ވާހަކަ

މުޅިޖާންހިތާ

(1 އޯގަސްޓު 2017 އާ ގުޅޭ) -- ފާޚާނާގައި ހުރި ޔާނާއަށް ދޮރުގައި މީހަކު ޓަކިޖަހާހެން ހީވިއެވެ. އޭރު އޭނާ ވެސް ފަތިސް ނަމާދަށް ތައްޔާރުވުމަށް އުޅެނީ ފާޚާނާގައެވެ. ނިކަން އަވަސްކޮށްލައިގެން ފާޚާނާއިން އޭނާ ނުކުތެވެ. ތުވާލިން ފެންފުހެމުން އައިސް ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އޭނާއަށް ލިބުނީ ހައިރާންކަމެވެ.

"ބަނޑުގައި ރިއްސަނީތަ؟" ދޮރުމަތީ ހުރި އައިރާ ބަނޑުގައި ހިފަހައްޓާލައިގެން ހުރި ގޮތުންނާއި އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތަކުން ޔާނާ އަހާލިއެވެ.

"ވަރަށް އުނދަގޫވާތީ މިއުޅެނީ. އެކަނި ހުންނާން ނުކެރިގެން މި އައީ. ޒޭން ނިދާފައި ދޯ އޮތީ" ޔާނާއަށް އުނދަގުލެއް ޖައްސާން ބޭނުންނުވެފައި ހުރެ ވެސް އޭނާގެ އެހީއަށް އައިރާ ބޭނުންވީއެވެ. މިވަގުތު އޭނާ ނޫނީ އައިރާއަށް އެހީއަކަށް އެދޭނޭ އިތުރު މީހަކު ނެތެވެ.

"ޒޭންއާއި ބައްޕަވީ މިސްކިތައް ގޮސް. ހީވަނީ އެމީހުނާއެކު ލޫކް ވެސް ގެންދިޔަހެން. އާދޭ އެތެރެއަށް... އަހަރެން ނަމާދުކޮށްލައިގެން ފައިބަންދެން އައިރާއަށް މަޑުކޮށްލެވޭނެތަ؟ ޒޭންމެން އައީމަ ދޯ ކަމެއްވެސް ކުރެވޭނީ" ހިސާބަކަށް ހާސްވެފައި ހުރެ ޔާނާ ބުންޏެވެ. އެއާއެކު އައިރާ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އައިރާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ޔާނާ އޭނާ އެތެރެއަށް ވެއްދިއެވެ. އިށީނދެގެން އިނުން އައިރާއަށް ފަސޭހައެއްނުވިއެވެ. އެހެންވެ ޔާނާ ނަމާދުން ފައިބާންދެން އޭނާ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

"ކޮބާ މިހާރު ކިހިނެއްވަނީ؟ ތަދުގަނޑު ހިނގައްޖެއްތަ؟ ނޫނީ މާބޮޑަށް ރިއްސަނީތަ" ނަމާދުން އަވަދިވުމާއެކު މުއްސަލަމަތީ ހުރެ ޔާނާ އަހާލިއެވެ. އޭނާ އައިރާއާ ދިމާއަށް އެނބުރި ހުރެ ނަމާދު ދޮޅިއާއި އިސްޓާކީނު ބޭލިއެވެ. އަދި މުއްސަލަ ނަގާ އެއްފަރާތުގައި ބާއްވާލުމާއެކު އައިރާ ގޮވައިގެން ތިރިއަށް ދާން ހިނގައިގަތެވެ.

"ތަދު ގަދަވާހެން ހީވަނީ" އައިރާ މަޑުމަޑުން ބުނެލިއެވެ. އޭނާ ބިރުގަންނަ ގޮތްވާން ފެށީއެވެ. ސިޑިން ފައިބަމުން ދިޔައީ ނިކަން ބާރަށް ޔާނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެއެވެ. އެކަން ޔާނާއަށް ވެސް ފާހަގަވިއެވެ.

"ވިހަންހެން ހީވަނީ ތިއުޅެނީ... ގަދައަށް ރިއްސަން ފަށައިފިއްޔާ އައިރާ ބުނައްޗޭ. އެނގޭނެ ވިހަން ރިހުން އަތުވެއްޖެއްޔާ. މީ ވަރަށް ހިތްވަރުކުރާންޖެހޭ ވަގުތެއް. އަހަރެން މިންނު ވިހަން އުޅުނުއިރު ހީވީ އެ ވޭނުގައި މަރުވަނީއޭ ވެސް. އައިރާ އެއްގޮތަކަށް ވެސް ކަންބޮޑުނުވައްޗޭ. އަހަރުމެން އެންމެން މިތިބީ އައިރާއާއެކު... ޒޭންއާއި ލޫކަންއަކީ މޮޅު ދެ ޑަކްޓަރުން. އެމީހުންނަށް އެނގޭނެ ދެން ކަންތައްކުރާންވީ ގޮތެއް ވެސް. މިހާރު އަންނާން އުޅޭނެ"

"އެކޮއެ! ބަނޑުގާ ރިހެނީތަ؟" ބޮޑުކޮޓަރި ހުރަސްކޮށް ބަދިގެ ފަރާތަށް ދާންއުޅުނު ހުސްނާއަށް ޔާނާއާއި އައިރާ ތިބިގޮތް ފެނި އެ ދިމާއަށް އަވަސްވެލިއެވެ.

