ކުޅިވަރު

ދައުވާ ކުރަނީ އަހަންނަކީ ރޮނާލްޑޯއަށް ވީމަ!

Aug 1, 2017

ޓެކްހަށް މަކަރު ހެދުމުގެ ތުހުމަތު ކުރެވިފައިވާ، ޕޯޗްގަލް އާއި ރެއާލް މެޑްެރިޑްގެ ތަރި ކްރިސްޓިއާނާ ރޮނާލްޑޯގެ ޝަރީއަތުގެ ފުރަތަމަ އަޑު އެހުން މިއަދު ވަނީ ސްޕެއިންގެ މެޑްރިޑްގެ ކޯޓްގައި ކުރިއަށް ގެންގޮސްފަ އެވެ. ޝަރީއަތުގައި ރޮނާލްޑޯ ވަނީ، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުން ބަރީއަވާ ކަމަށް ބުނެފަ އެވެ.

ދޮޅު ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަ ޝަރީއަތުގައި، ވާހަކަ ދައްކަމުން، ރޮނާލްޑޯ ބުނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ، ހަގީގަތެއް ނޫން ކަމާށާއި އޭނާ އަކީ ކުށެއް ނުކުރާ މީހެއް ކަމަށެވެ. ރޮނާލްޑޯ ބުނީ ޓެކްސް މަކަރު ހެދި ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާ ކުރަނީ އޭނާ، މިއަދު އެ ހުރި ހިސާބަށް އާދެވިފައި ހުރުމުން ކަމަށެވެ.

"މިހުރިހާ ވެސް މައްސަލައަކީ އަހަންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމުގައި ވުން، އަހަންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ނަމަ މިއަދު އަހަރެން މިތާންގައި [ޝަރީއަތުގައި] އިށީންނަން އަންނާކަށް ނުޖެހޭނެ." ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު މޮނިކޯ ގޯމޭޒް ފެރާރްއާ މުހާތަބު ކޮށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯގެ އެ ވާހަކައާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރު ގޯމޭޒް ފެރާރް ވިދާޅުވީ، ރޮނާލްޑޯގެ ވާހަކަ ގޯސް ކަމަށެވެ.

"ތި ބުނީ ގޯހެއް، އެއީ ކާކުކަން ނޭންގޭ މީހުން ވެސް ވަނީ ކަލޭ މިއަދު ތި އިށީންދެ އިންތަނުގައި އިށީންދެފަ، ކަލޭގެ މައްޗަށް ކުރެވިފައިވާ މާލީ ކުށުގެ ތުހުމަތުގެ މައްސަލަ ބަލަމުން ދަނީ ދައުލަތުގެ ޕްރިސކިއުޓަރުން ހުށަހަޅާފައިވާ ހެކި ތަކުގެ މައްޗަށް ބިނާ ކޮށް، އަދި އަހަރެންގެ ކަމެއް އެއީ މައްސަލަ ބަލައި ހުކުމެއް ކުރުން." ރޮނާލްޑޯ ދެއްކި ވާހަކަ އަށް ޖަވާބު ދެއްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

ޝަރީއަތަށް ފަހު، ކޯޓުން ބޭރަށް ނިކުމެ، ރޮނާލްޑޯ، މީޑިއާއާ ވާހަކަ ދައްކާނެ ކަމުގެ އިންތިޒާރުގައި ނޫސްވެރިން ތިބި ނަމަވެސް، މީޑިއާއަށް އޭނާ ވާހަކަ ދައްކާފައެއް ނުވެ އެވެ. ފަހުން އޭނާގެ ފަރާތުން ވަނީ ބަޔާނެއް ނެރަފައެވެ.

ބަޔާނުގައި ރޮނާލްޑޯ ބުނެފައި ވަނީ، ޓެކްހަށް މަކަރު ހެދުމުގެ އެއްވެސް ނިޔަތެއް ދުވަހަކުވެސް އޭނާ ނުގެންގުޅޭ ކަމަށާއި ބަރާބަރަށް ސްޕެއިންގެ ޓެކްސް އެތޯރިޓީއަށް ޓެކްސް ދައްކާ ކަމަށެވެ.

"ސްޕެއިންގެ މާލީ އިދާރާތަކަށް އެނގޭނެ އަހަންނަށް ލިބޭ އާންމުދަނީގެ ތަފްސީލުތައް، ސަބަބަކީ (އަހަރެންގެ ފަރާތުން) އަހަރެމެން ވާނީ އެ ހުރިހާ ތްފަސީލު ތަކެއް ދީފައި، ކަމެއް އޮޅުވާލުމަށް އަހަރެން އެއްވެސް ކަމެއް ނުކުރަން އަދި ޓެކްހަށް މަކަރު ހެދުމަށްވެސް އަހަރެން އެއްވެސް ކަމެއް ނުކުރަން،" ރޮނާލްޑޯގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ. "އަހަރެން ދައްކަން ޖެހޭ ޓެކްސް އަހަރެން އަބަދުވެސް ދައްކަނީ އަހަރެންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން، ސަބަބަކީ އަހަރެމެން އެންމެން މިތިބެނީ އަހަރެމެންގެ އާންމުދަނީއިން ބައެއް ޓެކްސްގެ ގޮތުގައި ދައްކާނެ ކަމަށް އެއްބަސް ވެގެން، އަހަންނަކީ ކާކު ކަން އެނގޭ މީހުންނަށް އެނގޭނެ އަހަރެން ދައްކަން ޖެހޭ އެއްޗެއްވިޔާ އެ އޮންނަ ތާރީހްގައި ދައްކަން، އަހަރެންގެ އެޑްވައިޒަރަށް އަހަރެން އަންގާފައި ވާނެ ކަން، ސަބަބަކީ އަހަރެން ބޭނުމެއް ނުވޭ މައްސަލަ އެއް އުފެދޭކަށް."

ރޮނާލްޑޯ ބުނީ، ރެއާލް މެޑްރިޑަށް 2009 ވަނަ އަހަރު އޭނާ ސޮއި ކުރި އިރު، އޭނާގެ ކަންކަން މެނޭޖްކުރުމަށް ވަކި ހާއްސަ ކަމެއް ނުގެންގުޅޭ ކަމަށާއި ސްޕެއިންގައިވެސް އޭނާ ގެންގުޅޭނީ އިނގިރޭސި ވިލާތުގައި ވެސް އޭނާ ހޭދަ ކުރި ދުވަސްތަކުގައިވެސް އަމަލު ކޮށްފައިވާ ގޮތަށް ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން، އިނގިރޭސި ވިލާތުގެ އެއްވެސް އިދާރާ އަކުން އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ސްޕެއިންގައި ޓެކްސްގެ ނިޒާމު ބައްޓަން ކޮށްފައިވާ ގޮތުން، ޓެކްސްގެ މައްސަލައިގައި ގިނަ ބަޔަކު ދަލުގައި ޖެހުމަކީ ދިމާވާ ކަމެކެވެ. ޓެކްހަށް މަކަރު ހެދި ކަމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި، ސްޕެއިންގެ ކޯޓުން، މިދިޔަ އަހަރު ވަނީ، ބާސެލޯނާގެ ލިއޮނަލް މެސީގެ މައްޗަށް 21 މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އެ ފަހަރަކީ މެސީގެ ފުރަތަމަ ފަހަރު ކަމަށް ވުމުން ކޯޓުން ވަނީ އޭނާގެ ޖަލު ހުކުމް މާފުކޮށް ދީފަ އެވެ.