ކުޅިވަރު

ނޭމާ ޕެރިހުގައި، ޕީއެސްޖީން ގިނަ ތައްޔާރީތަކެއް

Aug 1, 2017
1

ފްރާންސްގެ ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއްގައި، ގެނައުމަށް މަސައްކަތް ކުރާ، ބާސެލޯނާގެ ބްރެޒިލްގެ ފޯވަޑް ނޭމާ، މިހާރު ހުރީ ޕެރިހުގައެވެ. އޭނާ ޕެރިހަށް ދިޔައީ، ޕީއެސްޖީއާ ގުޅުމުގެ ކުރިން، އެ ޓީމުގެ މެޑިކަލް ފުރިހަމަ ކުރުމަށެވެ.

ޕީއެސްޖީން ވަނީ ނޭމާ ގެންދިއުމަށް 197 މިލިއަން ޕައުންޑް (4.12 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު) އަދަދެއް ހުށަހަޅަން ތައްޔާރު ވެފަ އެވެ. ޕީއެސްޖީގެ އޯނަރު، ގަތަރުގެ ނާސިރު އަލް ޚަލަފީ ވަނީ، ނޭމާ، ޕީއެސްޖީއާ ގުޅޭނެކަން ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ނޭމާގެ ސޮއި ކުރުމުގެ ކަންކަން ކުރިއަށް ދަނީ ވަރަށް ރަނގަޅަށް، އަހަންނަށް ވަރަށް ބޮޑު އިތުބާރު އެބައޮތް." އަލް ޚަލަފީ ވިދާޅުވެފައި ވެއެވެ. ފްރާންސްގެ ބައެއް މީޑިއާ ތަކުން ބުނެފައި ވަނީ، މި ހަފުތާގައި ޕީއެސްޖީގެ ކުޅުންތެރިޔެއްގެ ގޮތުގައި، ނޭމާ ޕްރެންޒެންޓް ކުރާނެ ކަމަށެވެ. ނޭމާ ޕްރެސެންޓް ކުރުމުގެ އިވެންޓް ބާއްވަން ޕީއެސްޖީން ތައްޔާރު ވަމުން ދަނީ ވަރަށް ކުލަގަދަ ކޮށެވެ. މުޅި ޕެރިސް އެ ކަމުގައި ޝާމިލު ވާނެ ގޮތަށެވެ. އެގޮތުން ނޭމާގެ ޕްރެސެންޓޭޝަން ބާއްވާނީ ޕެރިހުގެ ބޮޑެތި މަގުތަކުގަ އެވެ.

ޒަލްޓާން އިބްރޮހިމޮވިޗަށްވެސް 2012 ވަނަ އަހަރު، ޕީއެސްޖީން ބާއްވާފައި ވަނީ އެ ފަދަ އިވެންޓެކެވެ. ނަމަވެސް ނޭމާގެ ހައިބަތު ބޮޑެވެ. އޭނާ، ޕީއެސްޖީ އަންނަނީ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އެހެންވެ، ޒަލްޓާންގެ ޕްރެޒެންޓޭޝަނަށް އެއްވި ވަރަށް ވުރެ ބޮޑު ކްރައުޑެއް ނޭމާގެ ޕްރެސެންޓޭޝަން ރަސްމިއްޔާތަށް ޖަމާވާނެ ކަމަށް ބެލެވެ އެވެ.

ނޭމާގެ އެޖެންޓަކީ، އޭނާގެ ބައްޕަ އެވެ. މިދިޔަ އަހަރު، އޮކްޓޫބަރު މަހު، ނޭމާގެ ބަސާގެ ކޮންޓްރެކްޓް އާ ކުރުމުން، ބާސާއިން ވަނީ 26 މިލިއަން ޔޫރޯ ނޭމާގެ ބައްޕަ ނޭމާ އެސްއާރު އަށް ދޭން އެއްބަސް ވެފައެވެ. އެ ފައިސާ މިހާތަނަށް، ބާސާއިން، ދީފައެއް ނުވެ އެވެ. ނަމަވެސް، ބާސާގެ ވިސްނުން މ،ިހާރު ބަދަލު ވެއްޖެ އެވެ. އެ ކުލަބުން މިހާރު ނިންމާފައި ވަނީ އެ ފައިސާ ނޭމާގެ ބައްޕައަށް ދޭނީ، އޭނާ ބާސާގައި މަޑު ކުރާނަމަ ކަމަށެވެ.