"އާން ދައްތާ! އައިރާ ބަނޑަށް ތަދުވަނީ. އެކަމަކު އަދި ރިހުން ގަދައަކަށް ނުނަގާ" ސޯފާގައި އިން އައިރާގެ އަތުގައި ހިފާލައިގެން ކޮޅަށް ހުރި ޔާނާ ބުންޏެވެ. ހުސްނާ ކުރިއަށް ޖެހިލާ އައިރާގެ ގާތުގައި އިށީނދެ އޭނާގެ ބުރަކަށި ނިމޭ ހިސާބުގައި ފިރުމަދޭން ފެށިއެވެ.

"ކިހިނެއްވީ؟" ދޮރުން އެތެރެއަށް ވަދެގެން އައި ލޫކަން ދުވެފައި އައިސް އައިރާގެ ގާތުގައި މަޑުކޮށްލިއެވެ. ހައިކަލްއާއި ޒޭންގެ މޫނުމައްޗަށް ހާސްކަން ވެރިވެގެންދިޔައެވެ.

"ދައްތައަށް ހީވަނީ އައިރާ ވިހާންހެން އެ އުޅެނީ. ދެންގިނައިރެއްނުވެ ވޭންވަރު އަތުވެދާނެ" ހުސްނާ ބުންޏެވެ. ކިތަންމެ މޮޅު ޑަކްޓަރަކަށް ލޫކަން ވީ ނަމަވެސް އައިރާ ފެނުމާއެކު އޭނާގެ ހަރަކާތް ހުއްޓުމަކަށް އަތުވެއްޖެއެވެ. ސިކުނޑި ވެސް މަސައްކަތް ކުރުން ހުއްޓާލި ކަހަލައެވެ. ހާސްވެފައި ނިތްކުރިއާއި ބޮލުގައި އަތް އަހާކާލެވުނެވެ. އެވަގުތު އެތަނަށް އައިސް ވާހަކަދައްކަން ފެށީ ޒޭނެވެ. އޭނާ ވަގުތުން އޭނާގެ މެޑިކަލް ސާމާނުތައް ގެނައުމަށް ޔާނާއަށް އެންގިއެވެ. އަދި އައިރާއަށް ނޭވާލުމަށް ފުރުޞަތުދިނުމަށް ޓަކައި އޭނާގެ ވަށައިގެން އެންމެން ނުތިބުމަށް ޒޭން ބުންޏެވެ.

އައިރާގެ ލޭގެ ޕްރެޝަރާއި ދަރިފުޅުގެ ހިތުގެ ތެޅުން ޒޭން ޗެކުކުރިއެވެ. އަދި އައިރާ ހޮސްޕިޓަލަށް ގެންދަންވީކަމުގައި ޒޭން ލަފާ ދިނެވެ. އެކަކަށްވުރެ ވެސް ކުރީން ހައިކަލް ހަލުވިކޮށް ނުކުތީ ކާރު ނެރޭށެވެ. ޔާނާ ގާތު ގޭގައި މަޑުކުރުމަށް ބުނެ ޒޭން ހިނގައިގަތީ އައިރާ އަތުލަފިކޮށްލައިގެންނެވެ. މަޑުމަޑުން ހިނގަމުން އައިރާ ގެއިން ނުކުތްއިރު ރަތްކުލައިގެ ކާރު ދޮރުމަތީ އޮތެވެ.

"އަވަށް އަރުވާ... ބަލައިގެން އަރުވާތި... ލޫކް! އައިރާގެ ގާތުގައި ފަހަތުގައި އިނދޭ" ޑްރައިވަރު ސީޓުގައި އިން ހައިކަލް ބުންޏެވެ. އެއާއެކު އައިރާ ފަހަތު ސީޓަށް އަރުވާފައި ޒޭން ދުރަށް ޖެހިލިއެވެ. ލޫކަން ކާރަށް އެރުމަށް ތަންދެމުންނެވެ. ހައިކަލްއާ ޖެހިގެން ހުރި ގޮނޑީގައި ޒޭން ހަމަޖެހިލުމާއެކު ހޮސްޕިޓަލާ ދިމާއަށް ކާރު ދުއްވާލިއެވެ.

