ރިވިއު

ރިވިއު: ނޯޓީ 40 ގައި ނެތް ރަހައެއް ނެތް!

މިިދިޔަ އަހަރު އެންމެން ހެއްވާލައިގެން އަހަރު ނިންމާލި ފިލްމު "ބައިވެރިޔާ" ގެ ޕްރޮޑަކްޝަން ޓީމުން މިއަހަރުވެސް ބޭނުންވީ ދިވެހި ފިލްމު އޯޑިއެންސް ހެއްވާލާށެވެ. މިދިޔަ އަހަރު ނުހީ ނުތިބެވޭނެ ކަމަށް ބުނި ބަހުގެ ތެދުކަން ދައްކާ މި އަހަރު ބުނީ މިއީ "އަހަރުގެ ބޮޑު ފިލްމު" ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ރިލީޒްކުރި "ނޯޓީ 40" މިވަނީ އަނެއްކާވެސް އެންމެން ހެއްވާލާފަ އެވެ. ހަމައެކަނި ހެއްވާލީކީ ނޫނެވެ. އޭގަ ހުރިހާ ރަހައެއްވެސް އެބަހުއްޓެވެ. ފިލްމުގެ ޕްރޮމޯޝަންގައި ޕްރޮޑަކްޝަން ޓީމުން ދެެއްކީ ދޮގު ވާހަކައެއް ނޫންކަން ސާބިތުކޮށްދިނެވެ. ފިލްމު ރިލީޒްކޮށް މިހާތަނަށް ދެއްކި ކޮންމެ ޝޯއެއް ގާތްގަނޑަކަށް ފުލް އެވެ. އޮލިމްޕަހުގެ ތެރެއިން ހުނުމުގެ އަޑު ކަނޑައިގެން ނުދެ އެވެ. މީގެ ކުރިން ލޯބީގެ ފިލްމުތަކުން ފެނިގެން ދިޔަ މަރިޔަމް އައްޒަވެސް ވަނީ އެންމެން ހެއްވާލާފަ އެވެ.

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓު ކުރަމުން އައި ފިލްމަކީ ހަގީގަތުގައިވެސް މި އަހަރުގެ ބޮޑު ފިލްމުތޯ ބަލައިލަން ވާނެ އެވެ. ކުރިއަށްވެސް ގިން ފިލްމުތަކެއް އެބަ ހުއްޓެވެ. މި ފިލްމަކީވެސް ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ ފިލްމެކެވެ.

މެއިން ކާސްޓް އަދި ޕްރޮޑަކްޝަން ޓީމް

  • އަހްމަދު ސައީދު (އަހްސަން)
  • ޔޫސުފް ޝަފީއު (އަޝްވަނީ)
  • މުހައްމަދު މަނިކު (އަޖުވަދު)
  • މަރިޔަމް އައްޒަ (އަޝްވާ)
  • އިބްރާހިމް ޖިހާދު (ޝާމިން)
  • މުހައްމަދު ރިފްޝާން (ހާނިމް)
  • ފާތިފަތު އާޒިފާ (ތާނިޔާ)
  • އަލީ އާޒިމް (ހަސަން)
  • އަލީ ސީޒަން (ޒާހިދު)
  • ނުޒުހަތު ޝުއައިބް (ޒޯޔާ)
  • އަހްމަދު ޝަރީފް (ޖަވާދު)
  • ނިއުމާ މުހައްމަދު (ނިއުފާ)
  • ގުލިސްތާން (ގުލިސްތާން)
  • އަލީ ޝާހިދު (ޓީޗަރު)
  • ލިއަމް އާދަމް
  • ޑައިރެކްޓް ކުރީ: ޔޫއްޕެ
  • ޕްރޮޑިއުސަރު: ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީއު
  • ވާހަކަ އަދި ސްކްރީން ޕްލޭ (ޔޫއްޕެ)
  • ސްޓޫޑިއޯ: އެންވިޝަން އެންޓަޓެއިންމަންޓް

