ރިޕޯޓް

ފަހު ދަތުރު ކުރީ ޒަވާޖީ ހަޔާތުގެ ދަތުރުމަތީގައި!

ރ. އަތޮޅު ފެރީ ލޯންޗުގެ ޒުވާން ކެޕްޓަން، އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް އިއްޔެ ހެނދުނު މާލެ އައީ އާދައިގެ މަތިން ދަތުރުވެރީން ގޮވައިގެން މާލެއަށް ކުރާ ދަތުރެއްގަ އެވެ. ނިޔާމަ ދަތުރެއްގައި ހަޔާތާމެދު ކުރާ އުންމީދާއި އުފާވެރިކަމުގެ ހިތަކާ އެކުއެވެ. ދަތުރަށް ތައްޔާރުވެ ގެއިން ނުކުތީ އަވަހާ ރަށަށް އައުމަށް އެދެމުންނެވެ. އެހެން ނަމަވެސް އަމިއްލަ ވަޒަނާއި އުފަން ފަސްގަނޑަށް އެނބުރި އެނބުރި ދިއުމުގެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ. އަމިއްލަ ވަޒަނުގައި އޭނާ އުންމީދު ކުރަމުން އައި ރޭ އޭނާއަށް މަރުހަބާ ކިޔުމަކަށް މިންވަރެއް ނުވި އެވެ. އެއާ ހިލާފަށް އޭނާ ވެގެން ދިޔައީ ވެރިރަށް މާލޭ ތެރެއިން ފުލުފުލުގައި އައި ވަޅީގެ ހަމަލާތަކުގައި ރަހުމު ކުޑަގޮތަކަށް މާރާލި ޒުވާނުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމަށެވެ. އޭނާއަށް އެންމެންގެ ހެޔޮ ދުއާ އާއި ތައުޒިޔާ އެބައޮތެވެ. ކަނޑު ދަތުރު ކުރަމުން އައި އަނަސްގެ ފުރާނަ ކުށަކާ ނުލައި ރޭ ދުއްވާލި އިރު މި އޯގަސްޓް މަހަކީ އަލަތު ކައިވެނިކޮށް ބާއްޖެވެރި ހަޔާތެއްގެ ދަތުރު ފަށަން އޭނާ މުޅީން ތައްޔާރުވެފައިވާ މަހެވެ. ދަތުރުވެރިން ގޮވައިގެން ކުރި ދަތުރަށް ފަހު އެންމެ ބޭނުންވި ދަތުރަށް އެރޭ ގޮތް ނުވެ، އަނަސް ވަކިވެގެން ދިޔައީ އެވެ.

އަނިޔާވެރިންތަކެއްގެ ވަޅީގެ ދަށުގައިވެ އަނަސްގެ ފަހު ނޭވާ ދޫކޮށްލަން ޖެހުނީ ދުވަހަކުވެސް އޭނާ ހިޔާލުކޮށްފައި ނުވާހާ ބިރުވެރިކަމާއި ނުރައްކާތެރި އަދި އަނިޔާވެރިކަމުގެ ތެރޭގަ އެވެ. ބޮޑު އާބާދީއެއް އޮތް ކުޑަކުޑަ މާލޭގެ "ލިޓަސް ސާވިސް ސެންޓަރު" ގެ ތެރެއިން އަނަސް އަ ގްރޫޕެއް ކުރިމަތިލައި އޭނާ "ކޮށައިލާ" މަރާލީ ރ. އަލިފުއްޓަށް ނިސްބަތްވާ އޭނާގެ ލޯބިވެރިޔާ އާއި ކައިވެނި ކުރަން ތައްޔާރުވަމުން ދަނިކޮށެވެ. މި އޯގަސްޓަކީ އޭނާގެ އުންމީދު ކުރަމުން އައި އުފާވެރި އޯގަސްޓެވެ. އެކަމަކު އޭނާގެ ފުރާނަ ދުއްވާލީ ހާއްސަ އެ މަސް ފަށަން މަދު ގަޑިތަކަށް ވެފައި ވަނިކޮށެވެ.

އަނަސް އާ ގާތް ބައެއް ޒުވާނުން ބުނާ ގޮތުގައި އިއްޔެވެސް ލޯބިވެރިޔާއާ އަނަސް އެކި ފަހަރު މަތިން ވާހަކަ ދެއްކި އެވެ. އެ ކޯލްތަކުގައި މުޅީންހެން ދައްކާފައި ވަނީ ކައިވެނި ކުރާ ދުވަސް ކައިރިވާތީ އެކަމަށް ކުރާ ފޮނި އިންތިޒާރާއި އުފާވެރި ވާހަކަތަކެވެ. -- ހަވާލާ ސިއްރުކޮށްފައި --

އަނަސްއަކީ އާއިލާގެ ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ އެވެ. އަދި އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާ އެވެ. ރަހުމެއް ނެތި ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިޖަހައި އަނަސް މަރާވައްޓައިލި އިރު މާލެގައި ދިރިއުޅޭ އަންހެން ކޮއްކޮ ފިޔަވާ އެހެން އެންމެންވީ ރަށުގަ އެވެ. ހިތާމަވެރި އެ ހަބަރު އާއިލާއިން އެހީ އަނަސްގެ ކުރިމަތީގައި ކައިވެނީ އުފާވެރި ހަބަރުތަކުގެ ތެރޭގައި ތިއްބަ އެވެ. އަނަސްގެ މަރުގެ ހަބަރުން ރާއްޖެ ސިއްސުވާލި އިރު އާއިލާ އެކަށް އޮތީ ހުއްޓި ގަނޑުވެފަ އެވެ.

