ދުނިޔެ

މުޙައްމަދު ބިން ސަލްމާން ޝިޔައީންގެ އިސް ލީޑަރަކާ ބައްދަލު ކުރައްްވައިފި

އިރާގުގެ ނުފޫޒު ގަދަ ޝިޔައީ ލީޑަރު މުޤުތަދާ ޞަދުރު ސައުދީ އަރަބިއްޔާއަށް ގޮސް އެ ގައުމުގެ ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާނާއި އެހެން ބައެއް އިސް ބޭފުޅުންނާ ބައްދަލުކޮށްފިއެވެ.

ޞަދުރުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ ސައުދީއަށް ދިޔައީ އެގައުމުން ދިން ދައުވަތަކަށް ކަމަށެވެ. ސައުދީ އަރަބިއްޔާގެ ބަނދަރުމަތީ ރަށް ޖިއްދާގެ ވައިގެ ބަނދަރުން ޞަދުރަށް މަރުހަބާ ވިދާޅުވީ އެގައުމުން އިރާގަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ކުރިން ހުންނެވި ސަމަރު އަލް ސަބްހާންއެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން ޞަދުރު ސައުދީ އަށް ކުރި ފުރަތަމަ ދަތުރެވެ.

ސައުދީ ސަރުކާރުގެ ނިއުސް އެޖެންސީ " އެސްޕީއޭ" އިން ބުނީ ސަދުރާއި ސައުދީގެވެސް މަސްލަހަތު އޮންނަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޖިއްދާގައި ބޭއްވި ބައްދަލުވުމެއްގައި އޭނާ ބައިވެރިވި ކަމަށެވެ. ބައްދަލުވުމާ ބެހޭ ގޮތުން ޞަދުރު ބުނީ އިރާގާއި ސައުދި އަރަބިއްޔާއާ ދެމެދު ގުޅުން ރަނގަޅުވަމުން އަންނާތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

އިރާގުގައި ޝިޔައީންގެ ގިނަ ބަޔަކު ތަބާވާ ޞަދުރަކީ ކުރިން އީރާނުގެ މަދަދު ވަރަށް ބޮޑަށް ލިބުނު މީހެކެވެ. އީރާނުގެ އެހީގައި އޭނާ ކުރިން ހަނގުރާމަވެރި ޖަމާއަތެއް ވެސް ހިންގިއެވެ. ނަމަވެސް މިހާރު އޭނާއަށް ތަބާވާ މީހުން ގިނައިން ބައިވެރި ވަނީ ސުލްހަވެރި ހަރަކާތްތަކުގައެވެ.