ހޮސްޕިޓަލްގެ ގޯތިތެރެއަށް ހައިކަލް ކާރު ވައްދާލިއެވެ. ހިމަމަގުންލާފައި އައިސް ދޮރުމައްޗަށް ކާރު މަޑުކޮށްލިއެވެ. އެއާއެކު ޒޭން އަވަހަށް ނުކުމެގެން އަތުވެއްޖެއެވެ. އޭރު ފަހަތު ދޮރުފަތް ހުޅުވާލާ ލޫކް ނުކުމެ އައިރާ ބޭލުމަށް އުޅެއެވެ.

"ބައްޕާ! އަޅުގަނޑުމެން މިކޮޅުގެ ކަންކަން ހަމަޖައްސާނަން. ބައްޕަ އަންނާންވީނު ޔާން ގޮވައިގެން" ދޮރުފަތުގެ ބިއްލޫރިގަނޑު ހައިކަލް ތިރިކޮށްލުމާއެކު ބޭރުގައި ހުރި ޒޭން ބުންޏެވެ.

"ޓޭކް ކެއަރ އޮފް ހާރ" ހާސްވެފައި އިނދެ ހައިކަލް ބުންޏެވެ. އެއާއެކު ޒޭން ބޯޖަހާލީ ޔަގީންކަން ދޭ ފަދައިންނެވެ.

"ލޫކް! އައިރާ އެތެރެއަށް ވައްދަމާ" އައިރާ އަތުލަފިކޮށްލައިގެން ހުރި ލޫކަން ހިނގައިގަތެވެ. ކުރިއަށް ހުރެ ޒޭން ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ބެލީ އައިރާ އެޑްމިޓް ކުރުމުގެ ކަންކަން އަވަހަށް ނިންމުމަށެވެ.

ޒޭންއާއި ލޫކަންގެ މަސައްކަތުން ހޮސްޕިޓަލްގެ ވީއައިޕީ ކޮޓަރިއެއް ހޯދިއެވެ. ވިހެއުމުގެ ވޭންވަރު އަންނާންދެން އައިރާ ބާއްވާފައި އޮތީ އެ ކޮޓަރީގައެވެ. ނަރުހުން އައިރާގެ ހާލު ބަލަމުން ދިޔައެވެ. ހަމައެއާއެކު އޭނާ ވިހެއުމަށް ޓަކައި ކުރާންޖެހޭ ތައްޔާރީތައް ކުރަމުންދިޔައެވެ. ކުޑަ ވަގުތުކޮޅަކަށް ޒޭން އެއްފަރާތްވެލީ އައިރާގެ ވިހެއުމުގެ ހުރިހާ ކަމަކާ ހަވާލުވާނޭ ޑަކްޓަރެއް ހަމަޖެއްސުމަށެވެ.

"ލޫކް! ތައްޔާރުވޭ" ޒޭން ބުންޏެވެ.

"ކޮންކަމަކަށް" އައިރާ ބަނޑުގައި ރިއްސާކަން އެނގުނު ހިނދުން ފެށިގެން ފިނިވެފައި ހުރި ލޫކަންއަށް އިތުރު ސިހުމެއް ލިބިގެން ދިޔަ ކަހަލައެވެ.

"ޝީ އިޒް ޔޯ ޕޭޝަންޓް ނައު" އެވަގުތު ވިއްސުމުގެ ކަންތައްތަކާއި ހަވާލުވެގެން ޑިއުޓީގައި ތިން ޑަކްޓަރުން ތިބި ނަމަވެސް އައިރާގެ ކަންތައްތައް ކުރާނީ ލޫކަން ކަމުގައި ޒޭން ހަމަޖެއްސީއެވެ. އެ ފުރުޞަތު ލޫކަންއަށް ދިނީއެވެ. ޑިއުޓީގައި ތިބިތަނުން އެންމެ ރަނގަޅުކަމަށް ޒޭންއަށް ފާހަގަކުރެވިފައިވާ ޑަކްޓަރަށް އޭނާ އެންގީ ލޫކަން އެހީއެއް ބޭނުންވެދާނޭތީ އޭނާއަށް އެހީތެރިވުމަށް ގާތުގައި ހުރުމަށެވެ.

"އަހަންނަކަށް ނުވާނެ... ޒޭން... އަހަރެން... ކިހިނެއް؟... މާފުކުރޭ... އަހަންނަކަށް ނުވާނެ..." ހާސްވެފައި ހުރެ ލޫކަން ބުނެލިއެވެ. އެއާއެކު އޭނާއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އެތަނުގައި ދެންތިބި ޑަކްޓަރުން ޒޭން ފޮނުވާލިއެވެ. އެމީހުން ނުކުތުމާއެކު ޒޭން އައިސް ލޫކަންގެ ކުރިމަތީ ހުއްޓުނެވެ.

"ލޫކްއަށްވުރެ ޤާބިލު ޑަކްޓަރެއް އައިރާއަށް ޓަކައި މި ހޮސްޕިޓަލަކުނެތް. އަހަރެން ހީކުރީ ލޫކް އުފާކަމަށްވާނީ. އެހެންނޫނަސް މީ ލޫކްގެ ފުރަތަމަ ފަހަރެއް ނޫނެއްނު"

"ޒޭން! މައްސަލައަކީ ޕޭޝަންޓެއްގެ ގޮތުގައި އަހަންނަށް އައިރާ ބަލައިނުގަނެވޭކަން. މައްސަލައަކީ އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން. އޭނާ އެހާލުގައި ވަނިކޮށް ދުށުމަކީ އަހަންނަށް ކެތްވާވަރު ކަމަކަށް ނުވާނެ. އެވަގުތުކޮޅަކީ ކިތަންމެހާ ވެސް ނާޒުކު ވަގުތުކޮޅެއް... އެހެންވިޔަސް އައިރާ ފަހުން ލަދުގަންނާނޭ ފަދަ ކަމެއް ކުރާކަށް އަހަންނަކަށް ނުކެރޭނެ... ޑަކްޓަރެއްގެ ހައިސިއްޔަތުން އަހަންނަށް އައިރާއަށް ބަލާނުލެވޭއިރު އޭނާގެ ޢައުރަ ކަޝްފުވެގެންދާ ވަގުތު އެތަނުގައި ހުރުމަކީ އަހަރެންގެ މުޅި ޟަމީރު ފުނޑުފުނޑުވެދާނޭ ކަމެއް. ޕްލީޒް ޒޭން... ޓްރައި ޓު އަންޑަސްޓޭންޑް"

"އިޓްސް އޯކޭ... އަހަންނަށް ވިސްނިއްޖެ ލޫކް ތިބުނާ އެއްޗެއް. ދެން އަހަރެން ކަންތައްކުރާންވީ ގޮތެއް ނިކަން ލޫކް ބުނެބަލަ"

"އަހަރެން މިހާރު އެންމެ އިތުބާރުކުރާ މީހަކީ ތީ... އައިރާ ވިއްސުމުގެ ހުރިހާ ކަމެއް ޒޭން ކުރާން އަހަރެން ބޭނުންވަނީ. އަހަރެންގެ ޖަޒުބާތުތައް އަހަރެންގެ މަސައްކަތައް ހުރަސް އަޅަނީ މިވަގުތު އައިރާއަކީ އަހަރެން އެމީހެއްދެކެ އެންމެ ލޯބިވާ ނަމަވެސް ހިލޭ އަންހެނަކަށްވީމަ. ޑަކްޓަރުންނަކީ އެމީހުންގެ ބަލިމީހުނާ މެދު އެފަދަ ގޮތަކަށް ދެކިގެންވާނޭބައެއްނޫން. އެހެންވިޔަސް ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ އައިރާ އަހަރެންގެ މީހަކަށްވެއްޖެނަމަ މިއަދު އައިރާއަށް ޚިދުމަތްދިނުމަށް ފަސްޖެހުނު ގޮތަށް އެ ދުވަހަކުން ފަހަތަކަށް ނުޖެހޭނަން" ލޫކަންގެ ވާހަކަ އަހާފައި ޒޭންގެ ހިތުގައި އެ އެކުވެރިޔާއަށް ދެވުނު ޤަދަރު އިތުރުވިއެވެ. އެފަދަ ދަރަޖައަކަށް ލޫކަން ލޯބިވާކަން އެނގުމުން ޒޭންގެ އަމިއްލަ ޟަމީރު ވެސް ލޫކަންގެ ހިތުގެ އެދުން ޙާޞިލުވުމަށް އެދި އެވަގުތުކޮޅުގައި ވެސް ދުޢާކުރިއެވެ.

* * * *

މިންޙާގެ ކަންތައްތައް ހުސްނާއާ ހަވާލުކޮށްލުމާއެކު ޔާނާ ހިނގައިގަތީ ހައިކަލްއާއެކު ހޮސްޕިޓަލަށް އައުމަށެވެ. ފަތިހުގެ ވަގުތައް ވުމުން މަގުތައް ފެންނަނީ އަމާންކޮށެވެ. ދުއްވާއެއްޗެހީގެ އުނދަގޫ ނުޖެހި ގިނައިރެއްނުވެ ހޮސްޕިޓަލަށް ހައިކަލްމެންނަށް އާދެވިއްޖެއެވެ. ކާރު ޕާކުކޮށްލުމަށްފަހު ޔާނާ ގޮވައިގެން ހޮސްޕިޓަލްގެ ތެރެއަށް ހައިކަލް ވަންނަމުން ޒޭންއަށް ގުޅިއެވެ. އެއާއެކު އެމީހުންނަށް ޒޭން އެންގީ ވިއްސާކޮޓަރި ކައިރިއަށް އައުމަށެވެ. އެތަނުން ބޭބީއަށް ބޭނުންވާނޭ އެއްޗެހި ލޫކަންގެ އަތަށް ޔާނާ ދިނެވެ. އޭނާ މަޑުކޮށްލުމެއްނެތި އެތެރެއަށް ވަދެގެން ދިޔައީއެވެ.

