ވާހަކަ

މުޅިޖާންހިތާ

(3 އޯގަސްޓު 2017 އާ ގުޅޭ) --- "ދެން ހިނގާ ދާން... ލައްކަ ވާހަކަ އަހަންނަށް ދެއްކިއްޖެ. ގޮތެއް ނިންމާނީ ރޫބީ" ރުބީނާ އަނގައިން ނުބުނާނޭހެން ހީވުމުން އެންމެފަހުން ސަލްމާ ބުންޏެވެ. ވެއިޓަރު ބިލު ގެނައުމުން އެއަށް ފައިސާ ދައްކާފައި ރެސްޓޯރެންޓުން ސަލްމާ ނުކުތެވެ. އޭނާގެ ކާރުގައި ރުބީނާ ގޮވައިގެން އައިސް ހުޅުމާލޭ ގިމަތައަށް ބޭލުމަށްފަހު ސަލްމާ ދިޔައީއެވެ.
* * * *

ހަވީރުގެ ވަގުތެވެ. އައިރާއާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް އޭނާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރުތައް ޔާނާއަށް ފެންނަމުންދިޔައެވެ. ހިތާއި ސިކުނޑީގައި ވަރަށް ގިނަ ޚިޔާލުތައް އެނބުރެމުންދާހެން ޔާނާއަށް ހީވަނީ ދޭތެރެއަކުން އައިރާ ދެތުންފަތް ފިއްތާލުމާއެކު އެ ދެ ލޯ މަރާލާތީއެވެ. އައިރާގެ ދަރިފުޅު އުރާލައިގެން ހައިކަލް އިން އިރު އޭނާގެ ގާތުގައި ޔާނާގެ ދަރިފުޅު މިންޙާ އިނެވެ. ދެބަފައިން ޝައުގުވެރިކަމާއެކު ތުއްތު ކުއްޖާއަށް ބަލަމުން ދިޔައެވެ. މިންޙާގެ ސުވާލުތައް ހުސްނުވެއެވެ. އެމީހުންގެ ގާތުގައި އިނދެފައި ޔާނާ އައިސް އައިރާގެ ގާތުގައި އިށީނެވެ.

"ކަމަކާ އައިރާ ވިސްނާހެން ހީވޭ... މިހާރު ދެން ކުދި ކުދި ކޫސަނި ކަންކަމާ ނުވިސްނައްޗޭ" ޔާނާ މިހެން ބުނުމުން އައިރާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލާ ބޯޖަހާލިއެވެ. ނަމަވެސް ކުއްލިއަކަށް ޔާނާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ދޮރާ ދިމާއަށް އައިރާ ބަލާލި ގޮތެވެ. އެހިނދު ޔާނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

"އައިރާ ތި އިންތިޒާރުކުރާ މީހާ ދެން ގިނަ އިރެއްނުވެ އަތުވެދާނެ... ޒޭން އެ ދިޔައީ އޭނާ ބަލާ" ހިނިތުންވެލައިގެން އިނދެ ސިއްރުން ޔާނާ ބުނެލިއެވެ. އައިރާއަށް ހީވީ އޭނާ ސިއްރު ކުރަމުން އައިކަމެއް ބޭޒާރުވީހެނެވެ. ރަކިވުމާއެކު ޔާނާއާ ހަތަރުކަޅި ހަމަކޮށްލާކަށް ނުކެރުނެވެ.

