ހަބަރު

ޑިފެންސް މިނިސްޓަރު ދެއްކެވީ ލަދުވެތި ވާހަކަފުޅެއް: ދީދީ

ލީކުވެފައިވާ އޯޑިއޯގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ދައްކަވާފައިވާ ވާހަކަފުޅަކީ ވަރަށް ލަދުވެތި ވާހަކަފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ޖެނެރަލް ރިޓަޔާޑް އިބުރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.

މަޖިލިސް ތެރޭގައި ސިފައިންގެ ވާޖިބަށް މެމްބަރުން ހުރަސް އަޅުއްވައި މާރާމާރީ ހިންގެވިކަމަށް ތުހުމަތުކޮށް ކުރާ ތަހުގީގަށް ޖަވާބުދާރީ ވެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނުން ދީދީ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.

"ސުބުޙާނަﷲ ތިޔަށް ވުރެ ދެން ހިތާމަވެރި ވާހަކައެއް ކޮބައިތޯ؟ އަޅުގަނޑު ލަދުން ފިއްކަނޑައިގެން އެބަދޭ ތިކަމަކާ ހެދި. ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރަކަށް ހުރި މީހަކު މިބުނަނީ ދަތްދޮޅި ދުއްވާލާނަމޭ،" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ދިފާއީ ބާރަކީ ރައްޔިތުންގެ މަޖިލީހާ ނުވަތަ ސުޕްރީމް ކޯޓާ ހަނގުރާމަކުރާ ބައެއް ނޫން ކަަމަށާއި އެއީ ދިފާއު ކުރަން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ވިދާޅުވީ ސިފައިންގެ ހުވާގައި މިހާރު ވެރިންގެ ވާހަކައެއް ނުވެސް އޮންނާނެ ކަމަށެވެ.

"... ވެރިންގެ ވާހަކައެއް ނާންނާނެ. މާ ކުރީގައި އޮތް ވާހަކައެއް އެއީ. މިހާރު މިބުނަނީ މާތްވެގެންވާ އިސްލާމްދީނާ ގާނޫނު އަސާސީގެ ވާހަކަ ފުރަތަމަ ކަމަކަށް،" ދީދީ ވިދާޅުވި އެވެ.

ދީދީ މިރޭ ފުލުހަށް ހާޒިރުކޮށްފައި ވާއިރު އިދިކޮޅު އެހެން ބައެއް މެމްބަރުން ވެސް މިއަދު ވަނީ ހާޒިރުކޮށްފައެވެ. އަދި ބައެއް މެމްބަރުންގެ ޕާސްޕޯޓު ވެސް ވަނީ ކޯޓު އަމުރުތަކުގެ ދަށުން ހިފަހައްޓާފަ އެވެ.

މި ތަހުގީގު ފަށާފައި މިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކަމަށް ބެލެވޭ ބޭފުޅެއްގެ އޯޑިއޯ ލީކްވެ އެ އޯޑިއޯގައި އެ މައްސަލާގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ފުލުހުންގައި ޑިފެންސް މިނިސްޓްރީން އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އަވަސްކޮށްދިނުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ސީޕީ އަހުމަދު އަރީފްގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާގައި މެންބަރުން އަމަލު ކުރެއްވި ގޮތުގެ ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަތް މެންބަރުންނަށް ވެސް ވަނީ ޖިނާއީ ތުހުމަތުތަކެއް ކޮށްފަ އެވެ. އެއީ ފުލުހުންގެ ސަފުތައް ފަޅާލުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. އެ ތުހުމަތުގައި އިދިކޮޅުގެ ގިނަ މެންބަރުންތަކެއް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

ޑިފެންސް މިނިސްޓަރު ކަމަށް ބެލެވޭ ބޭފުޅާ ސިފައިންނާ މުހާތަބު ކުރައްވާ ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާ ތެރޭގައި ސިފައިންނަށް ހަމަލާދިން މެންބަރުންނާމެދު ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދުނީ އެކަމުގައި އެންމެ އަވަހަށް ފިޔަވަޅު އެޅޭނެ ގޮތަކީ އެއީ ކަމަށް ޕީޖީ އައިޝަތު ބިޝާމް ލަފާ ދެއްވުމުން ކަމަށެވެ. އެއީ ސިފައިންގެ ހައްގުގައި ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.