"އައިރާގެ އަންގާލާނޭ ހަމަ އެކަކު ވެސް ނެތީތަ؟" ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި ހުރި ހައިކަލްގެ މޫނުމަތިން ކުއްލިއަކަށް ހިތާމައިގެ އަސަރު ފާޅުވެގެން ދިޔައެވެ.

"މިއަދު އައިރާއަށް ޓަކައި އަޅުގަނޑުމެން މިތިބީނު" ހާސްކަމުގެ ތެރެއިން ހިނިތުންވެލާން ޔާނާ މަސައްކަތްކުރިއެވެ. މަޑުމަޑުން ހައިކަލް ބޯޖަހާލިއެއްކަމަކު އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފައިވާ ކަހަލައެވެ.

"އެދުވަހު މިންނުގެ ގާތުގައި ހުރީ އަހަރެން... ހަމަ އަހަރެން އެކަނި... އެދުވަހު މިންނުއަށް ޓަކައި އަހަރެން ފުދުނު... އަހަރެންގެ ލޯބި ފުދުނު... ވީއިރު މިއަދު އައިރާއަށް ޓަކައި ލޫކަން ފުދޭ. އާނ! އެއީ އައިރާއަށް ނޭނގޭ އޭނާގެ މުސްތަޤުބަލް. އައިރާގެ އަތުން މުޅި އުމުރަށް ދޫކޮށްނުލާނޭ ބައިވެރިޔާ. ހިތްވަރުކުރޭ އައިރާ. މި ދުނިޔެއަކީ އިންސާނާގެ ކޮންމެ ދުވަހެއްގައި އެތައް ކުލައެއް އޭނާގެ ހަޔާތުގައި ޖައްސާ އެއްޗެއް... ހިތްވަރުކުރޭ އައިރާ... ﷲ ތި ދެމައިން ވެސް ރައްކާތެރިކުރައްވާނެ" ފިނިނޭވާއެއް ބޭރުވެގެން ދިޔައިރު ހައިކަލްގެ ހިތް ބުނަމުންދިޔައެވެ.

* * * *

ވޭންވަރު ނަގަމުންދިޔައިރު ވެސް އައިރާ އެ ވޭނަށް ކެތްކުރާން މަސައްކަތްކުރާތަން ޒޭންއަށް ފެނެއެވެ. ޒޭން ދެމުންދިޔަ އިރުޝާދުތަކާ އެއްގޮތަކަށް އައިރާ ކަންތައް ކުރަމުންދިޔައެވެ. އޭނާގެ ވަށައިގެން ނަރުހުންނާއި ދެ ޑަކްޓަރުން ތިއްބެވެ. ޒޭން ދިޔައީ ހުރިހާ ކަމެއް ކިޔައިދެމުންނެވެ. އެންމެ ގަދައަށް ވޭންވަރުނެގި ހިނދު ބޭއިޚްތިޔާރުގައި އައިރާއަށް ނިޔާނުގެ ނަމުން ގޮވާލެވުނެވެ. އެއަޑު ޒޭންއަށް ސާފުކޮށް އިވުނެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކާއި ވާހަކަދެއްކުމަށް ބަދަލެއް ނުގެނައެވެ. ފެންނަފެނުމަށް އޭނާއަށް އެ އަޑު ނީވޭ ކަހަލައެވެ.

ދަރިފުޅު ވިހައިވަގުތު ޒޭންއަށް ގޮވާލަން އައިރާ އުޅުނެވެ. އެހެންނަމަވެސް ގަސްދަކާނުލާ އޭނާއަށް ގޮވާލެވުނީ "ލޫކް" އަށެވެ. ދެފަހަރު ލޫކަންގެ ނަން ބުނެވުނު ފަހުން އެކަން އައިރާއަށް ރެއަކާލިއެވެ. އޭރު ދަރިފުޅު އުރާލައިގެން ހިނިއައިސްފައި ޒޭން ހުއްޓެވެ. އައިރާއަށް ރޮވުނީ ދެނެވެ. މުޅި މީހާ ޖަޒުބާތުގެ ކޯރަކަށް ބެހިގެންދިޔަ ފަދައެވެ. ރޯންފެށި ގޮތައް ހުއްޓައެއް ނުލެވުނެވެ. ނަރުސް ކުދީން ހިނިތުންވެލައިގެން ތިބެ އައިރާގެ ގާތަށް ޖެހި އޭނާ މަސަލަސްކުރެވޭތޯ އުޅެއެވެ.