"ލޫކްއަކީ ވަރަށް ތަފާތު މީހެއް... އައިރާއަށް އެނގޭ ދޯ އޭނާ އައިރާ ދެކެ ލޯބިވާކަން. އަހަންނަށް ޔަގީން މިހާރު ނޭނގިއެއް ނޯންނާނޭކަން. ނަސީބު އައިސް އަތުގައި ހިފީމާ ދެން އެވީ އެކަމާ ތިމާ ވެސް ރުހި ޤަބޫލުވާން. މިއަދު އައިރާ ވިއްސުމުގައި ލޫކް ގާތް ނުވިނަމަވެސް އޭނާ އައީ ހުރިހާ ކަމެއް ބަލަމުން. މިއަދު އޭނާއަށް އައިރާއާ ގާތްވުމަށް ހުރަސް އެޅީ އޭނާ އައިރާދެކެ ވާ ލޯބި..." ޔާނާ މަޑުމަޑުން އިނދެ ވާހަކަދެއްކިއެވެ. އަދި ޒޭންގެ ފުށުން އެނގިފައިވާ ވާހަކަތައް އައިރާއާ އޭނާ ޙިއްޞާކުރިއެވެ. އެވާހަކަތައް އަޑު އަހަމުން ދިޔައިރު އައިރާގެ ހިތާއި ޟަމީރަށް ބަޔާންކުރާން ދަތި އުފާވެރިކަމެއް އިހުސާސް ކުރެވެމުންދިޔައެވެ. މޭގައި މަޑު ރިހުމެއް އުފެދިފައިވެއެވެ. ލޫކަންއަށް ޓަކައި އައިރާގެ ހިތުގައި ވެސް ޚާއްޞަ ގަދަރެއްވެއެވެ. އެހެން ފިރިހެނުންނާއި ލޫކަން ތަފާތުކަން އެއީ ކުރީން ވެސް އައިރާއަށް ފާހަގަވެފައި އޮތް ކަމެކެވެ. ލޫކަންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި ލޯތްބާއި މަދުން ނަމަވެސް ފެންނަ ހަރުކަށިކަމަށް އައިރާގެ ނިންމުންތައް ދީލައިލާފިކަން ޚުދު އައިރާއަށް ވެސް އެނގެއެވެ. އެއީ ހަމައެކަނި ލޫކަންއަށް ކުރާ އިތުބާރަކުން ނޫންކަން އަމިއްލަ ހިތާއި ޟަމީރު ވެސް އެއްބަސްވެއެވެ. ނިޔާނު ވަކިވެ ދިއުމާއެކު އައިރާގެ ހަޔާތަށް ވެރިވި އެކަނިވެރިކަން ފިލާ ހިނގައްޖެއެވެ. އަރާމުން މަހުރޫމުވެފައިވަނިކޮށް ނަފްސަށް ހިތްހަމެޖުން ލިބިފައިވާ ކަހަލައެވެ. ނިޔާނުގެ ހަނދާންތަކުގައި ބަނދެވި ހައްޔަރުވެފައި އިން ކަމުގެ އިހުސާސް މިއަދު ކުޑަވެއްޖެއެވެ. އެކަމުގެ ސަބަބުން އައިރާއަށް ކުރެވެނީ ކުށްވެރި އިހުސާސެކެވެ. އަމިއްލަ ހިތުގެ އިހުސާސްތަކާއި އެ ހިތުގެ ގޮވުންތަކާ މެދު އައިރާ ބިރުގެންފައި ވެއެވެ.

"އޭތް! މިހާރު ކޮންކަމަކަށް ގެއްލިފައި ތި އޮތީ" ހިމޭންކަމާއެކު އެއް ދިމާއަކަށް ނަޒަރު ހުއްޓާލި ގޮތަށް އައިރާ އޮންނާން ފެށުމުން އޭނާގެ ކޮނޑުގައި ޔާނާ ކޮއްޓާލިއެވެ. ދެން ވެސް އައިރާ ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

"ޑެޑީ..." އައިރާ އޮތް ކޮޓަރީގެ ދޮރުހުޅުވާލާފައި ވަން ޒޭންއަށް މިންޙާ ގޮވާލިއެވެ. އެހިނދު އެ ކޮޓަރީގައި ތިބި އެންމެންގެ ސަމާލުކަން އެ ދިމާއަށް ހުއްޓުނެވެ.

ހައިރާންކަން ވެރިވެގެންދިޔުމާއެކު އިން ތަނުން ހައިކަލްއަށް ތެދުވެވުނެވެ. ޒޭންގެ ފަހަތުން ހިނިތުންވެލައިގެން ހުރެ ވަދެގެން އައި ލޫކަން ފެނިފައެވެ. އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ބޮޑު ފިނިފެންމަލުގެ ގުލްދަސްތާ ހައިކަލްގެ ލޮލުން ކަސިޔާރުވެގެން ނުދެއެވެ. އޭނާގެ ނަފްސަށް އެފަދަ ބޮޑު ބަދަލެއް ކުއްލިއަކަށް ގެނުވި އެއްޗަކީ އެ ރަތްފިނިފެންމާ ބޮނޑިއެވެ. ކުއްލިއަކަށް އެތައް އަހަރެއް ފަހަތަށް އޭނާއަށް ދެވުނު ކަހަލައެވެ. ސިކުނޑީގައި ބިންވަޅުނެގިފައިވި ހަނދާންތަކުގެ ތެރޭގައި މީހާއަށް އުޅެވުނު ކަހަލައެވެ.