ފިލްމުގައި ވަނީ ކިހިނެއް؟

މި ފިލްމަކީ އުމުރުން 40 ގެ އަހަރުތައް ގުނަމުންދާ ތިން އެކުވެރިންނަށް ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމު ފެށިގެން އަންނަ އިރު އަޖުވަދު، އަހުސަން އަދި އަޝްވަނީ އަކީ ޒަމާންވީ ގާތް ތިން އެކުވެރިންނެވެ. އަޖުވަދަކީ ކައިވެނިކޮށް ދަރިއަކު ލިބުނުތާ ގިނަ ދުވަސްތަކެއް ނުވެ އަނބި މީހާ މަރުވުމުން ދަރިފުޅު ހަސަން ގޮވައިގެން އެކަނި އުޅޭ މީހެކެވެ. އަޖުވަދުގެ ކައިވެނި ވަނީ ޖެހުނު މައްސަލައެއްގައި ރޫޅިފަ އެވެ. އަނބިމީހާ ނިއުފާ އާ ނުލާ ދަރިފުޅު ޖަވާދު ބަލާބޮޑު ކުރަނީ އަޖުވަދު އެކަންޏެވެ. ޖަވާދު ހުންނަނީ ވިޔަފާރި ބަލަހައްޓަން ރާއްޖެތެރޭ ރަށެއްގަ އެވެ. ޖަވާދަކީ މާލޭގެ މުއްސަންޖެކެވެ. އަޝްވަނީ އަކީ ޒުވާން އުމުރުގެ ލޯބިވި ހަމައެކަނި ލޯބިވެރިޔާ ޒިޔާނާ ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލުމުން އުމުރުން 40 އަހަރުވީ އިރުވެސް ކައިވެނި ނުކޮށް ހުސްހަށިބައިކޮށް ހުރި މީހެކެވެ.

ފިލްމު ފެށޭތާ ގިނައިރުތަކެއް ނުވެ އަޝްވަނީގެ ގެއަށް އަންނަނީ ނުދަންނަ މީހެކެވެ. އަޝްވަނީގެ ކުރީގެ ލޯބިވެރިޔާ ޒިޔާނާގެ ދަރިފުޅު ބަލާނެ މީހަކު ނެތުމުން އެކުއްޖާ ހަވާލު ކުރާށެވެ. އެއީ އަޝްވާ އެވެ. އަޝްވާ އަކީ ބައްޕަނެތް ކުއްޖެކެވެ. ޒިޔާނާ ކެންސަރު ޖެހިގެން މަރުވިތާ އެތައް އަހަރެއް ފަހުންނެވެ. އެމިހާ ބުނާ ގޮތުންނަމަ އަޝްވާ އަކީ ވިހޭއިރު ސިކުނޑީގެ އުނިކަމެއް ހުރި ކުއްޖެކެވެ. ޒިޔާނާ މަރުވުމުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އަޝްވާ ރަނގަޅު ވުމުން އަޝްވަނީ އާ ހަވާލު ކުރަނީ އެވެ. ޒިޔާނާގެ ފަރާތުން ލިބިފައިވާ ސިޓީއެއްގައިވާ ގޮތަށެވެ. އަޝްވާ ފެނުމުން ޒިޔާނާގެ މަތިން ހަނދާންވި ނަމަވެސް ދަރިއެއްގެ ގޮތުގައި އަޝްވާ ބަލަން ނިންމާ އަޝްވަނީ، އަޝްވާ އެ ގޭގައި ބަހައްޓަ އެވެ. އެކަމާ ފިކުރު ކުރަން އަޝްވަނީ އިންދާ އޭނާގެ ދެ އެކުވެރިން އެމީހުން ޖަވާދު ހުންނަ ރަަށަށް ދާން ނިންމާ އަޝްވަނީއަށްވެސް ދައުވަތުދެ އެވެ. ހުރި ހަމައެކަނި ދަިރިފުޅު ޖަވާދު ބުނުމުން އެކަމާ ދެކޮޅު ހަދަން ބޭނުން ނުވެ އަޖުވަދު ބޭނުންވަނީ އޭނާގެ އެކުވެރިން ގޮވައިގެން ދާށެވެ. އަހުސަން އާ އެކު ހަސަންވެސް އެދަތުރުގައި ބައިވެރިވާތީ އަޝްވާގެ ރުހުމުގައި އޭނާވެސް އެ ދަތުރުގައި ބައިވެރިވެ އެވެ.

