ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވުނު ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލްގެ ފަރިތަ ކުރުން ތަކަށް ނިކުންނަން، ތައްޔާވެއްޖެ އެވެ. އެގޮތުން، ރޮނާލްޑޯ ވަނީ ފަރިތަ ކުރުން ތަކަށް ނިކުންނަން ތައްޔާރު ވުމުގެ ކުރިން، ޖިމް ޓްރެއިނިންތައް ފަށާފަ އެވެ.
ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ، ރޮނާލްޑޯއާ ބެހޭގޮތުން އޭނާ ގަބޫލު ކުރާނީ، ހުދު ރޮނާލްޑޯ ބުނާ ވާހަކަ ތައް ކަމަށެވެ. ޒިދާން ބުނީ، އަންނަ ހޮނިހިރު ދުވަހު، ރެއާލްގެ ފަރިތަކުންތަކަށް ނިކުންނާނެ ކަމަށް ރޮނާލްޑޯ، އޭނާ [ޒިދާން] ގާތު ބުނެފައިވާ ކަމަށެވެ.
"ކްރިސްޓިއާނޯ [ރޮނާލްޑޯ] އާ ބެހޭގޮތުން ދެކެވުނު ވާހަކަ ތަކުގައި، އޭނާ ހިމޭނުން ހުރުމުން، ބިނަ ބަޔަކު އެކަމާ ބެހޭގޮތުން ތަފާތު ވާހަކަ ތައް ދެއްކި، އޭނާ އެކަމާ ބެހޭގޮތުން ވާހަކަ ދެއްކި ނަމަ، އަނެއްކާވެސް މީހުން އެކަމާ ބެހޭގޮތުން ކޮމެންޓް ކުރާނެ، އެންމެ މުހިންމު ކަމަކީ ރޮނާލްޑޯ އަހަރެން ކައިރީ ދެއްކި ވާހަކަތައް،" ޒިދާން ބުންޏެވެ. "އޭނާ ހުރީ ހަމަޖެހިގެން، އޯގަސްޓް ފަހެއް [އަންނަ ހޮނިހިރު ދުވަހު] އޭނާ އަހަރެމެންނާ އެކު ހުންނާނެ، އޭނާ ނިކުތުމުން އަހަރެމެން އުންމީދު ކުރަން ދެކެވޭ ވާހަކަތައް ބަދަލު ވާނެ ކަމަށް."
ޓެކްހަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި، ރޮނާލްޑޯ ޝަރީއަތް ދާދި ފަހުން ވަނީ ފަށާފަ އެވެ. ޒިދާން ބުނީ އެކަމުގެ ސަބަބުން ރޮނާލްޑޯ އަށް އަސަރު ކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"ސުވާލު އުފެދިފައިވާ ކަމަކާ ބެހޭގޮތުން ވީ ކަމަކާމެދު އޭނާ އަށް އަސަރު ކުރާނެ ކަމަކަށް އަހަންނަށް ގަބޫލެއް ނުކުރެވޭ، އޭނާ ހުރީ އުފަލުން، އޭނާ ހުރީ ފުޓްބޯޅަ އެނބުރި އަށް އައިސް ރެއާލްއާ އެކު އިތުރު ވަރުގަދަ ސީޒަނެއް ހޭދަ ކުރަން ތައްޔާރަށް." ޒިދާން ބުންޏެވެ.
ޕްރީ ސީޒަން ޓްއާގައި، އެމެރިކާގެ މިއާމީގައި ކުރިއަށް ގެންދިޔަ މުބާރާތުގެ އެއްވެސް މެޗަކުން ރެއާލް މޮޅުވެފައެއް ނުވެ އެވެ. އެކަމުގެ ސަބަބުން، އަންނަ އަންގަރަ ދުވަހު ކުޅޭ ޔޫއެފްއާ ސްޕަ ކަޕްގައި ރެއާލްއަށް އެކަމުގެ އަސަރު ކުރާނެތޯ ސުވަލު ކުރުމުން ޒިދާން ބުނީ މިރޭ އެމެރިކާގެ މޭޖާ ލީގްގެ ހިމެނޭ ކުޅުންތެރިންގެ ޓީމާ ދެކޮޅަށް ރެއާލް މޮޅުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނަމަވެސް އެއީ މުހިންމު ކަމެއް ނޫން ކަމަށާއި ޕްރީ ސީޒަންގެ ހަތަރު މެޗަށް ފަހު ރެއާލް އޮންނާނީ ރަނގަޅު ހާލަތުގައި ކަމަށް ޒިދާން ބުންޏެވެ.
"ފިޒިކަލީ އަހަރެމެން މިއޮތީ ފިޓް ކޮށް، ވަރަށް ބުރަކޮށް މަސައްކަތް ކުރެވިއްޖެ، އަދި އިންޖަރީއަށް ބަލާއިރު އެއްވެސް ދެރަ ޚަބަރެއް ނެތް، ޕްރީ ސީޒަންގެ ނަތީޖަ ތަކާ މެދު އަހަރެމެން ނުވިސްނަން، އަހަންނަށް ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންކަން ވަނީ ފެނިފަ."