މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމާމެދު މިހާރު ބަޔަކު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް މަރުގެ ހުކުމް ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަހުމުކުޑަ އަމަލުތަކަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް އަމާން މުޖުތަމައެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާއިރު ވެސް އެފަދަ ރަހުމުކުޑަ އަމަލުތަކެއް ހިނގަމުންދާ ކަމަށެވެ. މިފަހުން މާލޭގައި ހިނގި ދެ މާރާމާރީއެއްގައި ދެ ޒުވާނުން މަރުވި ހާދިސާއަށް ރައީސް އިޝާރަތް ކުރެއްވި އެވެ. އެފަދަ ރަހުމުކުޑަ އަމަލުތައް ހިންގާ ފަރާތްތަކަށް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަން ވަރަށް ސާފު ބަހުން ހަނދުމަކޮށްދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިއަދު ވެސް މި ރަހުމުކުޑަ އަމަލުތައް ހިންގާ ފަރާތްތަކަށް އަޅުގަނޑު ސާފު ބަހުން ދަންނަވަން ބޭނުން ވަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޒައާމަތު ﷲ ދަމަހައްޓަވާ ކަމަށްވާނަމަ މަރުގެ ހުކުމް ތަންފީޒު ކުރާނަމޭ، މިކަމާ ދޭތެރޭ އެއްވެސް މީހަކު ސުވާލު ނުއުފައްދާ، އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ފެނޭ ބައެއް ލީޑަރުން އެ ބޭފުޅުންގެ ނަންފުޅު ހާމަ ނުކުރައްވާ ލިޔުއްވާތަން މި ރައީސް ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް، ނޫން އެ ރަނގަޅު ވާހަކައެއް ނޫން، މި ރައީސް މަރުގެ ހުކުމް ތަންފީޒު ކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެއީ މުޅި މުޖުތަމައުގެ މަސްލަހަތަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. މައުސޫމް ދިވެހި މުޖުތަމައު ހަރާބުވެގެންދާން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.
"ކީއްވެގެންތޯ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އައިސް މިފަދަ ރަހުމުކުޑަ އަމަލުތައް ހުއްޓުވާ ވާހަކަ ނުދައްކަވަނީ، އަޅުގަނޑުމެން އަބަދު ދައްކަންވަންވީ ދިވެހި ދައުލަތުގެ ހާޒާނާ ބަހާ ވާހަކަތޯ، އެއް ރައީސްއަކަށްވުރެ ގިނަ ރައީސުން ތިބެންޖެހޭ ވާހަކަތޯ،" ރައީސް އިދިކޮޅު ފަރާތްތަކާ ސުވާލު ކުރެއްވި އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން މިރޭ ރައީސް ޔާމީން އަނެއްކާވެސް ދެއްވާފައިވާއިރު މަރުގެ ހުކުމް ތަންފީޒުކުރުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން މަރުގެ ހުކުމް ތަންފީޒުކުރާ ކޮޓެރި މިހާރު ވަނީ ގާއިމުކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީން މިދިޔަ އެޕްރީލް 23 ވަނަ ދުވަހު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ދެތިން މަސް ތެރޭގައި ފެށޭނެ ކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލެވެ.