ރިޕޯޓް

ސަރުކާރުގެ އަމާޒު ސީދާ މަޖިލިސް ފުނޑާލަން!

  • ގިނަ މެންބަރުންތަކެއްގެ މައްޗަށް ބޮޑު ޖިނާއީ ތަހުގީގެއް
  • ބޭނުމަކީ ގިނަ މެންބަރުންތަކެއްގެ ގޮޑި ގެއްލުވާލައި މެޖޯރިޓީ ހޯދުން
  • މަޖިލިސް ހުއްޓުމެއްގެ ތެރޭގައި، މެންބަރުން ބިރުވެރިކަމުގައި

ރާއްޖޭގައި މިއޮތް ނިޒާމަކީ ތިން ބާރު ވަކިވެފައިވާ އޮތް ނިޒާމެކެވެ. ތިން ބާރު ވަކިވަކިން ހިންގަމުންދާ ނިޒާމެކެވެ. ކޭކެއް ފޮތިކޮށްލާފައި އޮންނަ އުސޫލުން ބާރުތައް ވަނީ ވަކިކުރެވި އިންތަކެއް ކަނޑައެޅިފަ އެވެ. ރައިސުލްޖުމްހޫރިއްޔާ ލިބޭނީ ކޭކުގެ އެއް ފޮއްޗެވެ. ޝަރުއީ ދާއިރާ އާއި ގާނޫނޫ ހަދާ މަޖިލީހަށް އަނެއް ހާއްސަ ދެ ފޮއްޗެވެ. ކިތަންމެ ކާން ބޭނުން ވިޔަސް ރައީސްއަށް އޮންނަ ކޭކު ފޮތި ފިޔަވާ އަނެއް ދެ ކޭކު ފޮތި ރައީސްއަށް ކެވޭނެ ގޮތެއް ނޯންނާނެ އެވެ. ރައީސްއަށް އޮތީ ރައީސްގެ ފޮތި އެކަންޏެވެ. ނަމަވެސް ފެނިގެން މިދަނީ އެ ނިޒާމް އެއްކޮށް ފުނޑިގެންދާ މަންޒަރެވެ. ތިން ކޭކް ފޮތި ވެސް ރައީސް ކާލަން ބޭނުންވެގެން އުޅޭ މަންޒަރެވެ. އެކަމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވޭ ތަނެވެ.

މިދިޔަ ހޯމަ ދުވަހަކީ މިފަހުން ރައްޔިތުންގެ މަޖިލީހުގައި އެންމެ ހޫނުވި އެއް ދުވަހެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ޖަލްސާ ކުރިއަށް ނުގެންދެވޭ ވަރަށް އިދިކޮޅު މެންބަރުންގެ ހަރަކާތްތައް އިތުރުވެގެން ދިޔަ ދުވަހެކެވެ. މަސީހުގެ ދިފާއުގައި ސިފައިންގެ ފައުޖެއް އަތުގުޅާލައި ޗެމްބަރު ވަށާލި ދުވަހެވެ. އަތުގުޅާލައިގެން ތިބި ސިފައިން އެއްކައިރިކޮށް މަސީހާ ހަމައަށް ވަޑައިގަތުމަށް މެންބަރުން މަސައްކަތްކުރި އެވެ. މެންބަރުން ގަދަކަމުން ހިފެހެއްޓީ ސިފައިންނެވެ. އަނިޔާވީ މެންބަރުންނަށެވެ. ސިފައިން ހުރަސް އެޅުމުން މެންބަރުން ވަރަށް ގަދަ ދެއްކި އެވެ. އެކަމުގެ ތެރޭގައި ސިފައިންނަށް ވެސް އަނިޔާވެފައި ހުރެދާނެ އެވެ.