އަޖުވަދުމެން އެ ރަަށަށް ގެންދަނީ ޖަވާދުގެ ކައިވެނީގެ ހަބަރު ދޭށެވެ. ޖަވާދު ރައްޓެހިވެގެން އުޅެނީ ޒޯޔާ އާ އެވެ. އެ ރަށަށް ގޮސްވެސް އެ ތިން އެކުވެރިން އުޅެނީ ސާދަ ފަނަރަ އަހަރުގެ ޒުވާން ކުދިން އުޅޭހެންނެވެ. އަންހެން ކުދިންނަށް ބެލުމާއި ފޮނިދެއްކުމުގައި ޒުވާނުންނަށް އެމީހުން ދޫ ނުކުރެ އެވެ. ޖަވާދު ބައްދަލުކޮށްދިނުމުގެ ކުރިން ޒޯޔާ އާ ދިމާވަނީވެސް އެހެން ފޮނިދައްކަން އުޅެނިކޮށެވެ.

އެ ރަށަށް ދިއުމުގެ ކުރިންވެސް ތާނިޔާ އާއި އެ ތިން މީހުން ދިމާވެ އެވެ. އޭގެފަހުން ފެންނަނީ އެރަށުންނެވެ. ތާނިޔާ އެރަށަށް ދަނީ އޭނާގެ ބޮޑު ދައިތަ ގުލިސްތާނު ގެ އެދުމުގެ މަތިންނެވެ. ޖަވާދު އާއި ގުލިސްތާނަކީ ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ ދެބައި މީހުންނެވެ. ގުލިސްތާނުމެންނަށްވުރެ ވިޔަފާރީގައި ޖަވާދުމެން ކުރިއަރާ ދާތީ އެކަމާ ހަސަދަލާ އެމީހުން ބަނގުރޫޓު ކޮށްލުމަކީ އޭނާ ބޭނުންވާ ގޮތެވެ. އެއީ ނިކަން ނުފޫޒުވެސް ގަދަ އަންހެނެކެވެ. ތާނިޔާ އެރަށަށް ގެންނަނީވެސް ޕްލޭނެއްގެ ދަށުން ޖަވާދު އާ ހިތާވެ މުދާގަނޑެއް ހޯދުމުގެ ބޭނުމުގަ އެވެ.

ޒާހިދަކީ ރަށުގައި ހުންނަ ޕޮލިސްޓޭޝަނާއި ހަވާލުވެ ހުންނަ އިންޗާޖެވެ. ފިލްމު ފެށިގެން އަންނައިރު ނަޒާހަތްތެރި ފުލުހެކެވެ. ތާނިޔާ ފެނިގެން އަޖުވަދުމެން އޭނަ އާ މައްލަވަ ކުރަން އުޅެނިކޮށް ތާނިޔާ އެހީއަށް އެދެނީ ޒާހިދުގެ ފަރާތުންނެވެ. އޭގެކުރިންވެސް ތާނިޔާ އާ ޒާހިދު ވަނީ ދިމާވެފަ އެވެ. ތާނިޔާގެ ބޭބެ ޝާމިން ހައްޔަރުކުރުމުން އެކަމާ ޒާހިދާއި ބައްދަލު ކުރަން ތާނިޔާ ދިއުމުންނެވެ. އެހެން ނަމަވެސް ޒާހިދު އާ އަޖުވަދަކީ ވަރަށް ކުރިން ގާތް އަދި ފަހުން "ގެއްލިފައިވާ" ދެ ރަހުމަތްތެރިންނެވެ. އެހެން ކަމުން އެމީހުން ހައްޔަރުނުކޮށް ދޫކޮށްލަ އެވެ. އޭރު ތާނިޔާ ހުންނަނީ ޒާހިދަށް ހިތް ކިޔާފަ ހެންވެސް ހީވެ އެވެ.

