ވިޔަފާރި

އެޗްޑީއެފްސީގެ ސާފު ފައިދާ 15 ޕަސެންޓް އިތުރުވެއްޖެ

  • ހަ މަހުގެ އާމްދަނީއަކީ 78.4 މިލިއަން
  • ސާފު ފައިދާގެ ގޮތުގައި 38.7 މިލިއަން
  • މިހާތަނަށް 1.38 ބިލިއަން ރުފިޔާގެ ލޯނު

މި އަހަރުގެ ހަ މަސް ދުވަހު، ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ( އެޗްޑީއެފްސީ) ގެ ސާފު ފައިދާ 15 ޕަސެންޓް އިތުރުވެއްޖެ އެވެ.

އެޗްޑީއެފްސީގެ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ މާލީ ރިޕޯޓު ދައްކާ ގޮތުން ފުރަތަމަ ހަ މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި 38.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ހަ މަސް ދުވަހު ލިބިފައިވާ 32.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު 15 ޕަސެންޓް އިތުރު އަދަދެކެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން އެޗްޑީއެފްސީ އަށް މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 78.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެޗްޑީއެފްސީގެ މާލީ ރިޕޯޓު ދައްކާ ގޮތުން މި މުއްދަތުގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު އުޅެނީ 7.5 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހިންގުމުގެ ހަރަދަކީ 8.1 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ފުޅާ ދާއިރާއެއްގައި ލޯނު ދޫކުރަމުން ގެންދާ ކުންފުނިން މި އަހަރުގެ މިހާތަނަށް 1.38 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވެ އެވެ. އަދި އެ ކުންފުނީގެ އެޗްޑީއެފްސީ އަމްދާއިން ގެދޮރު އިމާރާތް ކުރުމަށް 275 މިލިއަން ރުފިޔާ ފަންޑުކޮށްފައިވެ އެވެ.