ޔާނާގެ އެހީގައި ކުޑަކޮށް އައިރާ ތެދުވެލިއެވެ. އެހިނދު އޭނާގެ ބުރުގާ ޔާނާ ރަނގަޅުކޮށްލަ ދިނެވެ. އެތަނުގައި ތިބި އެންމެނަށް ވެސް އެވަގުތު އައިރާއާއި ލޫކަންގެ ހަތަރުކަޅި ބައްދަލުވުމާއެކު އެ ދެ މީހުންނަށް އެވީ ގޮތް ފެނުނެވެ. ލޫކަން ވާހަކަދެއްކުމުން އައިރާގެ މޫނުގައިވި ބޭޤަރާރުކަން ފިލާ ހިނގައްޖެއެވެ.

"އަހަންނަކަށް ނޭނގޭ އައިރާއަށް އެންމެ ރީތީ ކޮންކަހަލަ މަލެއްކަމެއް. އެކަމަކު ޒޭންމެން ގޭގައި ހުރި އޯކިޑު މާތައް ކައިރީ އައިރާ ހުންނަތަން ފެނޭ. އެހެންވެ ފުރަތަމަ އުޅުނީ އޯކިޑުމަލުން މާބޮނޑި ތައްޔާރުކުރާން. ނަމަވެސް އެ މަލުން އައިރާގެ މޫނުމަތީން އުފާވެރިކަމެއްނުފެނޭ... އެހެންވެ ހިތަށް އެރީ އަހަންނަށް ކަމުދާ މަލެކޭ ގެންގޮސްދޭނީ... ރަނގަޅުތަ؟" ވާހަކަދައްކަމުން ދިޔަ ލޫކަން އޭނާގެ ވާހަކައަށް އިތުރުކޮށްލިއެވެ. އެއްފަރާތުގައި ބަހައްޓާލެވިފައިވާ ފިނިފެންމާ ބޮނޑިއަށް އައިރާ އަލުން ބަލާލިއެވެ. އަދި ލޫކަންއަށް ބަލާލާފައި ބޯޖަހާލީ އެ މާބޮޑު އޭނާއަށް ކަމުގޮސްފިކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ލޫކަން އެ ހީވީ ހަމަ ރަނގަޅަށެވެ. އޯކިޑުމަލުން ހިތަށް މޮޅިވެރިކަން ވެރިވެގެން ދެއެވެ. އެހެންނަމަވެސް ރަތްފިނިފެންމާ ފެނުމުން އައިރާގެ ހިތުގައި ބަޔާންކުރާން ދަތި ޖޯޝެއް އުފެދެއެވެ. ހިތުގެ ހިނގުން އަވަސްވެއެވެ. ޖެހިލުންވާގޮތް ވެއެވެ. އެއީ ލޫކަން ފެނުމުން ވެސް އޭނާއަށް ކުރެވޭ އިހުސާސެވެ.

އައިރާއާއި ލޫކަންއަށް ބަލަން ހުރި ހައިކަލް އޭނާގެ އަތުގެ ތެރޭ ނިދިފައި އޮތް ތުއްތުކުއްޖާއަށް ބަލާލިއެވެ. އަލުން އޭނާގެ ނަޒަރު އެ ދެ ޒުވާނުންނާ ދިމާއަށް ހުއްޓާލިއެވެ. ނަމަވެސް މިފަހަރު އޭނާ ބަލާލީ ލޫކަންއަށެވެ. ތުންފަތާ ކުޅެލި ލުއި ހިނިތުންވުމާއެކު ކުރިއަށް ހިނގައިގަތެވެ.

"ލޫކް!... އެންމެން ބޭބީ އުރައިފި... މިހާރު މީ ލޫކްގެ ފަހަރު" ތަފާތު މާނައަކާއެކު ހައިކަލް ބުންޏެވެ. އެއާއެކު ލޫކަން ހީނލިއެވެ. އަދި ނިކަން ފަރިތަކަމާއެކު ހައިކަލް ދިއްކޮށްލި ތުއްތުކުއްޖާ ލޫކަންގެ އަތުގެ ތެރެއަށްލާ ހިފަހައްޓާލިއެވެ. އިރުކޮޅަކު އަތުގައި އޮތް ކުޑަކުއްޖާއަށް ލޫކަން ނަޒަރު ހުއްޓާލައިގެން ހުރިތަން ފެނި އަނެއްކާ ވެސް ހައިކަލް ވާހަކަދެއްކިއެވެ. ބަހަނާއެއް ދައްކާލުމާއެކު އެ ކޮޓަރީގައި ތިބި ޒޭންއާއި ޔާނާގެ ގާތުގައި ހައިކަލްއާއެކު އައުމަށް ބުންޏެވެ. ބައްޕަގެ އެ އިޝާރާތް ޒޭންއާއި ޔާނާއަށް ނަގައިގަނެވުނެވެ.

