ހަބަރު

ސިފައިންނަށް ހަމަލާދިން ކަމުގެ ތުހުމަތު އަރީފަށް، ޕާސްޕޯޓު ހިފަހައްޓައިފި

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ހިންގި އަމަލުތަކާ މެދު ފުލުހުން ފަށާފައިވާ ޖިނާއީ ތަހުގީގަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފުގެ ޕާސްޕޯޓު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.

އަރީފުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގެ ކޮޕީއެއް އޭނާ ވަނީ ކުޑަ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ ޓްވިޓާގައި އާއްމުކުރައްވާފައެވެ. ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް ކަަމަށް އެ އަމުރުގައި ބުނެފައި ވަނީ އޭނާ ފުރާވަޑައިގެންފި ނަމަ "ޖުލައި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި ސިފައިންނާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ"އިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަަމަށް ފެނުމެވެ.

އަދި ދެވަނަ ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ ފިއްލަވައިގެން ސްރީލަންކާއަަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލުމާތު ލިބިފައި ވުމެވެ. ފުރާވަޑައިގަންނަވަން އުޅުއްވާކަން އެނގޭ ހެއްކެއް ކަމަށް އަމުރުގައި ބުނެފައި ވަނީ އިންޓެލިޖެންސަށް ލިބިފައިބާ ސިއްރު މައުލޫމާތު ހިމެނޭ ރިޕޯޓެކެވެ.

އަރީފުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އަންނަ ސެޕްޓެމްބަރުމަހުގެ ފުރަތަަމަ ދުވަހާ ހަމައަށެވެ.

މަޖިލީހުގައި ހިނގި ކަންތައްތަކާ ބެހޭ ގޮތުން ކުރާ ޖިނާއީ ތަހުގީގަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ. މަހުލޫފްގެ ޕާސްޕޯޓް ހިފެހެއްޓި ކޯޓު އަމުރުގައި ބުނެފައިވަނީ، ޖުލައި 31 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ވާޖިބަށް ހުރަސްއަޅައި ސިފައިންނާމެދު މެންބަރުން މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުވާ ކަމަށެވެ. މި މައްސަލާގައި ފުލުހުން ތުހުމަތުކުރަނީ ކިތައް މެންބަރުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

މި ތަހުގީގު ފަށާފައި މިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކަމަށް ބެލެވޭ ބޭފުޅެއްގެ އޯޑިއޯ ލީކްވެ އެ އޯޑިއޯގައި އެ މައްސަލާގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ފުލުހުންގައި ޑިފެންސް މިނިސްޓްރީން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އަވަސްކޮށްދިނުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ސީޕީ އަހުމަދު އަރީފްގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި މެންބަރުން އަމަލު ކުރެއްވި ގޮތުގެ ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަތް މެންބަރުންނަށް ވެސް ވަނީ ޖިނާއީ ތުހުމަތުތަކެއް ކޮށްފަ އެވެ. އެއީ ފުލުހުންގެ ސަފުތައް ފަޅާލުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. އެ ތުހުމަތުގައި އިދިކޮޅުގެ ގިނަ މެންބަރުންތަކެއް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

ޑިފެންސް މިނިސްޓަރު ކަމަށް ބެލެވޭ ބޭފުޅާ ސިފައިންނާ މުހާތަބު ކުރައްވާ ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާ ތެރޭގައި ސިފައިންނަށް ހަމަލާދިން މެންބަރުންނާމެދު ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުނީ އެކަމުގައި އެންމެ އަވަހަށް ފިޔަވަޅު އެޅޭނެ ގޮތަކީ އެއީ ކަމަށް ޕީޖީ އައިޝަތު ބިޝާމް ލަފާ ދެއްވުމުން ކަމަށެވެ. އެއީ ސިފައިންގެ ހައްގުގައި ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެ ބޭފުޅާ ވިދާޅުވެފައިވާ ގޮތުގައި، ގާނޫނީ ލަފާ ދެއްވާ ބޭފުޅުން ވިދާޅުވާ ގޮތުން އެ ދުވަހު މަޖިލިސް ތެރޭގައި މެންބަރުން އަމަލުކުރެއްވި ގޮތް ތަހުގީގުކުރެވޭނެ ކަމަށެވެ. މަޖިލިސް ތެރޭގައި ކުށްވެރި ނުވާނީ މެންބަރުން ދައްކަވާ ވާހަކަތަކާއި ދެއްވާ ވޯޓުން ކަމަށެވެ. މާރާމާރީ ހިންގައި ތަކެއްޗަށް ގެއްލުންދޭނަމަ ކުށްވެރިވާނެ ކަމަށެވެ.