ގުލިސްތާނުގެ ޕްލޭނާ އެއްގޮތަށް ކަންނުވެ ޖަވާދާއި ޒޯޔާގެ ކައިވެނި ކުރެވެ އެވެ. ޒޯޔާ އަކީ ޒާހިދުގެ ކޮއްކޮއަށްވާތީ އަޖުވަދުމެން އެކައިވެންޏާއި ނިކަން ގަބޫލެވެ. ޖަވާދުގެ ފައިސާވެރިކަން ފެނިފައި ޒާހިދުވެސް ނިކަން ގަޔާވެ އެވެ. އެހާ ހިސާބުން ޒާހިދުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދެ އެވެ. ކޮއްކޮ މެދުވެރިކޮށް ހޯދަން އުޅުނު މުދާގަނޑު ނުލިބޭނެކަން ޒާހިދަށް އެނގޭއިރު އޭނައަށް އެހީތެރިވަނީ ތާނިޔާ އެވެ. އެ ދެމީހުން ގުޅިގެން މޮޅެތި ޕްލޭންތައް ކުރިއަށް ގެންދެ އެވެ. އެ ޕްލޭންތައް ކާމިޔާބު ތޯ ނުވަތަ ފްލޮޕްތޯ ވަނީ އަމިއްލައަށް ބަލައިލާށެވެ. އެބައެއް ނުކިޔައިދޭނަމެވެ.

ސްޕޮއިލާ އެލާޓް

ފިލްމުގެ މައިގަނޑު ވާހަކައިގެ ބައެއް ކިޔައި ދެވުނު އިރު އަޝްވާ އާއި ހަސަން އަދި ޝާމިންގެ ވާހަކަ އަދި ނުގެނެސްދެވެ އެވެ. އަޝްވާ އަކީ ރަނގަޅަށްވެސް ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖަކުހެން ހީވެ އެވެ. ބުނެވޭ އެންމެ އެއްޗަކުން ކުއްލިއަކަށް އޭނަގެ ގާތަށް ރުޅި އައިސްދާނެ އެވެ. ހަސަން ފުދޭ ވަރަކަށް އެކަމާ ބިރުވެސް ގަނެ އެވެ. އެކަމަކު މަޑުމަޑުން އެ ދެމީހުގެ އެކުވެރިކަންވެސް ބަދަހިވެ އެވެ.

ރަށުގައި ނުލަފާ އަރުވަން އުޅޭ ޝާމިން އާ އަޝްވާ އާ ދިމާވެ ޝާމިންއަށް އަޝްވާދެކެ ލޯބިވެވެ އެވެ. އަޝްވާއާ ވަކިން ބައްދަލުކުރަން ބޭނުން ވިޔަސް އެކަމެއް ނުވެ އެވެ. އަޝްވާގެ ބޮޑީގާޑުހެން ހަސަން އަބަދުވެސް ކައިރީގަ ހުރެ އެވެ. އަޝްވާ އާ ޝާމިން ބައްދަލުކުރަން މަސައްކަތް ކުރާއިރު މަޖާ ކަންތައްތަކެއް ހިނގަ އެވެ. އެމީހުންނާ ފިލަން ހަސަން އާއި އަޝްވާ އުޅޭގޮތްވެސް އެހާ މަޖަލެވެ.

