މެޑްރިޑް (ޑިސެމްބަރު 16) – ސްޕެއިންގައި މިހާރު ތަހުގީގުކުރަމުންދާ މެޗު ފިކްސިންގެ މައްސަލައިގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު އަންޑަ ހެރޭރާ ވެސް ހިމެނޭކަން ކަށަވަރުވެއްޖެ އެވެ.
މި ތަހުގީގުގައި ހިމެނޭ ޖުމްލަ 41 މީހުން ހިމެނޭއިރު، މީގެ ތެރޭގައި ކުޅުންތެރިންނާއި ކޯޗުން އަދި ކްލަބުތަކުގެ އިސް އޮފިޝަލުންތަކެއް ވެސް ހިމެނެ އެވެ.
މެޗު ފިކްސިންގެ ތުހުމަތުކުރެވިފައިވަނީ 2011 ވަނަ އަހަރު ސްޕެއިން ލީގުގައި ލެވަންޓޭ އާއި ރެއާލް ޒަރަގޯޒާ ބައްދަލުކުރި މެޗަށެވެ. މި މެޗު ޒަރަގޯޒާ އަށް ދޫކޮށްލުމަށް ލެވަންޓޭގެ ކުޅުންތެރިންނަށް ޒަރަގޯޒާ އިން ގާތްގަނޑަށް އެއް މިލިއަން ޔޫރޯ ރިޝްވަތުގެ ގޮތުގައި ދީފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.
މި މެޗުން ލެވަންޓޭ 2-1 އިން ވަނީ ބަލިވެފަ އެވެ. ރެލިގޭޝަނުން ސަލާމަތްވުމަށް ޒަރަގޯޒާ އަށް މޮޅުވުން މަޖުބޫރުވެފައި އޮތް މެޗު ލެވަންޓޭ ކުޅުންތެރިން ދޫކޮށްލި ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.
މި މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާއިރު، ޕްރޮސެކިއުޓަރުން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުގައި ބުނެފައިވަނީ ހެރޭރާ އަކީ ޒަރަގޯޒާ އިން ރިޝްވަތު ދިނުމަށް ފަންޑްކުރި ފައިސާއާ ހަވާލުވި 10 މީހުންގެ ތެރެއިން އެކަކު ކަމަށެވެ.
އޭރު ހެރޭރާ އަކީ ޒަރަގޯޒާގެ ކުޅުންތެރިއެކެވެ. ޒަރަގޯޒާ ދޫކޮށް ހެރޭރާ އެތުލެޓިކޯ ބިލްބާއޯ އަށް ބަދަލުވީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ މި އަހަރެވެ.
މި މައްސަލައިގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ސްވަންސީ ސިޓީގެ އިކުއެޑޯ ވިންގާ ޖެފަސަން މޮންޓޭރޯ އާއި އެތުލެޓިކޯ މެޑްރިޑްގެ ކެޕްޓަން ގަބީ ހިމެނެ އެވެ. މޮންޓޭރޯ އަކީ ކުރިން ލެވަންޓޭގެ ކުޅުންތެރިއެކެވެ. ގަބީ އަކީ ޒަރަގޯޒާގެ ކުރީގެ ކުޅުންތެރިއެކެވެ.
މީގެ އިތުރުން ޒަރަގޯޒާގެ ކުރީގެ ކޯޗު ހަވިއޭ އަގުއިރޭ ވެސް މި މައްސަލައިގައި ހިމެނެ އެވެ. އަގުއިރޭ އަކީ މިހާރު ޖަޕާންގެ ގައުމީ ޓީމުގެ ކޯޗެވެ. -- ބީބީސީ