ފުލުހުން އަދާ ކުރާ ގާނޫނީ ވާޖިބަށް ޝުކުރުވެރިވުމުގެ ބަދަލުގައި ސިޔާސީ ބޭނުމުގައި ވަކިވަކި ފުލުހުންނަށް އަމާޒުކޮށް ދަނީ ނޭއްގާނީ އަމަލު ހިންގަމުން ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.
ސީޕީ އަރީފް މިރޭ ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ރައްކާތެރި ކުރުމަށް ފުލުހުން އަދާކުރާ ގާނޫނީ ވާޖިބަށް ޝުކުރުވެރިވުމުގެ ބަދަލުގައި ސިޔާސީ ބޭނުމުގައި ވަކިވަކި ފުލުހުންނަށް އަމާޒުކޮށް ދަނީ ނޭއްގާނީ އަމަލު ހިންގަމުން ކަމަށެވެ. އަދި ފާއިތުވި ހަފްތާގައި މާލެ ތެރެ ހަލަބޮލިވެ ފުރާނައަށް ގެއްލުންވާފަދަ ކަންކަން ހިނގާފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް އަރީފް ވިދާޅުވި އެވެ.
އަރީފް ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ނުރައްކާތެރި ހިދުމަތެއް ކަމަށާއި އެ ހިދުމަތަކީ އެތަކެއް ރައްޔިތުންނަށް ރައްކާތެރިކަން ދެވޭ ހިދުމަތެއް ކަމަށެވެ. އަދި ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާން ދައްކުވައިދިނީ ކޮންމެ ފުލުހެއްގެ އަޒުމާއި ހިތްވަރު ކަމަށާއި ގައުމުގެ ސަލާމަތްކަން އޮތީ ފުލުހުންނަށް އެއްބާރުލުން ދީގެން ކަމަށް އަރީފް ވިދާޅުވި އެވެ.
"ތޫނު އެއްޗަމުން ހަމަލާދީ ރައްޒާން އަށް ދިން ހަމަލާއަކީ ގަސްތުގައި ދިން އަނިޔާވެރި ލާއިންސާނީ ހަމަލާއެއް، ހަތިޔާރުގެ ކުރިމައްޗަށް ރޭގަނޑު ދަންވަރު ފުންމާލައި ރައްޒާން ތިޔަ ދެއްކި ސާބިތު ކަމަށް ސާބަސްދެން، ފަހުރުވެރިވަން،" އަރީފް ވިދާޅުވި އެވެ. "ފުލުހުންނަށް ގަސްތުގައި ހަމަލާދިނުމަކީ ތާރީހެއް އޮތް ކަމެއް، ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ ފުލުހުންނަށް ގޮވައިލަން ފެށުމުން މީގެ ކުރިން ވެސް މިކަހަލަ އެތައް ހިތާމަވެރި ހާދިސާއެއް ހިނގާފައި އެބަހުރި،"
މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލީ، މާލެއިން ލޯންޗެއްގައި މާފުއްޓަށް ދިޔަ ބަޔަކު ޖަލަށް ތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވަން ހިންގި އޮޕަރޭޝަންގެ ތެރޭގަ އެވެ. އެ މައްސަލައިގައި އޭނާގެ ގަޔަށް ވަޅި ޖެހި، ހ. ކުއްޅަވައްމާގެ އުމުރުން 31 އަހަރުގެ އަޒުހަރު އިބްރާހީމްގެ އިތުރަށް 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް އަދި 18 އަހަރު ނުފުރޭ ކުޑަކުއްޖެއް ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ކުޑަކުއްޖާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅައި ވަނީ ދޫކޮށްލާފައިފަ އެވެ. އަޒުހަރު ވަޅި ޖެހީ ރައްޒާންގެ މެޔާއި ކައިރިއަށެވެ. އަދި އެކަމުގެ ސަބަބުން އައިޖީއެމްއެޗްގައި ރައްޒާންގެ ސާޖަރީއެއް ހަދައި އަދިވެސް އަންނަނީ ފަރުވާދެމުން އެވެ.