ކޮޓަރީގައި އައިރާއާއި ލޫކަން އެކަނިވުމާއެކު އައިރާގެ އެނދު ކައިރީ ހުރި ގޮނޑީގައި ލޫކަން އިށީނެވެ. އަދި އަތުތެރޭ އޮތް ކުއްޖާގެ ނިތްކުރީގައި ބޮސްދިނުމާއެކު ގަޔާ ކައިރިކޮށްލިއެވެ.

"އަހަންނާ ވައްތަރީ" ލޫކަން ކުއްލިއަކަށް ބުނެލި އެއްޗަކުން އައިރާ ހައިރާންވެފައި ބަލާލިއެވެ. ދެން ފެނުނީ އޭނާ ހީނގަންތަނެވެ. އެއާއެކު ލޫކަން ސަމާސާއެއްކޮށްލީކަން އައިރާއަށް އެނގުނެވެ. އޭނާއަށް ވެސް ހީނލެވުނެވެ. އަދި ލޫކަންގެ އަތުގައި އޮތް ދަރިފުޅަށް ބަލާލާފައި ލޫކަންއަށް ބަލާލިއެވެ. ބައްޕައެއްގެ ފާޑުވެރިކަން ލޫކަންގެ އެބަހުއްޓެވެ.

"މީ ޔަގީނުން ވެސް އައިރާގެ ލޮލާއި ނޭފަތް. އައިރާ ގޮތަށް އެސްފިޔަތައް ދިގުކަން ބަލާބަލަ... އައިރާގެ އިންނަ ކުޑަކުޑަ ނޭފަތް މިއޮތީ ލިބިފައި" ލޫކަން ބުންޏެވެ. އަދި އިރުކޮޅަކު އެހެން އިނދެފައި ތެދުވެގެން ގޮސް ކުޑައެނދުގައި އައިރާގެ ދަރިފުޅު ބޭއްވިއެވެ.

"އައިރާގެ ހުރިހާ ކަމެއް ރަނގަޅުކަމަށް ޒޭން ބުނީ. ވަރަށް އަވަހަށް ގެއަށް ބަދަލުކުރާނެ..." ލޫކަން އެނބުރި އައިސް އައިރާގެ އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެ ވާހަކަ ދެއްކިއެވެ. އައިރާ ބޯޖަހާލުން ފިޔަވައި އިތުރު އެއްޗެއް ނުބުންޏެވެ. ލޫކަން ވެސް ހިމޭންވިއެވެ. އެހެން އިނދެފައި އޭނާ އެނދުގެ އަރިމަތީ އައިރާ ޖައްސާލައިގެން އިން އަތްތިލައިގައި ހިފާލިއެވެ. މަޑުމަޑުން ފިރުމާލުމާއެކު އެ އަތްތިލައިގައި ހިފާ އޭނާ ބާރުކޮށްލިއެވެ. ހީވީ ދުލުން ހާމަކުރާން އުނދަގޫވި އެތައް އިހުސާސެއް އެންމެ ހަރަކާތަކުން ހާމަކޮށްލި ހެނެވެ. އައިރާއަށް ލޫކަންގެ ދެ ލޮލުގެ ތެރެއަށް ގެއްލިފައި އިނދެވުނީއެވެ.

* * * *

ޚިޔާލުތަކުގެ ތެރެއަށް ގެނބެމުންދިޔަ ރުބީނާ ސިއްސުވާލީ އޭނާގެ ފޯނެވެ. ހާމަފެންޑާގެ ރެއިލިންގެ ކައިރީ ހުރެފައި ރުބީނާ އަވަސްވެލީ ފޯނު ނެގުމަށެވެ. އެތަނުގައި ހުރި މޭޒުގެ ދޮށަށް އައިސް ހުއްޓިލުމާއެކު މޭޒުމަތީ އޮތް ފޯނު ނެގިއެވެ.