ނަމަވެސް އެއީ މެންބަރުންނަށް ހާއްސަކޮށްފައިވާ ރައްޔިތުންގެ މަޖިލީހެވެ. މެންބަރުންނަށް ހާއްސަ އިމްތިޔާޒުތަކާއި ބާރުތައް ވަނީ ދީފަ އެވެ. ހާއްސަ ގާނޫނުތައް ވަނީ ހެދިފަ އެވެ، ގަވައިދުތައް އެބަހުއްޓެވެ. މެންބަރުން މަޖިލިސް ތަޅުމުގައި ދައްކަވާ ވާހަކައަކާއި ދެއްވާ ވޯޓަކުން އެ މެންބަރުން ކުށްވެރިނުވާނެ މިންވަރަށް މަޖިލިސް މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި އެވަނީ ބުނެފަ އެވެ. އެ މަޖިލީހުގެ ކަންކަން ނިންމާނީ އެ މަޖިލީހުން ކަމަށް އެ ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައިވެ އެވެ.

ހާއްސަ ބާރުތަކެއް މަޖިލީހަށް ދީފައި އޮތްވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އެދިވަޑައިގަތުމުގެ މަތިން މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި މެންބަރުން ހިންގި އަމަލުތަކެއްގެ ޖިނާއީ ތަހުގީގު މިވަނީ ފަށާފަ އެވެ. އަދި އެ މެންބަރުންނަށް ދައުވާކޮށް އަދަބު ދިނުމަށް ދަނީ ހަލުވި ސްޕީޑްގައި ކަންކަން ކުރަމުންނެވެ. އެ މައްސަލާގައި ދެ މެންބަރެއްގެ ޕާސްޕޯޓް މިހާރު ވެސް ވަނީ ހިފަހައްޓާފަ އެވެ. މެންބަރުންނަށް މި ތުހުމަތުކުރަނީ ސިފައިންނާމެދު މާރާމާރީ ހިންގި ކަމަށް ބުނެ އެވެ. މަޖިލީހުގެ ތަޅުމުގައި މެންބަރުން ދައްކަވާ ވާހަކަތަކާއި ވޯޓްލާ ގޮތް ކުށްވެރިނުވި ނަމަވެސް މެންބަރުންގެ އަމަލުތައް ކުށްވެރިވާނެ ކަމަށް ސަރުކާރަށް ގާނޫނީ ލަފާދޭ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ތެދެކެވެ. މެންބަރުންގެ އަމަލުތަކުގެ ވާހަކަ ގާނޫނުގައި ނެތެވެ. ތަކެއްޗަށް ގެއްލުންދީފިނަމަ ވާނެ ގޮތުގެ ވާހަކަ ގާނޫނުގައި ނެތެވެ. އެކަމަކު އެއީ އެ ބާރުގެ މައްޗަށް އެހެން ބާރަކުން ނުފޫޒު ފޯރުވުމަށް އޮތް ދޮރެއް ހެއްޔެވެ؟ އަދި މަޖިލީހުގެ ރިޔާސަތުން އެދިވަޑައި ނުގަންނަނިސް ޑިފެންސް މިިނިސްޓަރާއި ޕީޖީ މަޝްވަރާކޮށްފައި އަމިއްލައަށް އިސްނަގައިގެން ޗެމްބަރުގައި ހިނގި ހާޖާނުގަނޑެއް ބެލުމަށް މަސައްކަތް ކުރަނީ ކީއްކުރަން ހެއްޔެވެ؟

"މި ތިން ބާރު ވަކިވެގެން އޮންނައިރު މަޖިލީހުގެ ތަޅުމުގެ ތެރޭގައި ހިންގާ ކަންކަމުގައި އަޅުގަނޑުމެންނަކީ އިމްތިޔާޒުތައް ލިބިގެންވާ ބައެއް، ލިބެން ވެސް ވާނެ ބައެއް، އަޅުގަނޑުމެން ކުރާ މަސައްކަތްތަކަކީ އެ ބާވަތެއްގެ މަސައްކަތެއް، އަޅުގަނޑުމެންގެ ނިޒާމް އެބަ ބުނެދޭ ކަންކަން ހިނގާނެ ގޮތް، މަޖިލީހަކީ ވަކި ތަނެއް، މަޖިލީހުގެ ކަންކަން ހިނގާނެ ގޮތް އޮންނާނެ މަޖިލީހުގެ ގަވައިދުން ނިންމާފަ، މަޖިލީހުގައި ހިންގާ ކަންކަން ބަލާނެ މަޖިލީހުގެ ކޮމީޓީއެއް ވެސް ވަނީ އެކުލަވާލާފަ، މަޖިލީހަށް ހާއްސަ ބަޖެޓެއް ވަނީ ކަނޑައަޅާފަ، އެހެންކަމުން އެތަނުން ގެއްލުންވެގެން ހޯދަންޖެހޭ ތަކެއްޗާ ބެހޭ ގޮތުން ސަރުކާރަކަށް ބަހެއް ނުބުނެވޭނެ،" ގާނޫނީ ބޭފުޅެއް ކަމަށްވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި އެވެ.

