ކުޅިވަރު

ނޭމާ ޕީއެސްޖީގެ ޖޯޒީގައި ދައްކާލައިފި

ބްރެޒިލްގެ ތަރި ނޭމާ ޕީއެސްޖީގެ ޖޯޒީގައި ފުރަތަމަ ފަހަރަށް މިއަދު ފެނިލައިފި އެވެ. އެ ޓީމުން މިއަަދު

ނޭމާ ޕީއެސްޖީގެ ޖޯޒީގައި މީޑިއާ އާއި ސަޕޯޓަރުންނަށް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފައި ވަނީ އެ ކްލަބްގެ ރަސްމީ ދަނޑު، ޕާކްޑް ފްރާންސްގަ އެވެ. އަދި އޭނާ ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ގިނަ ސުވާލުތަކަށް ޖަވާބު ދީފަ އެވެ. ނޭމާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، ޕީއެސްޖީގެ ތާރީހުގައި ރަންއަކުރުން ފަވާލެވޭނެ ފަދަ ކުޅުންތެރިއަކަށް ވުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި އިތުރަށް ކުރިއަށް ދިޔުމަށް ނިންމި މުހިންމު ނިންމުމެއް ކަމަށް ވެސް ބުންޏެވެ. އަދި ކްލަބްގެ ސަޕޯޓަރުން ބޭނުންވާ ފަދަ ކުޅުމެއް އޭނާގެ ކިބައިން ފެންނާނެ ކަމަށް ވެސް ނޭމާ ބުންޏެވެ.

ނޭމާ ބުނި ގޮތުގައި، އޭނާ ބާސާ ދޫކޮށްލީ ފައިސާއަކަށް ނޫނެވެ. ފައިސާގެ ފަހަތުން އޭނާ ދުވާ ނަމަ ބަދަލުވާނީ ޕީއެސްޖީއަކަށް ނޫން ކަމަށާއި ހުންނާނީ ކޮންމެވެސް އެހެން ކުލަބެއްގައި ކަމަށް ނޭމާ ބުންޏެވެ.

"ފައިސާއަށްޓަކައި އަހަރެން ކްލަބް ބަދަލުކުރި ކަމަށް މީހުން ވިސްނާތީ އެކަމާ ވަރަށް ދެރަވޭ. އެކަމަކު އެއީ ހަގީގަތެއް ނޫން. ޕީއެސްޖީއިން އަހަނަށް އިތުބާރު ކުރީތީ ވަރަށް އުފާވޭ،" ނޭމާ ބުންޏެވެ.

ޖުމްލަ 222 މިލިޔަން ޔޫރޯގެ ރެކޯޑް އަގަކަށް ބާސާ ދޫކޮލި ނޭމާ ޕީއެސްޖީއަށް ސޮއި ކޮއްފައި މިވަނީ ފަސް އަހަރު ދުވަހަށެވެ. ނޭމާގެ މުސާރައަކީ ހަފްތާއަކު ފަސް ލައްކަ ޔޫރޯ އެވެ. ޓްރާންސްފާ ފީގެ ގޮތުގައި ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ނޭމާގެ ލޯޔަރުން ވަނީ ބާސާގެ އޮފީހަށް ދައްކާފަ އެވެ.

ބްރެޒިލްގެ ކްލަބް ސަންޓޯސްއިން ކެރިއަރު ފެށި ނޭމާ 2009 އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އެ ކްލަބަށް ކުޅެ 103 ގޯލު ޖަހާފައެވެ. އެއަށް ފަހު ނޭމާ ބާސާއަށް ގެންނަން އެ ޓީމުން ވަނީ 86 މިލިޔަން ޔޫރޯ ހޭދަ ކޮފަ އެވެ. ބާސާގައި ނޭމާ ވަނީ 123 މެޗު ގައި 68 ގޯލު ކާމިޔާބުކޮދީފަ އެވެ.

ތެލުގެ މުއްސަންދިކަން ލިބިފައިވާ ގަތަރުން ހިންގާ ޕީއެސްޖީ ވެފައި ވަނީ ފަހަކަށް އައިސް ޓްރާންސްފާ ބާޒާރުގައި ބޮޑެތި ހޭދަ ތަކެއް ކުރަމުން އަންނަ ޓީމަކަށެވެ. މިފަދަ ބޮޑެތި ހޭދަ ތަކެއް ކުރަމުން އަންނާތީ ސްޕެއިންގެ ފުޓްބޯޅަ ލީގް ލަލީގާއިން ވަނީ ޕީއެސްޖީ އިން ޔޫރަޕްގެ ފުޓުބޯޅަ އިދާރާ، ޔުއެފްއާގެ ފައިނެންޝްއަލް ފެއާ ޕްލޭ ގަވާއިދާ ހިލާފު ވެފައިވާ ކަމަށް ތުހުމަތު ކޮއްފައެވެ. ފައިނެންޝިއަލް ފެއާ ޕްލޭ ގަވާއިދަކީ 2011-2012 ވަނަ އަހަރުގެ ސިޒަނުން ފެށިގެން ކުރިޔަށް ގެންދާ ގަވާއިދެކެވެ. މިގަވާއިދު ބުނާ ގޮތުން ޔޫރަޕުގެ ޓީމަކަށް ޓްރާންސްފާގައި ހަރަދު ކުރެވޭނީ އެޓީމަކަށް އަހަރަކު ލިބޭ އާމްދަނީ އަށްވުރެ އިތުރަށް 30 މިލިއަން ޔޫރޯ އެވެ.

ނަމަވެސް ބާސާއިން ވަނީ ޓްރާންސްފާގެ ފައިސާ ބަލައިގަނެ ޓްރާންސްފާގެ ތަފްސީލުތައް ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފްއާއަށް ހުށަހަޅާފަ އެވެ. "މި ޓްރާންސްފާގެ ސަބަބުން ކުރިމަތިވާ އެއްވެސް މައްސަލައެއްގެ ޒިންމާ މި ކްލަބަކުން ނުނަގާނެ. އެކަން ބަލާނީ ޔޫއެފްއާއިން،" ބާސާގެ ނޫސް ބަޔާނުގައިވެ އެވެ.