* * * *

ދޮރުހުޅުވާލާފައި ބޭރަށް ނުކުން ލޫކަން ފެނި އޭނާގެ ގާތަށް ހައިކަލްއާއި ޔާނާ އައެވެ. އޭރު ލޫކަންގެ މޫނުގައި ހިނިތުންވުމެއް ފެންނާން ހުއްޓެއްކަމަކު އެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. އޭނާގެ ދެއަތުގެ ތެރޭ ތުއްތުކުއްޖާ އޮތެވެ. ދުލުން ބަހެއް ބުނުމުގެ ކުރީން ހައިކަލްއަށް އައިރާގެ ހާލު އެނގިއްޖެއެވެ. އޭނާ އަވަހަށް ﷲއަށް ޝުކުރުވެރިކަމުގެ ހަމްދުއެޅިއެވެ.

ހައިކަލްއާއި ޔާނާ ގޮނޑިބަރީގައި މަޑުކޮށްގެން ތިއްބާ އައިރާ ނެރުނެވެ. އޭނާ ކޮޓަރިއަށް ގެންދާން ފެށުމުން އެންމެން ވެސް ހިނގައިގަތީ އެދިމާއަށެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ ލޫކަން އެ މީހުންނާއެކު ނައެވެ. ވިއްސާކޮޓަރިން ނުކުމެގެން އައިރާ އޮންނަ ކޮޓަރިއަށް އޭނާ ގެނައި އިރު ވެސް ލޫކަން ނުފެނެއެވެ. އެކަން އައިރާއަށް ފާހަގަވިއެވެ. ނަމަވެސް މީހެއްގެ ގާތުގައި އަހާލާކަށް ހިތް އެއްބަހެއްނުވިއެވެ. ދަރިފުޅު ގާތްކޮށްލުމާއެކު އައިރާއަށް ހިނިތުންވެވުނެވެ. އެ ދަރިފުޅާ މެދު އޭނާ ކިހާ ފިކުރެއްކުރި ހެއްޔެވެ. ނަމަވެސް މިއަދު އެ ދަރިފުޅު އުފަންވީ އައިރާ ހީވެސް ނުކުރާހާ ރައްކާތެރިކަމުގެ ތެރެއަށެވެ. އެ ދަރިފުޅަށް އެއްވެސް ކަމެއް އުންޏެއްނުވާނޭ އައިރާގެ ހިތްބުނެލިއެވެ. މިއަދު އޭނާގެ ވަށައިގެން އެވަނީ އޯގާތެރިކަމުގެ އަތްތަކެކެވެ. ހިމާޔަތްދިނުމަށް ޓަކައި އުފުލާލެވިފައިވާ ލޫކަންގެ ދެއަތް އެންމެ ހިނދުކޮޅަކަށް ވެސް އޭނާއާ ވަކިނުވާކަން އައިރާގެ ޟަމީރު އެއްބަސްވިއެވެ.

ކުޑަކޮށް ނިދިޖެހިފައި ހޭލެވުނު އައިރާ ގަޑިންވީއިރެއް އަހާލީ އެ ކޮޓަރީގައި އުޅޭ ޔާނާގެ ގާތުންނެވެ. މެންދުރުފަސް ވެއްޖެކަން އެނގުމުން އައިރާގެ ހިތް އަނެއްކާ ވެސް ކުރީ އިހު ކުރި ސުވާލެވެ. ލޫކަން ކޮބާބާއެވެ. އޭނާ އައިސްފައި ދިޔައީ ހެއްޔެވެ. އައިރާގެ ދަރިފުޅު ދުށުމަށް އޭނާ ބޭނުންނުވަނީބާއެވެ. އެންމެ ސުވާލަކުން އެތައް ސުވާލެއް އައިރާގެ ހިތުގައި ކުރިފެޅިއެވެ. ދެން ވެސް ޔާނާގެ ގާތުގައި އަހާލާނެ ހިތްވަރެއް ނުލިބުނެވެ. އެހިނދު އެ ކޮޓަރީގައި ހުރީ ޔާނާ އެކަނިކަން އެނގި ސިކުނޑިއަށް ޚިޔާލެއްވަނެވެ.

"ކޮބާ ޒޭންމެން" އައިރާ އަހާލިއެވެ.

