ހަބަރު

ސިފައިންތަކެއް ބަންދުކުރި ވާހަކައަކީ ދޮގެއް: އެއެމްއެންޑީއެފް

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ މެމްބަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯއެއް ލީކުވި މައްސަލައެއް ބަލަން ސިފައިން ތަކެއް ބަންދު ކޮށްގެން އުޅޭ ކަމަށް ފެތުރުނު ވާހަކަ ސިފައިން ދޮގު ކޮށްފިއެވެ.

މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ އޯޑިއޯ ލީކްވި މައްސަލަ ބަލަން ގިނަ އަދަދެއްގެ ސިފައިން، ސިފައިންގެ މަރުކަޒެއްގައި މިއަދު ހެނދުނުން ފެށިގެން ބަންދުކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ވާހަކަ ފަތުރަމުންނެވެ. އަދި ބައެއް ޓީވީ ސްޓޭޝަން ތަކުން ވަނީ އެވާކަ ފަތުރާފައެވެ.

އެކަމާ ބެހޭ ގޮތުން "އަވަސް" އިން ސުވާލު ދެންނެވުމުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީްއެފް) ގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހީމް އާޒިމް ވިދާޅުވީ "އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް" ކަމަށެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކަމަށް ބެލެވޭ ބޭފުޅަކު އެސްޕީޖީ އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި މިއަދު އާއްމުވިއެވެ. އެ ބައްދަލުވުމަކީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު ބޭއްވި ބައްދަލުވުމެކެވެ.

ތިރީސް ހަ މިނެޓްގެ އެ އޯޑިއޯ އާއި ގުޅިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ ބަހެއް ހޯދަން މިނިސްޓަރުގެ ފޯނަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. އަދި ފޮނުވި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.