ހަސަންއަށް އަޝްވާދެކެ ލޯބިވެވުނަސް އަޝްވާއަށް ލޯބިވެވެނީ އެހެން މީހެއް ދެކެ އެވެ. އެއީ ކާކުކަމެއް ނުބުނާނަމެވެ. ދެން އިތުރަށް ފިލްމުގައި ވާގޮތް ކިޔައިދީފިނަމަ ފިިލްމު ބަަލަން ފޫހިވެދާނެ އެވެ. އެކަމަކު އަދި އެއް ވާހަކަ އެވެ. އަޝްވާގެ ބައްޕަ އަކީ ފިލްމުގެ އެއުޅޭ ހަތަރު ފިރިހެނުންގެ ތެރެއިން އެކަކަކެވެ. އެއީ ވަރަށް ހާއްސަ ސަޕްރައިޒެކެވެ.

ހުރިހާ ރަހައެއް އެބަހުރި

ފިލްމުގެ ޕްރޮމޯޝަންގައި މިއީ ހުރިހާ ރަހައެއް ހުންނާނެ ފިލްމެއް ކަމަށްބުނެ ޕްރޮމޯޓް ކުރި އެވެ. އެކަމާ ނިކަން ގިނަ މީހުން ސުވާލު އުފެއްދިވެސްމެ އެވެ. އެއް ފިލްމެއްގައި އެ ހުރިހާ ރަހައެއް ހުރެދާނެތޯ ސުވާލު އުފެއްދި އެވެ. އެހެން ނަމަވެސް ފިލްމު ބެލި އެންމެނަށް މިހާރު ހުންނާނީ އެ ސުވާލުގެ ޖަވާބު ލިބިފަ އެވެ.

އެކްޝަން، ލޯބި، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، އެކުވެރިކަން މި ހުރިހާ ރަހައެއް އެންމެ ފުރިހަމަ ގޮތުގައި އެބަހުއްޓެވެ.

ފިލްމުގައި ފެނިގެންދާ އެކްޝަން މަންޒަރުތައް ފުރިހަމަ އެވެ. ޝާމިން ހައްޔަރު ކުރުމަށް އޭނާގެ ފަހަތުން ޒާހިދު އުޅެ ހަދަން ފަށާފައި ހުންނަ އިމާރާތެއްގެ ތެރެއަށް ވަދެ ނުކުންނަ އިރު ދިވެހި އެހެން ފިލްމުތަކުގައި ފެންނަ އެކްޝަން މަންޒަރުތަކަށްވުރެ އެތައް ގުނައެއް ރަނގަޅުވެފައި ފުރިހަމަ އެވެ. އެކުވެރިކަމުގެ ރީތި މިސާލުތައް ފެނިގެންދާއިރު ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ފެނިގެންދެ އެވެ. ފިލްމުގައި ހަސަން އަކީވެސް އޭގެ ޒާތުގައި ހުރި ގޮތަށް ހުރި "ހިނިގަނޑެ"ކެވެ. ވާހަކައެއް ބުނަން އުޅޭ ގޮތާއި ނެށުމަށް އޭނަ ހުންނަ ފޯރިން މީހުން ހެއްވާލަ އެވެ.

އޭގެ އިތުރުން ދުވަހަކުވެސް ފިލްމެއް އަދި ލަވައެއްގައި ނަށާފައި ނުވާ ސައީދުގެ ނެށުމުގެ ހުނަރުވެސް ފެނިގެންދެ އެވެ. މާ ރަނގަޅަށް ނަށަން ނޭނގުނަސް މަނިކު އަދި ޔޫއްޕެ އާ އެއް ހަމައެއްގައި ނަށަން ލައްކަ މަސައްކަތް ކޮށްފައި ހުރިކަން ފާހަގަކުރެވެ އެވެ.

