ބަންދުގައި ތިބޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުކުރަން ނުޖެހޭ ކަމަށް ކަރެކްޝަން ސާވިސްއިން ބުނި ބުނުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ގާނޫނީ ޓީމުން ރައްދު ދެއްވައިފި އެވެ. ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހަވައިދުގައިވާ ގޮތުން ކުށުގެ ތުހުމަތުގައި ތިބޭ މެންބަރުން މަޖިލީހަށް ހާޒިރުކުރަންޖެހޭނެ ކަމަށެވެ.
ކަރެކްޝަން އިން މިއަދު ނެރުން ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރުމަށް އެ މުއައްސަސާއިން އަމަލު ކުރަމުން އަންނަނީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން ގެޒެޓުކޮށްފައިވާ ގަވައިދުގެ ދަށުން ކަމަށެވެ. އަދި 2013 ވަނަ އަހަރު ނުވެމްބަރު މަހު ސުޕްރީމް ކޯޓުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާ ބާތިލުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މާއްދާތަކަށް އަމަލު ނުކުރާނެ ކަމަށް ކަރެކްޝަން އިން ބުންޏެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ހަމީދު ވިދާޅުވީ، ސުޕްރީމް ކޯޓުން އެ މާއްދާތައް ބާތިލުކޮށްފައިވާ ކަމަށް ޖަދަލުނުކުރާ ކަމަށާއި އެއް އިރެއްގައި ވެސް އެ ގާނޫނުގެ ވާހަކަ ދައްކާފައިނުވާނެ ކަމަށެވެ. ފާރިސް މަޖިލީހަށް ހާޒިރުކުރަންޖެހޭނެ ކަމަށް ވަކާލާތު ކުރައްވަނީ އެގޮތަށް މަޖިލީހުގެ ގަވައިދުގައިވާތީ ކަމަށެވެ. ގަވައިދެއް ނަމަވެސް ގާނޫނު އަސާސީއިން ބާރު ލިބިގެން ހަދާފައިވާ ގަވައިދަކަށްވާތީ އެއީ ގާނޫނެއްގެ ސިފަ ލިބިގެންވާ ގަވައިދެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން ކުށުގެ ތުހުމަތެއްގައި މެންބަރަކު ހައްޔަރުގައި ހުންނަވާއިރު ޖަލްސާތަކަށާއި ކޮމެޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު އެ މެންބަރަކަށް ލިބިދޭ ކަމަށެވެ.
"އެގޮތަށް އެ ހައްގު ފާރިސްއަށް ލިބިގެންވާއިރު ބަންދާ ހަވާލުވެގެން ތިބޭ ބަޔެއްގެ ޒިންމާއެއް މަސްއޫލިއްޔަތެއް އެއީ އެ ބޭފުޅާ މަޖިލީހަށް ހާޒިރުކޮށްދިނުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ، ކަރެކްޝަން ސާވިސްއިން އެންމެ ފުރަތަމަ އެންގީ ލިޔުމަކުން ހުށަހެޅުމުން ފާރިސް މަޖިލީހަށް ހާޒިރުކުރާނެ ކަމަށެވެ. ނަމަވެސް މިއަދު ނޫސް ބަޔާން ނެރެ ބުނެފައިވަނީ ކޮންމެހެން މެންބަރުން ހާޒިރުވެސް ކުރަން ނުޖެހޭ ކަމަށް ކަމަށެވެ. ކޮންމެވެސް އެއްގޮތަކަށް ކަރެކްޝަން ސާވިސްއިން ގާނޫނު ބައްލަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ގާނޫނު އެކި ފަހަރު އެކި ގޮތަށް މާނަކޮށްގެން ނުވާނެ ކަމަށެވެ.
"ގާނޫނު ވަރަށް ސާފު، ހާޒިރުކޮށްދެއްވަން ޖެހޭނެ، އެ ބޭފުޅުން ބޭނުންފުޅާ ވަކި ފޮންޓަކުން ވަކި ގަލަމަކުން ލިޔެފަ ނެތީމަ އެ ބޭފުޅުން އެކަން ކޮށް ނުދެއްވަންޏާ އެއީ އެ ބޭފުޅުންގެ މައްސަލައެއް، ގާނޫނުގެ މައްސަލައެއް ނޫން، ފާރިސްގެ މައްސަލައެއް ވެސް ނޫން، ފާރިސްއަށް އެ ހައްގު ލިބިގެންވޭ، ފާރިސްއަށް އެކަން ފަހިކޮށްދެއްވަންޖެހޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު އިތުރަށް ވިދާޅުވީ، ކުރިމިނަލް ކޯޓުން ފާރިސް، މަޖިލީހަށް ވަޑައިގަތުމަށް ފުރުސަތު ދެއްވުމުގެ ކުރިން ޕީޖީއާ ވަނީ އެކަމުގައި އިއުތިރާޒެއް އޮތްތޯ ސުވާލުކޮށްފަ ކަމަށެވެ. ނަމަވެސް ޕީޖީއިން ވެސް އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ބުނެފައިވަނީ އެކަމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތުމުން ކަމަށެވެ.
"ކޯޓުން އެ ނިންމި ނިންމުން ތަންފީޒުކުރަން ޖެހޭނެ، ކޯޓުން އެ ނިންމުން ނިންމީ ފާރިސްއަށް އެ ފުރުސަތު ދިނުމަށްޓަކައި، ކޯޓުގެ ވަގުތެއް ބޭކާރެއް ނުކުރައްވާނެ އެ ނޫން ސަބަބެއް ނެތި، ޝަރީއަތްތައް މެދުކަނޑައެއް ނުލާނެ އެވަރުގެ ބޮޑެތި ސަބަބުތަކެއް ނެތި، މިއީ އެވަރުގެ ބޮޑު ސަބަބެއް، އަޅުގަނޑުމެން ހުށަހެޅި ސަބަބަކީ ފާރިސް ޖެހެއޭ މަޖިލީހަށް ވަޑައިގަނަވަން، ކޯޓުން އެ ފުރުސަތު ދެއްވި، އެ ފުރުސަތު ގެއްލުއްވާލެއްވީ ކަރެކްޝަން ސާވިސްއިން،" މައުމޫން ވިދާޅުވި އެވެ.
އެކަމުގައި ޕީޖީ ޒިންމާދާރުކުރުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ހައްގުތައް ނެގެހެއްޓުމަކީ ވެސް ޕީޖީގެ ޒިންމާއެއް ކަމަށާއި ފާރިސްގެ ހައްގާއި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގުތައް ޕީޖީއިން ނަގަހައްޓަންޖެހޭނެ ކަމަށެވެ. ފާރިސް މަޖިލީހަށް ވަޑައިގަތުމަށް ޕީޖީއިން އެއްވެސް ހުރަހެއް އަޅާފައިނުވާނެ ކަމަށް ބުނުމުން ނުފުދޭ ކަމަށާއި ފާރިސް މަޖިލީހަށް ހާޒިރުކުރުމަށް ކަރެކްޝަންއަށް ޕީޖީއިން އަމުރުކުރަންޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.