ކުޅިވަރު

ނޭމާއަކީ ބާސާގެ ކުޅުންތެރިޔެއް، އިހްތިރާމު ކުރަން: ޕީއެސްޖީގެ ރައީސް

Aug 2, 2017

ނޭމާ އަކީ ބާސެލޯނާގެ ކުޅުންތެރިޔެއް ކަމަށާއި، އެކަމަށް ޕީއެސްޖީން އިހްތިރާމް ކުރާ ކަމަށް، ޕީއެސްޖީގެ ރައީސް ގަތަރުގެ ނާސެރު އަލް ހަލަފީ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ރެކޯޑް އަގަކަށް، ޕީއެސްޖީން ގެނަން މަސައްކަތް ކުރާ، ނޭމާގެ ސޮއި ކުރުވުމުގެ ކަންކަން ކުރިއަށް ދަނީ ކިހިނެއްތޯ، މޮރަކޯގެ ޓީވީ ސްޓޭޝަނަކުން ސުވާލު ކުރުމުން އަލް ހަލަފީ ބުނީ މިހެން ނެވެ.

"މިއީ އަދި ދެކެވޭ ވާހަކަތަކެއް، ނޭމާ އަކީ ބާސެލޯނާ ކުޅުންތެރިޔެއް، އަހަރެމެން މިދަނީ، އޭނާގެ ކަންކަން ނިމިގެންދާނީ ކިހިނެއްތޯ ބަލަމުން،" އަލް ހަލަފީ ވިދާޅުވި އެވެ. "ޕީއެސްޖީން އެހެން ޓީމު ތަކާއި ކުޅުންތެރިންނާ ދެމެދު ހެދިފައިވާ ކޮންޓްރެކްޓްތަކަށް އިހްތިރަމް ކުރާނަން، އެހެން ފަހަރަކުން މިކަމާ ބެހޭގޮތުން ވާހަކަ ދައްކަން އަހަރެން އުންމީދު ކުރަން."

ނަމަވެސް، ނޭމާ ސޮއި ކުރުވުމުގެ ކަންކަން ކުރިއަށް ދާ ކަމުގެ އިޝާރާތެއް އަލް ހަލަފީ ދެއްވި އެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ޕީއެސްޖީގައި ހިމެނުމަކީ އެ ކުލަބުގެ އަޒުމެއް ކަމަށެވެ.

"ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އަހަރެމެންގެ ޓީމުގައި ތިބުމަކީ އަހަރެމެންގެ ހައިބަތު އިތުރު ކޮށްދޭނެ ކަމެއް އަހަރެމެން ބޭނުން ވަނީ އެކަން އަހަރެމެންނަށް އިހްސާސް ކޮށްދޭނެ ކޯޗުންނާއި ކުޅުންތެރިން."

ފްރާންސްގެ ނޫސް ތަކުން އިއްޔަ، ބުނެފައި ވަނީ، ނޭމާގެ ޕްރެޒެންޓޭޝަން އިވެންޓަށް ޕީއެސްޖީން ވަރަށް ބޮޑު ތައްޔަރީތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ނާމޭގެ ޕްރެޒެންޓޭޝަންގެ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕެރިހުގެ ބޮޑު މަގުތަކުގައި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ޕީއެސްޖީން ވަނީ ނޭމާ ގެންދިއުމަށް 197 މިލިއަން ޕައުންޑް (4.12 ބިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑު) އަދަދެއް ހުށަހަޅަން ތައްޔާރު ވެފަ އެވެ.