ދުނިޔެ

ބެޓެރީއަކާ ހެދި ސްރީލަންކަންގެ ބޯޓެއްގައި ބޮޑު ހާސްކަމެއް

ސްރީލަންކަން އެއާލައިންގެ މަތިންދާބޯޓެއްގައި ދަތުރުކުރި މީހެއްގެ ދަބަހެއްގައި އޮތް ލިތިއަމް ބެޓެރީ ޕެކް އަކާ ހެދި ދަތުރުވެރިންނަށް ބޮޑު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން އިއްޔެ ބުނީ އިންޑިއާގެ ކޮޗިން އިން ފުރައިގެން ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދަތުރުކުރި މަތިންދާބޯޓް ޔޫއެލް 166 ގެ އޯވަ ހެޑް ލަގެޖް ބިން އިން ދުން އަރަން ފެށީ ދަތުރު ދެބަޔަށް ގޮސްފައި ވަނިކޮށް ކަމަށެވެ.

ލަގެޖް ބިން އިން ދުން އަރަން ފެށުމުން މަތިންދާބޯޓްގެ ފަޅުވެރިން އެކަން ކެޕްޓަނަށް އެންގުމަަށް ފަހު އަލިފާން ނިވާ އާލާތްތައް ހިފައިން ދުން އަރާ ދިމާލަށް ދިޔައެވެ. އަދި ދުން އަރަމުން ދިޔަ ބިން ހުޅުވައި ، ދުން އަރަމުން ދިޔަ ދަބަހަށް ސުޕްރޭ ޖެހުމަށް ފަހު އެ ދަބަސް ނަގައިގެން ގެލެރީއަށް ގެންދިޔައެވެ. އެތަނަށް ގެންދިޔަތަނާ ކުރިއަށް ވުރެ ބޮޑަށް ދަބަހުން ދުން އަރަން ފެށުމުން ދަބަސް ޖެހުނީ ފެން އެއްޗަކަށް ލާށެވެ. ދަބަހުން ދުން އެރުން ހުއްޓުމުން ބެލި އިރު އޭގައި އޮތީ ލިތިއަމް ބެޓެރި ޕެކް އަކާއި ދެ މޯބައިލް ފޯނު ކަން އެނގުނު ކަމަށް އެހާދިސާއާ ބެހޭ ގޮތުުން އެއާލައިނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މަތިންދާބޯޓް ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން އަލިފާން ނިވާ މީހުންނާއި ނުރައްކާތެރި ތަކެއްޗާ ބެހޭ މާހިރުން އައި ނަމަވެސް ބޯޓުން މީހުން ފޭބީ ކުއްލި ހާލަތުގައެއް ނޫނެވެ.

ހާދިސާގައި މަތިންދާބޯޓުގެ ފަޅުވެރިން އަމަލުކުރިގޮތަށް އެއާލައިނުން ވަނީ ތައުރީފުކޮށްފައެވެ.