ފިލްމުގައި ތަރިންގެ އެކްޓިން އަށް ބަލާއިރު ފިލްމުގެ އެކްޓިން ފުރިހަމަ އެވެ. ސައީދު، މަނިކު، ޔޫއްޕެ، ޖިމީ، އަޒޫ، ސީޒަން އަދި ނިއުމާގެ ހުނަރަކީ ދެން އިތުރު ސުވާލެއް އުފައްދާނެ ޖާގައެއް އޮތް ތަރިންނެއް ނޫނެވެ. ޔޫއްޕެ ވަނީ ފިލްމު "ބައިވެރިޔާ" އިން އޭނާ އަކީ ހަމައެކަނި ސީރިޔަސް އެކްޓަރެއް ނޫންކަން ސާބިތުކޮށްދީފަ އެވެ. އާންމުކޮށް ސީރިއަސް ރޯލުތަކުން ފެންނަ މަނިކުވެސް އެއީ މީހުން ހެއްވާލަން މޮޅު މީހެއްކަން މި ފިލްމުން އެނގިގެން ހިނގައްޖެ އެވެ.

އައްޒަ، ދޮން އައްޔަ، އަދި ރިފްޝާންގެ ހުނަރުވެސް ވަރަށް ރަނގަޅަށްވަނީ ދައްކާލާފަ އެވެ. މިިދިޔަ އަހަރު އައްޒަ ފެނިގެން ދިޔަ "4426"ގައި ފެނިގެން ދިޔަ ފެންވަރުގެ މޮޅު އެކްޓިން އެއް މި ފިލްމުން ފެނިގެންދިޔަ އެވެ. އޭނާގެ ގާތަށް މި ފިލްމުގައި އަންނަ ރުޅިގަނޑުގައި އެއީ އަސްލަށްވެސް އަންނަ ރުޅިއެއް ހެން ހީވެ އެވެ. އެހާވެސް އައްޒަގެ އެކްޓިން ފުރިހަމަ އެވެ. ދޮން އައްޔަގެ އެކްޓިން އަށް ބަލާއިރު އައްޔަގެ އެކްޓިންވެސް ރަނގަޅެވެ.

ފިލްމު މަލިކާއިން ތައާރަފްވި ނުޒުހަތު ނުވަތަ ނުޒޫގެ އެކްޓިންވެސް ރަނގަޅެވެ. މި ދާއިރާގައި ނުޒޫގެ މުސްތަގްބަލް ވަރަށް ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ. އަލަށް ތައާރަފްވި ގުލިސްތާނާއި އެލްޖޭގެ އެކްޓުކޮށްފައިވާ ގޮތުން މިއީ އެ ތަރިން ފުރަތަމަ ފިލްމް ކަމެއް ނޭނގެ އެވެ. އަލަށް ތައާރަފްވި ޝަރީފްގެ އެކްޓިން ވެސް ހަމަ އެފަދަ އެވެ. އެކަމަކު އެންމެ ރަނގަޅޭ ބުނެފިނަމަ އެ ވާނީ ދޮގަކަށެވެ. އިތުރު ފިލްމެއް ކުޅޭނަމަ މިއަށްވުރެ އެތައް ގުނައެއް ރަނގަޅު ކުރެވޭނެ އެވެ.

ފިލްމުގެ ރޭވުންގަނޑު އަތުރާލާފައި އޮތީވެސް ފުރިހަމަ އަށެވެ. އެކަމަކު ފިލްމުގައި ވާނުވާ ދެނެގަނެވުނީ ތަންކޮޅެއް ފަހުންނެވެ. ފިލްމު ތަންކޮޅެއް ދިގުހެން ހީވެ އެވެ. އޯވަރޯލްކޮށް މި ފިލްމު ވަރަށް ރަނގަޅެވެ. ރީއްޗެވެ. ރައްޓެހިންނާއެކު ބަަލައިލަން ގޮސް އެންމެ ރަނގަޅުވާނެ އެވެ. މަޖާ ވަގުތުތަކެއް ހޭދަކުރެވޭނެ އެވެ.