"އަދިވެސް ބޯގޮވާފަތަ؟" ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ ހިދާއެވެ.

"ބޯގޮވާނެތާ..." ރުބީނާ މޭޒު ދޮށުގައި ހުރި ގޮނޑީގައި އިށީނެވެ. އަދި އޭނާ އެތަނަށް ގެނައި ކޮޕީޖޯޑުގައި އަތްޖައްސާލި އިރު އެ ހުރީ ފިނިވެފައެވެ. އެހެންވެ އެއްފަރާތްކޮށްލަމުން ހިދާއާ ވާހަކަދެއްކުމައިގެން ކުރިއަށް ދިޔައެވެ.

"މަށަށް ކުރީން ވެސް ހީވިއޭ ކަމެއް ފަނިވިއްޔާ ވާނީ އެ ސަލްމާގެ ސަބަބުންނޭ. އާން! އެހެންޏާ... އަހަރުމެން ކަމެއް ރާވާ އިރަށް އެންމެ ފުރަތަމަ ވެސް އޭނާ ދައްކާނީ އެކަމެއް ކާމިޔާބުނުވާނޭ ކޮޅުތައް. ރޫބީ! އަޅާލާނެކަމެއްނެތް... އެ އައިރާއަކު ވެސް ހާދަހާ މަތީގައޭ ދޯ އެ އުޅެނީ. އަހަރެން ކުއްޖަކު ގާތުގައި ބުނެގެން މިއުޅެނީ އޭނާ މާލޭގެ މަގެގެއް މަތީން ފެނިއްޖެއްޔާ މަށަށް އަންގާލަން. ލޫކަންއާ ދިމާއަށް ނިކަން ރަނގަޅު އެއްޗެކޭ ބުނެލަބަލަ" ރުބީނާއަށް ހިތްވަރުދޭ ފަދައިން ހިދާ ވާހަކަދެއްކިއެވެ.
"އައިރާ މިގެއިން ދިޔަ ދުވަހުން ފެށިގެން އެ ލޫކަން ވެސް މިގޭތެރެއަކުން ނުފެނޭ. ޤައިސްއަށް އޭނާ ހުރި ތަނެއް އެނގޭ. އެކަމަކު އޭނާ ވެސް މިހާރު ހުންނަނީ ފާޑަކަށް. އަހަރެން ލޫކަން އުޅޭތަނެއް އަހާލިޔަސް ބުނަނީ އެއީ ކޮންބައެއްކަން ބުންޏަސް ރޫބީއަކަށް ނޭނގެނެއޯ. ލޫކަން ހުރީ ރަނގަޅުބައެއްގެ ގާތުގައިކަމަށް... އަހަންނަށް އެނގޭ އެއީ އޭނާ ނުބުނާންވެގެންކަން އެ ގޮތަށް އެ ވާހަކަދައްކަނީ. އެހެންވީމަ މާގިނައެއްކޮށް އަހާކަށް ވެސް ނުކެރޭނެއެއްނު. އަހަންނަށް އެނގޭ އައިރާ މިހާރު ވިހާފާނެކަން. ރުޅި އައިސްގެން ގޮސް މީހާ ފަޅައިގެން ދިޔަސް ކުރެވޭންއޮތީ ކޮންކަމެއް"

"މަށަށް ފެންނަނީ ލޫކަން ހޮސްޕިޓަލުގައި އުޅޭ ގަޑީގައި އޭނާއާ ބައްދަލުކުރާން. ނޫނީ އޭނާ ދާތަނެއް އަހަރުމެންނަށް ބެލިދާނެއެއްނު. އަހަންނަށް ވެސް ބޮޑަށް ހީވަނީ އޭނާހެން އައިރާ ގެންގޮސްގެން އެ އުޅެނީ" ހިދާ ބުންޏެވެ. އޭނާގެ ޚިޔާލުން ގޮތް ހުސްވެފައި އިން ރުބީނާއަށް ކުރިއަށްދާނޭ މަގެއް ކޮށިގެން ދިޔައެވެ. ހިނިތުންވުމަކާއެކު ހިދާއަށް ޝުކުރުއަދާކުރިއެވެ. އަދި ދެ މީހުން ބައްދަލުވާނޭ ދުވަހެއް ކަނޑައެޅިއެވެ. ލޫކަންއާ ހޮސްޕިޓަލުން ބައްދަލުނުވެއްޖެނަމަ އޭނާއަށް ފާރަލާން ދެ މީހުން ރޭވިއެވެ.