"ވެއްޖެ ބޭރަށް ނުކުމެ... މި އަންނަނީއޭ ކިޔާފައި ދިޔައީ" ޔާނާ ބުންޏެވެ. އިތުރަށް އެއްޗެއް އަހާނޭ ފުރުޞަތެއް ނެތޭ އައިރާގެ ހިތަށް އެރިއެވެ. ދެން އޮތީ އިންތިޒާރުކުރުމެވެ. ޒޭން އަންނައިރު ލޫކަން ވެސް އަންނާނެއޭ ހިތް ބުނާތީއެވެ.

"އައިރާއަށް ހޭލެވުނީތަ؟" ކޮޓަރިއަށް ވަން ޒޭން އަހާލިއެވެ. ވިހޭވަގުތު އައިރާއަށް ވީގޮތުގެ ވާހަކަ ޒޭން އޮތީ އެންމެނަށް ކިޔައިދީފައެވެ. އެހެންނަމަވެސް އެކަކު ވެސް އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. އައިރާ ހިނިތުންވެލިއިރު އެ މޫނުމަތީގައި ތަފާތުކަމެއް ވެއެވެ. އޭނާއަށް ދެންފެނުނީ ކާފަދަރިފުޅު މިންޙާ ގޮވައިގެން ހައިކަލް އައިސް ވަންތަނެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. ހިތްހަމަޖެހިފައި ތިބިކަމުގެ އަސަރުތަކެވެ.

* * * *

މޫނު ހަދާލައިގެން ނިތްކުރީގައި ހިފަހައްޓާލައިގެން ރުބީނާއިނެވެ. ސަލްމާގެ އެދުމަށް އޭނާއާ ބައްދަލުކުރާން ރުބީނާ އައީ ފޯނުން ނުދެއްކޭނޭ ވަރުގެ ވާހަކައެއް ސަލްމާ ދައްކަން ވެފައި އޮތީމައެވެ. ދެ މީހުން އައިސް އާންމުކޮށް ވާހަކަދައްކާލަން އަރާ ތިބޭ ރެސްޓޯރެންޓެއްގެ މޭޒުގެ ދޮށުގައި ތިއްބެވެ. ސަލްމާ ދައްކަން އައި ވާހަކަތައް އަޑުއިވުމާއެކު ރުބީނާގެ މުޅި ޠަބީއަތް ބަދަލުވީއެވެ.

"ރޫބީ އަދިވެސް ނުބުނަމެއްނު ކިހިނެއް ހަދައިގެންކަމެއް ތި އުޅެނީ؟ ވަޖީހުއާ އިނދެގެން މިހާ ދުވަސްވީއިރު އަހަރުމެން ދެމީހުންގެ ދެމެދުގައި ބޮޑު މައްސަލައެއް ނުޖެހޭ. އަހަންނަށް ކަމެއް މަނައެއް ވެސް ނުކުރޭ. އެކަމަކު ރޫބީއާ ބެހޭ ގޮތުން އޭނާ ކުރި ހުރިހާ ސުވާލަށް އަހަންނަށް ޖަވާބު ނުދެވުނީމަ އަހަރެން ކަންބޮޑުވޭ... ފިރިމީހާއާއި އެކުވެރިޔާއާ ތެރެއިން ފިރިމީހާ ޚިޔާރުކުރާހާ ހެޔޮ ފިރިއެއް ވަޖީހުއަކީ. އެކަން ރޫބީއަށް ވެސް އޮޅިފައެއް ނޯންނާނެ"

"އަހަރެން ނުބުނަމޭ ޤައިސް ގާތުގައި އައިރާއަކީ ނިޔާނު އިނދެގެން ގެނައި އަންހެންކުއްޖާއޭ. އައިރާ ބަހައްޓަން ގަސްދުނުކުރާތީ އޭރު ދޮގު ހެދީ. ވިހާންދެން ބެހެއްޓޭނީ ކޮންމެވެސް ބަހަނާއެއް ދައްކާފައެއްނު. އަހަރެން އެކަނިތަ އެކަހަލަ ދޮގު ހަދަނީ. އެހެންނޫނަސް ސަލްމެން ވެސް ޚިޔާލުދިން ގޮތައް ދޯ އަހަރެން ކަންތައްކުރީ؟" ރުބީނާގެ އަޑުގައި ހަރުކަށިކަމެއް އެކުލެވިފައި ވިއެވެ.