އަނިޔާވެރި ކަމުގައި ވަރަށް ހަރަކާތްތެރި ބަޔަކު އަރައިގަނެ މަރާލީ ވަރަށް މަޑުމައިތިރި، އަދި އެންމެނާވެސް ގުޅޭ މިޒާޖެއްގެ ޒުވާނެކެވެ. ވަޅި ހަރައިގެން ޒަހަމްކޮށްލާއި މަރާލަންޖެހޭ އެއް ވެސް ސަބަބެއް އޮތް ޒުވާނެއް ނޫނެވެ. އޭނާގެ އާއިލާއިން ބުނާ ގޮތުގައި މުޅީންހެން ކަނޑުމަތީގައި އުޅެމުން އައި ކެޕްޓަނަކީ އެއްވެސް ގްރޫޕަކާއި އެއްވެސް އިރެއްގައި ގުޅުމެއް އޮތް ޒުވާނެއް ނޫނެވެ.

"އެންމެން އަނަސްއަށް ވަރަށް އިތުބާރު ކުރާނެ، އަދި އެއީ ވަރަށް ރަނގަޅު އެންމެންވެސް ރުހޭ ލޯބިވާ ޒުވާނެއް،" އަނަސްގެ އާއިލާއަށް ނިސްބަތްވާ އެހެން ޒުވާނަކު ބުންޏެވެ.

އަނަސް އަށް ހަމަލާ ދިން ގުރޫޕް ތޫނު ހަތިޔާރާއެކު އޭނާއާ ކުތިމަތިލި އިރު އޭނާ ހުރީ މާލޭގައި ހުންނައިރު މަޑުކުރާ ގޭގެ ކައިރީގައި ކަމަށްވެއެވެ. އެ ހަމަލާ ދިން ކަން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 9:16 އެހާކަންހާއިރު އެވެ. އޭރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އޮތީ ލޭގެ ކޯރެއް ދެމިފަ އެވެ. ދުނި ޖަހާފައި އަނަސްގެ ގައިން ފޭބި ލޭތަކުންނެވެ. އަނަސް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ.

އަނަސްގެ މަރާ ބެހޭގޮތުން އާއިލާއަށްވެސް އިވެނީ ތުންތުން މަތިން މީހުން ދައްކާ ވާހަކަ އެވެ. ފުލުހުންގެ ފަރާތުންވެސް އާއިލާއަށް މާބޮޑު އެއްޗެއްް ސާފެއް ނުވެ އެވެ. އަނަސް އަށް ފަރުވާ ދިނުމަށް ގެންދިޔަ އޭޑީކޭ ހޮސްޕިޓަލުން ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި އަނަސްގެ ހަށިގަނޑުގެ 37 ތަނަކަށް ވަނީ ވަޅި ހަރާފައި ވެއެވެ. އޭގެ ތެރޭގައި ފުންކޮށްހުރި 22 ޒަހަމެއް ވެއެވެ.

"މީހުންގެ ފަރާތުން މައުލޫމާތު ލިބެނީ އެއީ ގްރޫޕަކުން އެފަދަ އެހެން ގްރޫޕަށް ދޭން އުޅުނު ހަމަލާއެކޭ އެއީ. އަނަސް ލާފައި ހުރި ޓީޝާޓު [ހޯދަން އުޅުނު މީހާގެ ޓީޝާޓާ] އެއް ވައްތަރުވެ އޮޅިގެންނޭ އަނަސް އަށް ހަމަލާދެވުނީ،" އަނަސްގެ އާއިލާއިން "އަވަސް" އާއި ވާހަކަ ދެއްކި މެންބަރަކު ބުންޏެވެ.

އާއިލާއިން ބުނި ގޮތުގައި މުޖުރިމުން ހައްޔަރުކޮށް ގައުމު އަމާން ކުރުމުގެ ބަދަލުގައި ފުލުހުން ވެސް ދުވަނީ ސިޔާސީ މީހުންގެ ފަހަތުންނެވެ. އޭގެ ސަބަބުން ކުށެއް ނެތް މީހުންނަށް ނުހައްގުން "މަރުގެ އަދަބުތައް" ލިބެނީ އެވެ.

"ފުލުހުންގެ އިހުމާލުން އެހެން އެވަނީ. ފުލުހުން އުޅެނީ ސިޔާސީ މީހުން ހައްޔަރުކޮށް އެކަންކަމުގައި. މުޖުރިމުން ތިބެނީ މުޖުތަމައަށް ދޫކޮށްލާފައި. ތަފާތު ކުރުންތަކެއް އެބަހުރި،" ކުރިންވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. "އަނަސް މަރުވީ. އަނަސް އަށް އިންސާފު ލިބޭނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މިހާތަނަށް އެފަދަ ގޮތަކަށް މަރުވި އެއްވެސް މީހަކަށް ނެތް އިންސާފު ލިބިފައެއް ނެތް،"

އަނަސްގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ. ގްރޫޕަކުން ހިންގި މާރާމާރީއެއްގައި މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ޒުވާނަކު މަރުވެފަ އެވެ. އެ މައްސަލައިގައިވެސް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.