"ދެން މަގޭ އަތުގައި އައިރާ ނިކަން ޖެހިބަލަ... މިހާރު ދަރި ވެސް އޮންނާނެ. އަހަރެން ބޭނުންގޮތަށް ހުރިހާ ކަމެއް ނިންމާލެވޭނެ.. ލޫކަން ބަލަބަލާ ހުންނާން ޖެހޭނީ" ފޯނު ބާއްވާފައި ރުބީނާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އެވަގުތު ސިޑިން އަރައިގެން އައިސް ހާމަފެންޑާއަށް ނުކުތް މައުރީނަށް ހަމައެކަނި ސަމާލުކަމެއް ދެވުނީ ރުބީނާގެ ދުލުން ލޫކަންގެ ނަން ކިޔާލުމުންނެވެ.

"މަންމާ... ލޫކް ކިހިނެއްވީ؟ އޭނާ މިހާރު ގޭގައި ނޫޅެނީތަ؟ އަނެއްކާ ފުރީތަ؟" މައުރީނުގެ ވާހަކަތަކާއެކު ރުބީނާ މޫނަށް ވައްތަރެއް ޖައްސާލިއެވެ.

"ކީއްކުރަން އޭނާ ވީތަނެއް މައު ބަލަނީ" ރުންކުރު ގޮތަކަށް ރުބީނާ އަހާލިއެވެ.

"ދެން ހަމަ އަހާލެވިދާނެއެއްނު. މިގޭގައި އުޅޭ މީހަކު މިހާރު ނުފެންނަންޏާ... މަންމާ! ކީއްވެތަ މިހާރު އަބަދު މޫޑީވެފައި ތި ހުންނަނީ" މައުރީން އައިސް ރުބީނާ އިން މޭޒުދޮށުގައި އިށީނެވެ.

"ކަމެއްނުވޭ... ކަމަކުތަ ތި އައީ؟" މައުރީނަށް އެއްވެސް އިރަކު ރުބީނާގެ ރޭވުންތަކެއް ނޭނގެއެވެ. އޭނާއަށް އެނގޭހާ ވެސް ކަމަކީ އައިރާ ދެކެ ރުބީނާ ރުޅި އަންނަކަމެވެ. އޭނާ ވެސް އައިރާއާ ގުޅުން ދަމަހައްޓަން މަސައްކަތް ނުކުރީ ރުބީނާގެ ސަބަބުންނެވެ. އަނެއްކޮޅުން ޤައިސްއާއި ރުބީނާ ކައިވެނިކުރުމުން މައުރީނަށް ފަހިވެގެންދިޔަ މުއްސަނދި އަރާމު ދިރިއުޅުން ވެސް އެ ދެމެދުގެ ރާސްތާ އިތުރަށް ދިގުވެ އައިރާއަކީ މުހިންމު މީހެއް ނޫންކަމުގައި މައުރީނަށް ވިސްނުނީއެވެ. ޚާއްޞަކޮށް ނިޔާނު ނެތްއިރު މިހާރު އައިރާއަކީ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ދުރުހިލޭ މީހަކަށްވީއެވެ.

"މައުގެ ރައްޓެހިންނާއެކު ޝޮޕިންއަކަށް ދާންވެގެން... މިރޭ..."

"އެކަނި ތަންތަނަށް ދާނެކަމެއްނެތޭ ނުބުނާންތަ؟" ރުބީނާ ނުރުހުން ފާޅުކުރިއެވެ.

"ޕްލީޒް މަންމާ... އެކަންޏެއް ނޫނޭ ދަނީ. ސޯމޫ ކާރުގައި މައު ގެންގޮސް ލޯންޗު ކައިރިއަށް ލައިދޭނެ. މާލެ އަރާއިރު ޓާމިނަލްގަ މައުގެ ރައްޓެހިކުދީން ތިބޭނެ. ޕްލީޒް މަންމާ... ދެން މަންމަ މޫޑީވީމަ މައު ބުނާ ކަންތައް ވެސް ނުކޮށްދެނީތަ؟ ބޭބެ ގާތުގައި ބުނެފިއްޔާ ވަގުތުން ކޮށްދޭނެ" މައުރީނު ވެސް ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