މަޖިލީހުގެ ކަންކަން މަޖިލީހުން ނިންމައި، ފިޔަވަޅު އަޅަންޖެހިއްޖެނަމަ ފިޔަވަޅު އެޅޭ ގޮތަށް އެ މަޖިލީހަށް ހާއްސަ ބާރުތައް ދީފައިވަނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ގައުމުގެ ކަންކަން ހިންގުމަށެވެ. މިސާލަކަށް ޝަރުއީ ދާއިރާއަކީ އެ ދާއިރާގެ ކަންކަން އަމިއްލައަށް ނިންމާ ދާއިރާއެކެވެ. އެހެން ބަޔަކަށް އެކަމަށް ފާޑެއް ނުފޫޒެއް ނުފުރޯވޭނެ އެވެ. ރައިސުލްޖުމްހޫރިއްޔާއަށް ހާއްސަ ބާރުތަކެއް ވަނީ ދީފަ އެވެ. އެ ބާރުތައް އިތުރު އެހެން މީހަކަށް ނުލިބޭނެ އެވެ. އެ ބާރުތަކުގެ ބޭނުމެއް ވެސް އެ ނޫން ފަރާތަކަށް ނުކުރެވޭނެ އެވެ. މަޖިލީހަކީ ވެސް ހަމަ އެފަދަ ބާރެކެވެ. އެ ބާރަށް މިނިވަންކަމާއެކު މަސައްކަތް ކުރެވެން ޖެހޭނެ އެވެ. އެ ބާރަށް ލިބިފައިވާ ބާރުތަކާއި އިމްތީޔާޒްތަކަށް އަރައިގަނެގެން ނުވާނެ އެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމަކީ އިދިކޮޅު ހުރިހާ މެންބަރުން "ލުހެލެވިގެން" ވާނެ ކަމެއް ނޫނެވެ. އެކަމަށް ފުރުސަތު ވެސް އޮވެގެން ނުވާނެ އެވެ.

"ލީކްވެފައިވާ އޯޑިއޯއިން އެބަ އެނގޭ ސަރުކާރުގެ ސިޔާސަތެއް އެބަ އޮތްކަން މަޖިލީހުގެ މެންބަރުންގެ ބޮލުގައި ޖިނާއީ ތުހުމަތެއް އަޅުވައި އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމުގެ، ސިފައިންގެ އަމަލުތައް ޖިނާއީ ދައުވާއެއް މެންބަރުންގެ މައްޗަށް އުފުލޭ ގޮތަކަށް ބައްޓަން ކުރުމަށް ވެސް އެ އޯޑިއޯގައި ނަސޭހަތްތެރިވާ އަޑު އިވޭ، މިއީ ރޭވިގެން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ސަރުކާރުން ޖިނާއީ ދައުވާތަކެއް އުފުލައި އެ ބޭފުޅުންގެ ގޮނޑި ގެއްލުވާލަން ކުރަމުންދާ މަސައްކަތްތަކެއްކަން އެބަ އެނގޭ، މިއީ އެއްގޮތަކަށް ވެސް ގާނޫނީ އިމުގެ ތެރެއިން ކުރަމުންދާ ކަމެއް ނޫން، އަދި ކޮންމެހެން މަޖިލީހުގެ މެންބަރެއް ޖިނާއީ އަމަލެއް ހިންގައިގެން ހިންގާ ތަހުގީގެއް ނުވަތަ ކުރާ ދައުވާތަކެއް ވެސް ނޫން،" ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވި އެވެ.

އިމްތިޔާޒުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސް އަންގަވާ ގޮތަކަށް ސަލާމަތީ ބާރުތަކުންނެވެ. ހޯމަ ދުވަހު ވެސް ސިފައިން އަމަލުތައް ގެންގުޅިފައިވަނީ، މަސީހު އެންގެވި ގޮތަށް ކަމަށް ބެލެވެ އެވެ. ނަމަވެސް އެ ސިފައިން ތިއްބެވީ ހަމައެކަނި މަސީހުގެ ދިފާއުގަ އެވެ. މެންބަރުންނަށް ވެސް ރައްކާތެރިކަމާއި ސަލާމަތް ފޯރުކޮށްދޭން ގާނޫނު ލާޒިމުކުރެ އެވެ. އަދި މަޖިލީހަކީ ހަމައެކަނި މަސީހެއް ވެސް ނޫނެވެ. އަދި އެއްވެސް މީހެއްގެ ގާނޫނީ ޒިންމާއަށް ހުރަސް ނޭޅޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ. މީގެ އިތުރަށް މެންބަރުން އެދުވަހު ޗެމްބަރުގައި ހިނގި އެއްވެސް އަމަލެއް ބެލުމަށް މަޖިލީހުގެ އެކަމަށް ހާއްސަ ކޮށްފައިވާ ކޮމިޓީއިން ވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އަދި އެކަމުގައި ފުލުހުންގެ އެހީއަކަށް ވެސް މަޖިލީހުން އެދިފަ ނުވެ އެވެ. މިހެން އޮތް ކަމެއްގައި ފުލުހުންނާއި ސަރުކާރު ގުޅިގެން ބޮޑު ތަހުގީގެއް ހިންގަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

"ސިފައިން ގާނޫނާ ހިލާފަށް މަޖިލީހުގެ ޗެމްބަރުގެ ތެރެއަށް ވަދެ މެންބަރުންގެ މަސައްކަތަށް ހުރަސް އަޅުއްވާފަ ދެން މި ވިދާޅުވަނީ މަޖިލީހުގެ މެންބަރުންނަށް ކުރެވޭނީ އެވެނި ކަމެކޭ މިވެނި ކަމެކޭ، އެއީ ހަމަ ޖެހޭ ކަމެއް ނޫން ދެއްތޯ؟ އެ ބޭފުޅުންގެ އަމަލުތައް ގާނޫނީ އިމުގެ ތެރެއިން ބައްޓަން ކުރެއްވީމަ މަޖިލީހުގެ މެންބަރުންގެ ޒިންމާ އެ ބޭފުޅުން ގާނޫނީ އޮނިގަނޑުގެ ތެރެއިން އަދާކުރައްވާނެ، އެ ޒިންމާ އަދާކުރެއްވުމަށް ހުރަސް އެޅުވުމަށްފަހު ދެން އެ ވިދާޅުވާ ވިދާޅުވުން ގަބޫލު ނުކުރެވޭނެ، އެހެން މި ދަންނަވަނީ ގާނޫނާ ހިލާފަށް އަންގާ އެންގުމަކަށް އެއްވެސް ރައްޔިތަކު ތަބާވާން ނުޖެހޭނެ ކަމަށް ގާނޫނު އަސާސީގަ ލިޔެފައިވާތީ، އެއީ ރައްޔިތެއް ވިޔަސް އަދި މެންބަރެއް ކަމަށްވީ ނަމަވެސް،" ހިސާން ވިދާޅުވި އެވެ.

ގާނޫނާ ހިލާފު އެންގުމަކަށް އެއްވެސް މީހަކު ތަބާވާން ނުޖެހޭއިރު، މީގެކުރިން މަޖިލީހުގައި އަމަލުކުރެވުނު ގޮތަށް ބަލާއިރު މެންބަރެއްގެ ގައިގާ ސިފައިންނަށް ވެސް އަތް ލެވޭނީ އެކަމަށް މަޖިލީހުގެ ރައީސް ލިޔުމަކުން ސިފައިންނަށް ދީގެންނެވެ. އެ ނޫން ހާލަތެއްގައި މެންބަރެއްގެ ގައިގާ އަތްލުމުގެ ހުއްދައެއް ސިފައިންނަށް ވެސް ނޯންނާނެ އެވެ. އެވެސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދާ ވަގުތުތަކުގައި އެކަންޏެވެ.

