ކުޅިވަރު

ނޭމާ ދޫކޮށްލަން ބާސާއިން އާނ ބަސް ބުނެފި

Aug 3, 2017

ދުނިޔޭގެ ރެކޯޑް ފީއަކަށް، ޕީއެސްޖީން ގެންދަން، މަސައްކަތް ބާސެލޯނާގެ ބްރެޒިލްގެ ފޯވަޑް ނޭމާ ދޫކޮށްލަން، ބާސެލޯނާއިން އެންމެ ފަހުން އެއްބަސް ވެއްޖެ އެވެ.

ނޭމާ އަށް، އެކަނި ޕީއެސްޖީން 450 މިލިއަން ޕައުންޑް (9.167 ބިލިއަން ދިވެހި ރުފިޔާ އަށް ވުރެ ބޮޑު) ހޭދަ ކުރާނެ އެވެ. އެއީ އޭނާ، ބާސާއިން ގަތުމަށް ހޭދަ ކުރާ 198 މިލިއަން ޕައުންޑް (4.33 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު) އާއި އޭނާ އަށް ޕީއެސްޖީން ހުށަހަޅާ މުސަރަވެސްހިމަނައިގެން ނެވެ.

އިއްޔަ، ބާސާއިން ވަނީ، ނޭމާ ދޫކޮށްލަން އެ ކުލަބުން ތައްޔާރަށް އޮތްކަން، ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. މިކަމާ ބެހޭގޮތުން، މިމަހު 17 ވަނަ ދުވަހު، ބާސާގެ ޓެކްނިކަލް ޑައިރެކްޓާ، ރޮބަޓް ފެނާންޑޭޒް އާއި ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ މީޑިއާއާ ބައްދަލު ކުރާނެ ކަމަށް، ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ. ނަމަވެސް، މިދިޔަ، ދެ ހަފުތަ ތެރޭ ބާސާއިން ބުނެފައި ވަނީ، ނޭމާ އާ ބެހޭގޮތުން ދެކެވޭ ވާހަކަ ތަކަކީ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ.

"އެހެން ކުޅުންތެރިން ގެންނަން އަހަރެމެންގެ ތިބީ މުހިންމު ކުޅުންތެރިން ދޫކޮށްލާ ގޮތަށް ނޫން،" މިގެކުރިން ރޮބަޓް ފެނާންޑޭޒް ބުނެފައި ވެއެވެ. ބާސާގެ ނައިބު ރައީސް ޖޯޑީ މެސްޓްރޭ މިދިޔަ މަހު 18 ވަނަ ދުވަހު ވިދާޅުވެފައި ވަނީ، ނޭމާ ބާސާގައި ދެމިހުންނާނެ ކަމުގެ 200 ޕަސަންޓް ގެރެންޓީ އެބައޮތް ކަމަށެވެ.

ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމޮއު ވެސް ވިދަޅުވީ، ނޭމާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި އޭނާ ބާސާގައި ހުންނަން، ބާސާގެ ބޯޑުން ބޭނުންވާ ކަމަށެވެ.

"އަހަރެމެން ބޭނުމެއް ނޫން، ނޭމާ ދޫކޮށްލާކަށް، ހަމަ އަސްލުވެސް އޭނާ މި ޓީމުގައި ދެމިހުންނަން އަހަރެން ބޭނުން." ނިއުޔޯކް ޓައިމްސް އަށް ދީފައިވާ އިންތަވިއުގެއްގައި، ބާޓެމޮއު ވިދާޅުވެފައި ވެއެވެ.

ނަމަވެސް، މިހާރު ބާސާގެ ވިސްނުން ބަދަލު ވެއްޖެ އެވެ. ވާހަކަތައްވެސް ބަދަލު ވެއްޖެ އެވެ.

"ފުޓްބޯޅަ ދަނީ ބަދަލު ވަމުން، ވަރަށް ބޮޑަށް ބަދަލު ވަމުން، އެއްވެސް ކުޅުންތެރިޔަކު ޓީމު ދޫކޮށްލަން ބޭނުން ވެފައި ހުރި ކަމަށް ވަންޏާ އެއީ ފަސޭހަ ކަމަކަށް ނުވާނެ، އެކުޅުންތެރިޔަކަށް ދެވޭނެ." ބާޓެމޮއު، އީއެސްޕީއެން އަށް ވިދާޅުވި އެވެ.

ބެލެވިފައިވާ ގޮތުގައި އަންނަ ހޯމަ ދުވަހު، ނޭމާ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ސޮއި ކުރާނެ އެވެ. ނޭމާގެ ޕްރެސެންޓޭޝަން އިވެންޓަށް ޕީއެސްޖީން ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުން ނެވެ. އެގޮތުން، ނޭމާގެ ޕްރެސެންޓޭޝަން އޮންނާނީ ޕެރިހުގެ ބޮޑެތި މަގުތަކެވެ.