ވިޔަފާރި

އޭޝިޔާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުންޏަަކަށް ބީއެމްއެލް!

  • މި އެވޯޑަށް ގިނަ ބޭންކުތަކެއް ވާދަކުރި
  • އެވޯޑު ދިނީ ސިންގަޕޫރުގައި ބޭއްވި އިވެންޓެއްގަ
  • ބޭންކުން މުވައްޒަފުން ތަމްރީން ކުރަން އިސްކަންދޭ

އޭޝިޔާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުންޏަކަށް ދޭ އެވޯޑު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.

ސިންގަޕޫރުގައި ކުރިޔަށް ދިޔަ " ވޯލްޑް އެޗްއާރުޑމްޕްލޯޔާ" ކޮންފަރެންސުގައި ބީއެމްއެލްއަށް ލިބިފައިވަނީ "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑު" އެވެ. މި އެވޯޑާ ގައުމީ ބޭންކުގެ ފަރާތުން ހަވާލުވެލެއްވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ ހެޑް އޮފް ހިއުމަން ރިސޯސު އަހްމަދު އިބްރާހީމް އެވެ.

މި ކޮންފަރެންސުގައި އޭޝިޔާގެ އެކި ގައުމުތަކުން ހިއުމަން ރިސޯސް ދާއިރާގެ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ.

އެވޯޑާ ބެހޭ ގޮތުން ޑެޕިއުޓީ ސީއީއޯ ޝަރީފު ވިދާޅުވީ އެވޯޑު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

"އޮގަނައިޒޭޝަނެއްގެ ގޮތުގައި މުވައްޒަފުން ކުރިއަރުވަން އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން. ބޭންކުގެ ސިޔާސަތުތަކާއި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޓީމް ހިމެނެނީ ވަޒީފާއަށް އެންމެ އެކަށޭނަ، ހީވާގި އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދޭ މުވައްޒަފުންކަން ޔަގީން ކުރެވޭ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްގައި މުވައްޒަފުންނަށް ހާއްސަކޮށް ގިނަ އެވޯޑުތަކެއް ދޭ ކުންފުންޏެކެވެ. މި ކުންފުނީގެ 99 ޕަސަންޓު މުވައްޒަފުންނަކީ ދިވެހިންނެވެ. މިގޮތުން މުވައްޒަފުންނަށް ތަފާތު ބެނިފިޓްތައް ދިނުމުގެ އިތުރުން ތަމްރީން ވުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވާފަ އެވެ.

ބޭންކުން ވަނީ މި އަހަރު މުޖުތަމައަށް އެހީތެރިވުމާއި ތަރައްގީގެ މަޝްރޫއުތަކަށް 20 މިލިއަން ޑޮލަރުގެ ޕްރޮގްރާމެއް 22 ރަށެއްގައި ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން އިތުރު 150 ވަޒީފާ އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.