މަޖިލިސް ތެރޭގައި ކަންކަން މި ހިސާބަށް ގޮސް، ގިނަ މައްސަލަތަކެއް ފެންމަތިވެފައިވަނީ ވެސް ނިޒާމްގެ ބޭރުން ގިނަ ކަންކަންތައްތަކެއް އެ މަތި މައްޗަށް ކޮށްފައިވާތީ އެވެ. ގާނޫނުގައި ފުރަތަމަ އޮތް ގޮތުން 15 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނެ އެވެ. އޭރަކުން އަދި މަޖިލީހުގެ މެޖޯރިޓީ ރައީސްއާ ދޭތެރޭ ދެކޭ ގޮތެއް ނޭނގެ އެވެ. ނަމަވެސް ވޯޓަށް ފިއްލެވުމަށް ސަރުކާރުން ވަނީ މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސް، 42 މެންބަރުންގެ ސޮޔާއެކު ނޫނީ އިތުބާރު ނެތް މައްސަލަ ހުށަނޭޅޭނެ ކަމަށް ކަނޑައަޅާފަ އެވެ. އެ އަދަދު ހަމަނުވާނެ ކަމަށް ބަލާފަ އެވެ. ނަމަވެސް އެ އަދަދު ހަމަކުރި އެވެ. މާބޮޑަށް ވެސް ހަމަ ކުރި އެވެ. އެއް މެންބަރަކު ސޮއި ގެންގޮސްފައިވާތީ 44 މެންބަރުންނެވެ. އެއީ މަސީހު ރައީސް ކަމަށް ގެނައި އަދަދަށް ވެސް އިތުރު އަދަދެކެވެ. މަޖިލީގެ މެޖޯރިޓީ އެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތް ކަމަށް މިހާރު ވެސް އެވަނީ ނިންމިފަ އެވެ. ވޯޓަކީ ހަމައެކަނި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތެކެެވެ. އެ ވޯޓު ނަގައިފިނަމަ މިހާރު ވެސް މަޖިލިސް އަމާންވީ އެވެ. މައްސަލައަކީ ލިޔެފައިވާ ގޮތަށް ނިޒާމުން ކަންކން ކުރިއަށް ނުގެންދާތީ އެވެ. ނިޒާމުން ބޭރުން ކަންކަން ކޮށް، މަސްހުނި ގަނޑެއްހެން ކަންކަން މޮޑެމުން އޮޅުން ބޮޅުވަނީ އެވެ.

މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީ މަޖިލީހުގެ ތެރޭގައި އަރާރުންތައް އުފުދުނު މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެކުރިން އެތައް ފަހަރަކު އެކަންކަން ހިނގާފައިވެ އެވެ. ސަރުކާރާ ދެކޮޅު އަދި އެއްކޮޅު މެންބަރުންގެ ފަރާތުން ވެސް އެކަންކަން ފެނިފައިވެ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދު ރިޔާސީ ބަޔާން ދެއްވި ދުވަސްތަކުގައި އެ މަންޒަރު ފެނުނެވެ. ނަމަވެސް އެ ދުވަހު އެ މެންބަރުންނާމެދު ފިޔަވަޅެއް ނާޅަ އެވެ. ދައުވާއެއް ނުކުރެ އެވެ. އެއީ ނިޒާމު ފުނޑާނުލުމަށެވެ. ގައިމު މިއަށްވުރެ ހަޑި، ބޮޑެތި މަންޒަރުތައް ފެނުނެވެ. މަޖިލީހުގެ މެންބަރުންނާ މެދު ޖިނާއީ ތަހުގީގެއް ހިންގޭނީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ އިން އެކަން ބަލައި ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން އެވެ. އެކަމަކު އޭގެ ބަދަލުގައި މި ފެންނަނީ ސަރުކާރުން އަމިއްލައަށް މަޖިލީހުގެ ބާރުތަކުގެ ތެރެއަށް އަރައިގަނެ، މެންބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފެށިތަނެވެ.

