ދައުލަތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް މިއަދު ކުރިމިނަލް ކޯޓުން ކަނޑައަޅައި، އެ މައްސަލަ މީގެކުރިން ބާތިލުކުރި ހިސާބުން ޝަރީއަތް ކުރިއަށް ގެންދަން ނިންމައިފި އެވެ.
މިއަދު މި މައްސަލާގައި ކުރިއަށް ދިޔަ ދިގު އަޑުއެހުމަށްފަހު ގާސިމްގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، މިއީ ކޯޓުން މީގެކުރިން ބާތިލުކޮށްފައިވާ މައްސަލައަކަށްވާއިރު އަލުން މި މައްސަލަ ހުށަހެޅުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއްކަން ޝަރީއަތުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވި ކަމަށް ހިސާން ވިދާޅުވީ، ކުރިމިނަލް ކޯޓުން މައްސަލަ ބާތިލުކޮށްލާފައިވަނީ އެ މައްސަލަ އަލުން ހުށަހެޅިދާނެ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ގާސިމަށް ލިބުނު ލިޔުމުގައި އެކަން ފާހަގަކޮށްފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އެފަދަ ލިޔުމެއް އޮތިއްޔާ ގާސިމަށް ވެސް ހިއްސާކުރުމަށް އެދުމުން އެ ލިޔުން ގެނައުމަށް ޝަރީއަތް މެދުކަނޑާލި ކަމަށް ހިސާން ވިދާޅުވި އެވެ.
"ރިސެސްއަށްފަހު ޕީޖީއިން ބުނީ އެއީ އޮޅުމެއް ކަމަށް، އެ ބޭފުޅުންނަށް އެފަދަ ލިޔުމެއް ލިބިފައިނުވާ ކަމަށް، އަޅުގަނޑުމެން ދެން ފާހަގަކުރީ އެ ބޭފުޅުންނަށް އޮޅިގެން ކުރެވިފައިވާ ދައުވާއެއް ކަމަށްވާނަމަވެސް މި މައްސަލަ ކުރިއަށް ގެންދެވޭނެ އަސާސެއް ނެތް ކަމަށް، އެކަމާ ޕީޖީއިން ވިދާޅުވީ ގާނޫނުގަ ނެތޭ އެއްވެސް ތަނަކު މި މައްސަލަ ހުށަނޭޅޭނެ ކަމަކަށް، އެހެންވީމަ ކަމަށް މި ހުށަހަޅަނީ،" ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، ގާޒީން ނިންމެވީ މި މައްސަލަ އަލުން ހުށަހެޅޭނެ ކަމަށް ކަމަށެވެ. އަދި މައްސަލަ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގާޒީ ނިންމެވި ކަމަށެވެ.
ގާނޫނީ ގޮތުން ގާސިމްގެ ފަރާތުން ހުށަހަޅާ ނުކުތާތަކަށް ދައުލަތުން ގާނޫނީ ޖަވާބެއް ނުދެއްވާ ކަމަށާއި އޭގެ ބަދަލުގައި ނިންމުމެއް އަންނަނީ ބެންޗުން ކަމަށް ހިސާން ވިދާޅުވި އެވެ. އެކަން ޝަރީއަތުގައި ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.
ދެން މި މައްސަލާގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. އަދި ޝަރީއަތް ކުރިއަށް ދަނީ ކުރިން މި ޝަރީއަތް ނިންމާލި ހިސާބުން ފަށައިގެން ކަމަށް ވެސް ގާޒީ ވިދާޅުވެފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. އެ އަޑުއެހުން އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނެވެ.
ގާސިމްގެ މައްޗަށް މީގެކުރިން ރިޝްވަތުގެ ތިން ދައުވާއެއް ކުރި ނަމަވެސް މިހާރު ކުރަނީ ރިޝްވަރު ހުށަހެޅުމުގެ ދައުވާ އެކަންޏެވެ. އެ ދައުވާއަކީ މެންބަރުންތަކަކަށް ރިޝްވަތު ހުށަހެޅުމަށް މަސައްކަތް ކުރެއްވި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާއެކެވެ.