުޅުންތެރިޔެއް ބަހައްޓައިގެން ނެވެ. އަދި އާދަޔާ ހިލާފަށް ގޯލްޖަހާނެ ސްޓައިކަރެއް ކުރީގައި، ހުރެގެން ނެވެ. އޭގެ ސަބަބުން މިޑްފީލްޑްގެ ދައުރު ވަރަށް ބޮޑު ވެގެންދެއެވެ. ޗެލްސީގައި ފުރަތަމަ އޭނާ އެކަން ކުރީ މިޑްފީލްޑްގެ ފަހަތުގައި ކުލައުޑިއޯ މަކެލޭލޭ ބަހައްޓައިގެން ނެވެ. އިންޓަ މިލާންގައި އިސްޓަބާން ކަމްބިއާސޯ އެވެ. ރެއާލް މެޑްރިޑްގައި، ޒާބީ އެލަންސޯ އެވެ. ޗެލްސީގައި ދެ ވަނަ ފަހަރު މަޓިޗް އެވެ." ޖޮނަތޮން ވިލްސޮން އޭނާގެ ކޮލަމްގައި ލިޔެފައި ވެއެވެ.

ޖޮނަތޮން ވިލްސޮން ބުނެފައި ވަނީ، އެވަޓައިން، ރޮމެލޫ ލުކާކޫ ގެނެސް، ޓީމުގެ ކުރީގައި ބެހައްޓައި، މިޑްފިލްޑްގެ ފަހަތުގައި މަޓިޗް ބެހެއްޓުމުން، އަންނަ ސީޒަންގައި ޕޮގްބާގެ އަސްލު ކުޅުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ރެއާލް މެޑްރިޑް ދޫކޮށް، މޮރީނިއޯ، 2014 ވަނަ އަހަރު ޗެލްސީއަށް އަލުން ބަދަުވެ، އޭނާ ވަނީ، ބެންފީކާގައި މަޓިޗް ހުއްޓައި، އަލުން ޗެލްސީއަށް ގެނެސްފަ އެވެ. މަޓިޗް ޔުނައިޓަޑަށް އައުމުން، އެ ޓިމުން ވަނީ، މި ޓްރާންސްފާގައި، މުހިންމު ތިން ކުޅުންތެރިން ގެނެސްފަ އެވެ.

މޮރީނިއޯއަކީ، އޭނާގެ އާދަކާދައިގެ މަތިން، އޭނާ، ހޭދަ ކުރާ، ކޮންމެ ކުލަބެއްގައިވެސް، ދެ ވަނަ އަހަރު، ފާހަގަ ކުރެވޭ ބަދަލު ތަކެއް ގެންނަ ކޯޗެކެވެ. އަދި، ކޮންމެ ޓީމަކާ އެކުވެސް، އޭނާ ކާމިޔާބު ހޯދަނީ ދެ ވަނަ ސީޒަން ގައެވެ. ޕޯޓޯ އާއި ޗެލްސީ އާއި އިންޓަމިލާން އަދި ރެއާލް މެޑްރިޑްގައިވެސް ފާހަގަ ވެފައި ވަނީ މި ގޮތަށެވެ.

މަޓިޗް ޔުނައިޓަޑަށް ބަދަލު ވުމުން، މޮރީނިއޯ، ޔުނައިޓަޑްގެ ވެބްސައިޓަށް ބުނެފައި ވަނީ، މަޓިޗް އަކީ ޔުނައިޓަޑްގެ ކުޅުންތެރިޔެއް ކަމަށާއި މޮރީނިއޯގެ ކުޅުންތެރިޔެއް ކަމަށެވެ. އަދި މަޓިޗަކީ، އެ ހުންނަ ޓީމަށް ވާފާތެރިވަނެ ކުޅުންތެރިޔެއް ކަމަށެވެ.