މަޖިލީހުގައި ހިންގާ އަމަލުތަކުގައި މެންބަރުން ކުށްވެރިވާނަމަ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ކުށްވެރިން ވާން ޖެހެ އެވެ. ނިހާން ވަނީ މަޖިލީހުގެ ތެރޭގައި އަންހެން މެންބަރެއްގެ މޫނަށް ކުޅު ޖައްސަވައި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ހިންގަވައިފަ އެވެ. ގެއްލުންވާނަމަ ގެއްލުންވަނީ ހަމައެކަނި ސިފައިންނަކަށް ނޫނެވެ. ނަމަވެސް އެތަނުގެ ތެރޭގައި ހިންގާ ކަންކަމަށް ޖިނާއީ ދައުވާ އުފުލޭނަމަ މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވެގެން ދާނެ އެވެ. ދައުވާއެއްގެ ބިރު އެ މެންބަރުންގެ ބޯމަތީގައި އޮންނާނެ އެވެ. ރައްޔިތުންގެ އަޑު އުފުލައި، އެ ދަނޑިވަޅަކު ކުރަންޖެހޭ ކަމެއް ކުރުމަށް ފަސްޖެހޭނެ އެވެ. ގާނޫނު ހަދާ މަޖިލިސްތަކަކީ ކޮންމެ ގައުމެއްގައި ވެސް އަރާރުންތައް ބޮޑު، ހަމަނުޖެހުން ވެސް ބޮޑު ތަނެކެވެ. މެންބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ދީފައިވަނީ އެކަމުން އެ މެންބަރުންނަށް އެއްވެސް ގެއްލުމެއް ނެތްކަމުގެ ޔަގީންކަން އެރުވުމަށެވެ. ރާއްޖެ ނޫނަސް ކަން އޮތީ ހަމަ މިގޮތަށެވެ.

މީގެކުރިން މަޖިލީހުގައި މެންބަރަކު ޗެމްބަރުގައި ހިންގެވި އަމަލަކުން ކުށްވެރިވެފައިނުވާއިރު އަދި އެ މައްސަލައެއްގެ ތަހުގީގު ވެސް ހިންގިފައިނުވާއިރު ކުއްލިއަކަށް މިހާރު މިކަމަށް އަވަސް އަރުވާލައިގެން އުޅޭ ސަބަބު ވަރަށް ސާފެވެ. ސަރުކާރަށް މިހާރު ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފަ އެވެ. ސަރުކާރު ބޭނުންވާ ގޮތަށް މަޖިލީހަށް ނުހިނގަ އެވެ. ފެށުނީންސުރެ މި ސަރުކާރަކީ އިދިކޮޅުވާ ބޭފުޅުން ޖަލަށް ގެންދިޔުމުގައި އަވަދިނެތި އުޅުނު ސަރުކާރެކެވެ. މިހާރު ވެސް އެ ފެންނަނީ ހަމަ އެ މަންޒަރެވެ. ސިފައިންގެ ހައްގުގައި އެ މެންބަރުންނަށް ދައުވާކުރުމަށް ފޮނުވާ ކަމަށް ބުންޏަސް ހަގީގީ ބޭނުމަކީ އިދިކޮޅު މެންބަރުންގެ ގޮނޑިތައް ގެއްލުވާލުމެވެ. ލީކްވެފައިވާ އޯޑިއޯގައި ޑިފެންސް މިނިސްޓަރު ކަމަށް ބެލެވޭ ބޭފުޅާ ވެސް ވިދާޅުވެފައިވަނީ މެންބަރުންނާމެދު އަވަސް ފިޔަވަޅުތަކެއް އެޅޭނެ ގޮތާމެދު ޕީޖީ އައިޝަތު ބިޝާމްއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަން އަވަސްކޮށްދިނުމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ސީޕީ އަހުމަދު އަރީފްގެ އަރިހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