"ހޫން! ހޫން! ދެން އެންމެ ރަނގަޅޭ... މިރޭ ދާންވީމަ އާދޭ. އޭރުން ރުފިޔާ ދޭނަން... އެކަމަކު ބުނާން... އެގާރަގަޑި ބައިވާއިރު ހުންނާން ޖެހޭނީ މިގޭ ހަތަރުފާރުގެ އެތެރޭގައި" ޤައިސްގެ ގާތުގައި މައުރީނު ކަމަކު އެދިފާނޭތީވެ ރުބީނާ އަވަހަށް ބުނެލިއެވެ. މިވަގުތު ޤައިސްގެ ގާތުގައި މައުރީނު ކަންތަކު ކިޔުން ރަނގަޅު ނުވާނޭ ރުބީނާގެ ހިތަށް އެރީއެވެ. ދެން ވެސް އެތަނުން މައުރީނު ތެދުވެގެން ދާކަށް ގަސްދެއް ނުކުރިއެވެ. ކޮންމެވެސް ބޭކާރު ވާހަކައެއް އޭނާ ފެށީއެވެ.

* * * *

ހަތަރު ދުވަސް ފަހުން އައިރާއާއި ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލިއެވެ. އޭނާ އެނބުރި އައީ ޒޭންގެ ގެއަށެވެ. ދެން ކަންތައް ކުރާންވީ ކިހިނެއްކަމެއް ޚުދު އައިރާއަކަށް ވެސް ނޭނގެއެވެ. އެނބުރި ރަށަށް ދާންވީކަމެއް ނޫނީ ލޫކަންގެ ގާތުން ލަފާއަކަށް އަހާންވީ ކަމެއް ނުނިންމުނެވެ. ޒޭންގެ ޢާއިލާ ދުށީ އޭނާއަކީ އެ ޢާއިލާގެ މެންބަރެއްގެ ގޮތުގައެވެ. އައިރާގެ ދަރިފުޅަށް ޓަކައި ގޭތެރެ ތައްޔާރުކޮށްފައި އޮތް ވަރު ހެއްކަކަށް ފުދެއެވެ. ހައިކަލް ހީވަނީ އޭނާއަށް ދެވަނަ ކާފަ ދަރިއަކު ލިބިގެން އުޅޭ ހެނެވެ. ޔާނާ ހީވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ވިހައިގެން އުޅެނީ ހެނެވެ. އެހީތެރިވުމުގައި ކުޑަކުޑަ ކަމެއް ވެސް ދޫކޮށް ނުލައެވެ. ޒޭންއަކީ އައިރާއަށް ނުލިބުނު ބޭބެއެވެ. އެކަން ވެސް މިއަދު ފުރިހަމަވެއްޖެއެވެ. އެކުވެރި ފުރިހަމަ ޢާއިލާއެއްގެ ތެރޭގައި އެމީހުންގެ އަޅާލުން ފުރިހަމައަށް ލިބެމުންދިޔައިރު އައިރާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލައެވެ. ދެން ހުރީ ލޫކަންއެވެ. ނަމެއް ނުދެވި ވަނީ ހަމައެކަނި އެ ދެމެދުގައި އޮތް ގުޅުމަށެވެ.

ބޮޑުކޮޓަރިތެރޭ އެންމެން މަޝްވަރާ ކުރަމުން ދިޔައީ އައިރާގެ ދަރިފުޅަށް ކިޔާނޭ ނަމަކާ މެދުއެވެ. އެމީހަކަށް އެންމެ ރީތި ފިރިހެން ނަންތައް ނޯޓުކޮށްގެން ތިބެ މާނައާއެކު އެންމެނަށް އޮޅުން ފިލުވައި ދެމުން ދިޔައެވެ.

"އައިޒަން... އެ ނަން ކިހިނެއްވާނެ؟" ކުއްލިއަކަށް ލޫކަން ބުންޏެވެ. އެއާއެކު އެންމެން ބަލާލީ އައިރާއަށެވެ. އައިރާ އިނީ ލޫކަންއަށް ބަލާށެވެ. ނަންތައް އަޑު އަހަމުން ދިޔައިރު އެކަމަށް ލޫކަން ސަމާލުވެފައި އިން ވަރު އައިރާއަށް ކުރީންސުރެ ފާހަގަވިއެވެ. އައިރާ އަނގައިން ނުބުނެ އިންނާން ފެށުމުން ހައިކަލް ވާހަކަދެއްކިއެވެ.