"އަހަރެން އަބަދުވެސް ރޫބީ ގާތު ބުނަމުން އައީ ކަމެއް ކުރުމުގެ ކުރީން ފަހުން ނުކުމެދާނޭ ނަތީޖާއަކާ މެދު ވިސްނައްޗޭ. މިއަދު ޤައިސްއަށް ކޮންމެވެސް ކަމެއްވެގެންތާ ވަޖީހު ގާތު ރޫބީގެ ވާހަކަ ދައްކާނީ. ކައިވެނިކުރާން ނިންމި އިރު ވެސް ރޫބީއާ ބެހޭ ގިނަ ވާހަކަތަކެއް ނޭހި މީހަކު މިހާރު ކަންކަން އޮޅުން ފިލުވާން އުޅޭނީ ރޫބީއަށް ވެސް ކަމެއް ކުރެވިގެންނު"

"އަހަރެން... އަހަރެން ބުނީ ލޫކަން އުޅެނީ އައިރާއާ ހިތާވެގެންނޭ. އެ ދެމީހުން ސިއްރުގުޅުންތައް ވެސް ހިންގަނީއޭ.... އެއީ... އެއީ..."

"ސުބުޙާނައްﷲ... ރޫބީ ހަމަހޭގައިތަ ހުރީ އެކަހަލަ ވާހަކައެއް ޤައިސްގެ ގާތުގައި ދެއްކިއިރު. ބަލަ އޭނާ އަންހެނަކާ ނުގުޅި އެތައް ޒަމާނެއްވާންދެން ހުރިއިރު އޭނާގެ ހުރިހާ ވަގުތެއްވަނީ ދަރިފުޅަށް ހުސްކުރެވިފައި. ބަލަ ދަރީންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ މައިންބަފައިންނަށް ދޯ. ލޫކަންއޭ ކިޔައިގެން ކޮންމެ ވާހަކައެއް ދެއްކިޔަސް ޤައިސް އެކަމުގެ ދެކޮޅު ބަލާނޭކަން ރޫބީއަށް ހަމަ ނޭނގުނުތަ؟" ސަލްމާ ނުރުހުންވެފައި ބުންޏެވެ.

"އަހަންނަށް އެނގޭ އެ ލޫކަންގަނޑު އައިރާ ގޮވައިގެން ގޮސްގެން އެ އުޅެނީ" ރޫބީނާގެ ހުރީ ގޮތްދޫނުކުރާ ފަދަ ގޮތެކެވެ.

"އަދިވެސް ތިކަން ހުއްޓާކަށްނުވޭތަ؟ އެ އަންހެންކުއްޖާ ރޫބީއަށް ކުރީ ކޮންކަމެއްތަ؟ އޭނާއަށް ގޮތްގޮތް ހަދާން އުޅޭން ހަދައިގެން ތިހިރަ އަމިއްލަ ދިރިއުޅުމުގައި ހުޅުރޯވަނީ... އަހަންނަށް މާފުކުރޭ ރޫބީ... އަހަންނަށް އިތުރަށް ވަޖީހަށް ދޮގުހާދަކަށް ނުކެރޭނެ. ރޫބީ ތިގޮތް ހުއްޓާފައި ޤައިސްއަށް ހުރިހާ ވާހަކައެއް ކިޔައިދީ. އޭރުން އޭނާ ޤަބޫލުކޮށްފާނެ... ދެން ވެސް އިތުރަށް ކަންތައްތައް ގޯސް ނުވަނީސް މިބުނިހެން ކަންތައްކުރޭ... ރޫބީއަކީ އަހަރެންގެ ވަރަށް ގާތް ރަޙުމަތްތެރިއަކަށްވާއިރު ރޫބީއަށް ދެރައެއްލިބޭކަށް އަހަންނެއް ވެސް ނޭދެން" ސަލްމާ ދެއްކި ވާހަކަތަކަށް ރުބީނާ އެއްވެސް އެއްޗެއް ނުބުންޏެވެ. އިސްޖަހާލައިގެން އިނދެފައި ދުރަށް ނަޒަރު ހުއްޓާލި ގޮތުން ހީވީ ސަލްމާއާ ހަތަރުކަޅި ބައްދަލުކުރާން ބޭނުންނުވީހެނެވެ. ރުބީނާއަށް ވިސްނައިދެވޭތޯ ސަލްމާ އިތުރަށް ވެސް ވާހަކަދެއްކިއެވެ.

"ދެން ހިނގާ ދާން... ލައްކަ ވާހަކަ އަހަންނަށް ދެއްކިއްޖެ. ގޮތެއް ނިންމާނީ ރޫބީ" ރުބީނާ އަނގައިން ނުބުނާނޭހެން ހީވުމުން އެންމެފަހުން ސަލްމާ ބުންޏެވެ. ވެއިޓަރު ބިލު ގެނައުމުން އެއަށް ފައިސާ ދައްކާފައި ރެސްޓޯރެންޓުން ސަލްމާ ނުކުތެވެ. އޭނާގެ ކާރުގައި ރުބީނާ ގޮވައިގެން އައިސް ހުޅުމާލޭ ގިމަތައަށް ބޭލުމަށްފަހު ސަލްމާ ދިޔައީއެވެ. (ނުނިމޭ)