އޯޑިއޯއަކީ ހަގީގަތެއް ކަމަށްވާނަމަ މިއީ ވެސް ބޮޑު މައްސަލައެކެވެ. ނިޒާމު ފުނޑާލަން ދެވޭ އިތުރު ހަމަލާއެކެވެ. ޑިފެންސް މިނިސްޓަރު، ޕީޖީގެ މަޝްވަރާ ހޯއްދެވުމެވެ. އެއީ ވެސް އަދި ޑިފެންސް މިނިސްޓަރު ބޭނުންވާ މައްސަލައެއްގައި އަވަހަށް ފިޔަވަޅު އެޅޭނެ ގޮތް ބެއްލެވުމަށެވެ. ޕީޖީއަކީ މިނިވަން ބޭފުޅަކަށްވާއިރު ސަރުކާރުގެ މިނިސްޓަރަކަށް އެ ލަފާ ޕީޖީގެ އަރިހުން ހޯދިގެން ނުވާނެ އެވެ.

"ޕީޖީއަކަށް ޑިފެންސް މިނިސްޓަރަށް ގާނޫނީ ލަފާ ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން، ޑިފެންސް މިނިސްޓަރު ލަފާ ހޯދަން ޖެހޭނީ ބަންޑާރަ ނައިބުގެ އަރިހުން، ޕީޖީގެ ދައުރަކީ ޖިނާއީ ކުށެއް ހިނގީމަ އެކަމާ ގުޅޭ ގޮތުން ތަހުގީގަށް ދެއްވަން ޖެހޭ ލަފާތައް ތަހުގީގީ އިދާރާއަށް ދެއްވުން، އެއްގޮތަކަށް ވެސް ވަކި ކަމެއް ސަރުކާރުގެ ވަކި ސިޔާސަތެއް ތަންފީޒުކުރަން އަދި މެންބަރުންގެ ބޮލުގަ ޖިނާއީ ތުހުމަތުތަކެއް އެޅުވުމަށް ރާވާ ރޭވުމަކަށް ލަފާދީ އެކަމުގައި ބައިވެރިވުމަކީ އެކަމަނާއަށް ކުރެވޭނެ ކަމެއް ނޫން،" ހިސާން ވިދާޅުވި އެވެ.

ވަރަށް ރީއްޗަށް ލިޔެވިގެން ފުށު އެރުމެއް ނެތި ހިނގަމުންދިޔަ ކަންތައްތަކެއް ކުއްލިއަކަށް އެފުށް މިފުށްވެ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި މިވަނީ ނިޒާމަށް ގިނަ ހަމަލާތަކެއް ދެމުންދާތީ އެވެ. ނިޒާމް ފުނޑާލުމަށް މަސައްކަތްތަކެއް ކުރަމުންދާތީ އެވެ. ސަރުކާރު ހިންގާ ބާރު ބޭނުންވާ ގޮތަށް ގާނޫނު ހަދާ ބާރު ނުހިނގާތީ އެ ބާރުގެ ދުވަސް ދުއްވާލުމަށް ރޭވިގެން އަމަލުތަކެއް ހިނގަމުންދާތީ އެވެ. ހަނދާންކޮށްލަންޖެހޭ ކަމަކީ މިއީ އެވެ. މި ނިޒާމް އެކުލަވާލަން ފެހި ގާނޫނު އަސާސީ ހެދީ އެތައް ގިނަ މަސައްކަތްތަކަކާއި ހަރަދުތަކަކުން އެވެ. އެއީ އިހުތިރާމްކޮށް އެއަށް އަމަލުކުރަންޖެހޭނެ ގާނޫނު އަސާސީއެކެވެ. މަޖިލީހުގެ މެޖޯރިޓީ ހޯދަން މުޅި ނިޒާމް ފުޑާލައި ހިތުހުރި ގޮތަކަށް އަމަލު ކުރުމުގެ ނަތީޖާއަކަށް ވާނީ ގާނޫނު ހެދުމުގެ ބާރާއި ދެން ހުރި ދައުލަތުގެ ބާރުތަކުގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށި ރާއްޖެ އިތުރަށް ހަލަބޮލިވުމެވެ. މަޖިލިސް މެންބަރުންގެ މައްޗަށް މި ފެށި ބޮޑު ޖިނާއީ ތަހުގީގާ އެކު މި އަޅާލެވެނީ އެ ހަމަނުޖެހުންތަކުގެ ސުރުހީ އެވެ.