ހަބަރު

އިންސާނީ ވަގުފާރި ހުއްޓުވަން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަ: ދުންޔާ

އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި މުއައްސަސާތައް ހަރުދަނާ ކުރުމަށް ސަރުކާރުން ފާއިތުވި އަހަރުތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހާ ގުޅިގެން ނެރުއްވި ބަަޔާނެއްގައި ދުންޔާ ވިދާޅުވެފައި ވަނީ ގިނަ އަަދަދެެއްގެ ބަޔަކު މަސައްކަތް ކުރުމަަށްޓަކައި ރާއްޖެއަށް ހިޖުރަކުރަމުންދާތީ އިންސާނީ ވަގުފާރީގެ މައްސަލަތައް އެމީހުންނަށް ކުރިމަތިވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކުރުމުގައި މުއައްސަަސާތައް ހަރުދަނާ ކުރުމަށް ފާއިތުވި އަހަރުތަކުގައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.

ރާއްޖޭގައި 2013 ވަނަ އަހަރު އިންސާނީ ވަގުފާރި މަނާކުރާ ގާނޫނެއް ފާސްކޮށް ތަސްދީގުކުރުމާއި (2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް) އަމަލުކުރާނެ އެކްޝަން ޕްލޭން އެކުލަވައިލުމަކީ އެފަދަ ފިޔަވަޅުތަކެއްގެ ގޮތުގައި ދުންޔާ ފާހަގަކުރައްވާފައި ވެއެވެ.

"އެގޮތުން އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އީއޯއެމް) އާއި ސަރުކާރާ އޮންނަ ގުޅުމަކީ އަގު ނުކުރެރޭ ވަރުގެ ގުޅުމެކެވެ،" އިންސާނީ ވަގުފާރި ހުުއްޓުވުމުގައި ރާއްޖޭގެ ބައިވެރިވުން އޮތް ވަރު ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވެފައި ވެއެވެ.

އިންސާނީ ވަގުފާރި ހުއްޓުވުމުގައި ރާއްޖޭން އެއް ދަރަޖަ ކުރިއަށް ޖެހިފައިވާކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ މިއަހަރުގެ ރިޕޯޓްގައި ވެސް ފާހަގަކޮށްފައި ވެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު އެލުލަވާލާ ރިޕޯޓް 'ޓްރެފިކިން އިން ޕާސަންސް ރިޕޯޓް' ( ޓީއައިޕީ)ގެ ޓަޔާ 2 ވޮޗް ލިސްޓްގައި ރާއްޖެ އޮތް ނަމަވެސް މިއަހަރު ހިމަނާފައި ވަނީ ޓަޔާ 2 އަށް ބަދަލުކޮށްފައެވެ.

ޓަޔާ2 އާއި ޓަޔާ 2 ވޮޗްލިސްޓްގެ ތަފާތު

ޓީއައިޕީގެ ޓަޔާ 2 ގައި ހިމެނޭ ގައުމުތަކަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ މީހުން ހިމާޔަތް ކުރަން އެމެރިކާގައި 2000 ވަނަ އަހަރު ފާސްކޮށް އަދި ފަހުން އިސްލާހުކޮށްފައިވާ ގާނޫނު ' ދަ ޓްރެފިކިން ވިކްޓިމްސް ޕްރޮޓެކްޝަން އެކްޓް އޮފް 2000 އޭސް އެމެންޑެޑް( ޓީވީޕީއޭ)ގައިވާ އެންމެ ދަށް މިންގަނޑަށް އިންސާނީ ވަގުފާރިހުއްޓުވަން ފުރިހަމަ އަށް ފިޔަވަޅު ނޭޅުނު ނަމަވެސް އެކަމުގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތައް ހޯދާފައިވާ ގައުމުތަކެވެ.

ޓަޔާ2 ވޮޗް ލިސްޓަކީ ޓީވީޕީއޭގައިވާ އެންމެ ދަށް މިންގަނޑަށް ފިޔަވަޅު ނޭޅުނު ނަމަަވެސް އެކަމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދުމާއި އެކުގައި ވެސް، އަންނަނިވި ތިން މައްްސަލަ އޮތް ގައުމުތަކެވެ.

1- އިންސާނީ ވަގުފާރީގެ އެންމެ ވޭންދެނިވި ބާވަތްތަކުގެ ޝިކާރައަކަށް ވެފައިވާ މީހުން ފާހަގަކުރެވޭހާ ގިނަ، ނުވަތަ ފާހަގަކުރެވޭ ވަރަށް އިތުރުވަނުން އައުން.

2- އިންސާނީ ވަގުފާރީގެ އެންމެ ވޭންދެނިވި ބާވަތްތައް ހުއްޓުވަން އޭގެ ކުރީ އަހަރު އެކަށީގެންވާ ވަރުގެ މަސައްކަތެއް ކޮށްފައިވާ ކަމުގެ ހެކި ނުދެއްކުން. އެ ފަދަ މަަސައްކަތް ތަކަކީ އެފަދަ މައްސަލަތައް ތަހުގީގު ކުރުން، ދައުވާކުރުން އަދި ކުށް ސާބިތުކުރުން. އެބާވަތުގެ ވަގުފާރީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު މަދު ކުރުން.

3-ޓީވީޕީއޭގައިވާ އެންމެ ދަށް މިންގަނޑަށް ހާލަތު ރަނގަޅު ކުރަން އަމާޒުކޮށްގެން މަސައްކަތް ކުރާ ކަމަށް ބެލެވޭ ވަރުގެ އިތުރު ފިޔަވަޅުތަކެއް އެޅުން.