ދުނިޔެ

އަފްޣާން ހަނގުރާމަ ކާމިޔާބު ނުވެގެން ޓްރަމްޕް ކޯފާ ވެއްޖެ

އަފްޣާނިސްތާނުގެ ތާލިބާން ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ 16 އަހަރުވީ ހަނގުރާމަ ކާމިޔާބު ނުކުރެވި ދިގުލައިގެން ދާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ކޯފާވެއްޖެއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ ހަނގުރާމަ ކާމިޔާބު ނުކުރެވޭތީ ޓްރަމްޕް ނުރުހުން ފާޅުކުރެއްވީ ޖުލައިމަހުގެ 19 ވަނަ ދުވަހު ވައިޓްހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމެއްގައި ކަަމަށެވެ. އަދި ބުނީ އެ ބައްދަލުވުން ވަކި ހިސާބަކުން ހޫނުވެ، ނިންމައިލަން ޖެހުނީ ޒުވާބަކުން ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޖޭމްސް މަޓިސްއާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޖޯސެފް ޑަންފޯޑު ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުން ހޫނުވީ އަފްޣާނިސްތާނުގައި ހުންނަ ކޮމާންޑަރު ޖޯން ނިކޮލްސަން އެމަގާމުން ވަކިކުރައްވަން ޓްރަމްޕް ހުށަހެޅުއްވުމުންނެވެ. ޓްރަމްޕް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ޖެހެނީ ހަނގުރާމަ ކާމިޔާބު ނުވާތީ ކަމަށެވެ.

ބައްދަލުވުން ނިމުނީ ޓްރަމްޕްގެ ޗީފް ސްޓްރެޓެޖިސްޓް ސްޓީވް ބެނޮންއާއި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރް މެކްމާސްޓާ އާ ދެމެދު ހިނގި ޒުވާބަކުން ކަމަށް ރޮއިޓާސްއާ ވާހަކަ ދެއްކި އޮފިޝަލުން ބުނެފައި ވެއެވެ. އެދެބޭފުޅުން ޒުވާބު ކުރެއްވީ އެމެރިކާގެ ސިޔާސަތުތައް ކުރިއަށްދާ މިސްރާބާ މެދުގައެވެ.