"ބައްޕައަށް ވަރަށް ކަމުދޭ އެ ނަން" އައިރާގެ ހިތުގައިވާ އެއްޗެއް ފާޅުކުރާން އޭނާއަށް ބޭނުންވަނީ ކުޑަކުޑަ ހިތްވަރެއްކަމުގައި ހައިކަލް ދުށްޓެވެ. ވީ ވެސް އެހެންނެވެ. ހިނިތުންވެލި އައިރާ ބޯޖަހާލީ އޭނާއަށް އެ ނަން ކަމުދާ ކަމުގައެވެ. ހަޤީޤަތަކީ ލޫކަންއަށް އެ ނަން ކަމުދިއުން ވެގެން ދިޔައީ އައިރާއަށް ވެސް އެ ނަމަށް ޚާއްޞަކަމެއް ދެވުނު ކަމަކަށެވެ.

ނަން ކިޔުމުގެ ޙަފުލާ ކުލަ ގަދަކޮށް ހައިކަލް ބޭއްވިއެވެ. އޭނާގެ އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ޖާފަތް ދިނެވެ. ގާތް ރަޙުމަތްތެރީން އެކަމުގައި ބައިވެރިކުރިއެވެ. ހައިކަލްގެ ދެވަނަ ދަރިއަކު ނުހުންނައިރު އޭނާ މިހާ ކުލަގަދަކޮށް ފާހަގަ ކުރަމުންދިޔަ ޚަފުލާއާ މެދު އެކުވެރީން ސުވާލު ކުރިއެވެ.

"އެއީ އަހަރެންގެ ވަރަށް ގާތް މީހެއްގެ ދަރިއެއް. މިއަދު އެ ކުއްޖާގެ ޢާއިލާގައި އެކަކު ވެސް ނެތް. އެއީ ޒޭން ފަދައިން މިހާރު އަހަރެންގެ ދަރިއެއް. ދަރީންގެ ފަރާތުން ލިބޭ އުފާތައް ފާހަގަކުރުމުގެ ހައްޤު ބައްޕައަށް ލިބިގެންވާނެއެއްނު... އަހަރެން އަލުން ކާފައަކަށްވީ... ގިނަ ދުވަހެއްނުވެ އިރާދަކުރެއްވިއްޔާ ތިންވަނަ ކާފަ ދަރިފުޅު އުފަންވާނެ" އުފާވެރިކަމުގެ ހީނލުމަކާއެކު ހައިކަލް އޭނާގެ އެކުވެރީންނަށް ފުރިހަމަ ޖަވާބެއް ދިނެވެ. އައިރާގެ ޢާއިލާއާ ގުޅުމެއްނެތް ނަމަވެސް މިއަދު އޭނާ އެވަނީ އައިރާއަށް ދަރިއެއްގެ މަޤާމު ދީފައެވެ. އެ ދަރިފުޅުގެ އުފަލާއި ހިތާމަތައް އުފުލުމަށް ޓަކައި ބައްޕައެއްގެ ޙައިޞިއްޔަތުން އެ ޒިންމާ އަމިއްލައަށް ބޮލުގައި އަޅައިފައެވެ.

އެކަހެރިވެލާން އައިރާއަށް މަޖުބޫރުވީ ކަންފަތަށް ހައިކަލްގެ ރަޙުމަތްތެރީންނަށް ދިން ޖަވާބު އަޑު އިވިފައެވެ. ހިތަށް ކުރި އަސަރާއެކު އަނގަމަތީ އަތްޅާލެވުމާއެކު ހަލުވިކަމާއެކު ބަދިގޭގެ އެންމެ އެތެރެއަށް އައިރާ ދެމިގަތެވެ. އޭރު އޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގެން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ތިރިއަށް ފައިބަން ފަށައިފިއެވެ. މަޑު ގިސްލުމަކާއެކު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވުނީއެވެ. ބައްޕައެއްގެ ލޯތްބަކީ ކޮބައިކަން އައިރާއަކަށް ނޭނގެއެވެ. އެހެންނަމަވެސް ހައިކަލްގެ ބަސްތަކުން މިއަދު އެ އިހުސާސް އައިރާއަށް ކުރެވިއްޖެއެވެ. މިއަދު އޭނާ ހިތުގައި ޖެހިގެން ރޯހެން ހީވި ނަމަވެސް އޭނާއަށް ލިބުނު އުފާވެރިކަމާއި މިންވަރުކުރެއްވި ނިޢުމަތް ތަޙައްމަލު ކުރާނޭ ގޮތެއް ނޭނގުނީއެވެ. (ނުނިމޭ)