ކުޅިވަރު

ބަލިވި ނަމަވެސް އަދިވެސް އެއްވަނައަކީ އަހަރެން: ބޯލްޓް

Aug 6, 2017

ލަންޑަންގައި މިހާރު ކުރިއަށްދާ، އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕްގެ 100 މީޓަރު އިވެންޓް ފައިނަލުގައި، އެމެރިކާގެ ޖަސްޓިން ގެޓްލިން އަތުން ބަލިވި ނަމަވެސް، އަދިވެސް، ދުނިޔޭގެ އެއްވަނަ އަކީ އޭނާ ކަމަށް، ޖަމައިކާގެ އުސެއިން ބޯލްޓް ބުނެފި އެވެ.

ރޭގެ ފައިނަލުގެ ކުރިން، ފައިނަލު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރީ ބޯލްޓަށެވެ. ނަމަވެސް، އޭނާ އަށް ލިބުނީ ތިން ވަނަ އެވެ. ދެ ވަނަ އަށް ދިޔައީ އެމެރިކާގެ ޒުވާން ދުވުންތެރިޔާ ކްރިސްޓިއަން ކޯލްމަން އެވެ. ގެޓްލިން ރޭސް ނިންމީ 9.92 ސިކުންތުން ނެވެ. ކޯލްމަން ރޭސް ނިންމީ 9.94 ސިކުންތުން ނެވެ. ބޯލްޓަށް ރޭސް ނިމުނީ 9.95 ސިކުންތުން ނެވެ. ބޯލްޓަށް ވުރެ، ފަސް އަހަރު ދޮށީ އެތުލީޓަކު، އޭނާއާ ވާދަ ކޮށް އެއް ވަނަ ހޯދުމުން، ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ.

"އަހަރެން ވާނީ ސާބިތު ކޮށްދީފަ އަހަންނަކީ ދުނިޔޭގެ އެންމެ މޮޅު އެއް އެތުލީޓުކަން،" ރޭގެ ފައިނަލުގެ ނާކާމިޔާބަށް ފަހު ބޯލްޓް ބުންޏެވެ. "އަހަންނަކަށް ހީއެއް ނުވޭ މިކަމަކުން [ބަލިވިޔަސް] އެއްވެސް ކަމެއް ބަދަލު ވާނެ ހެނެއް، އަހަރެން ވަނީ އެތުލީޓެއްގެ ހައިސިއްޔަތުން، އަހަރެންގެ މަސައްކަތް ފުރިހަމަ ކޮށްފައި. ފަހަތަށް ވެއްޓުމާއި ކުރިއަށް ދިއުމަކީ ކުޅިވަރުގައި ކުރިއެރުން ލިބެމުން އަންނަ ކަމުގެ ހެއްކެއް. އަހަރެން މާޔޫސްވާން ޖެހޭ ކަމެއް ނެތް އަހަރެން ވަނީ އަހަރެންގެ މަސައްކަތް އަހަންނަށްވީ އެންމެ ރަނގަޅަކަށް ފުރިހަމަ ކޮށްފައި. ސަޕޯޓަރުން އަހަންނަށް ދިން ސަޕޯޓަކީ ދެރަ ވާން ޖެހޭ ވަރު ކަމެއް ނެތްކަން އިހްސާސް ކުރެވުނު ކަމެއް. އެމީހުން ވަނީ ފެށުނީން ސުރެ ނިމެންދެން އަހަންނަށް ސަޕޯޓް ދިފަ."

ބޯލްޓް އެހެން ބުނި ނަމަވެސް، ލަންޑަން ސްޓޭޑިއަމް އަށް އައިސްތިބި 56000 ސަޕޯޓަރުންގެ ފަރާތުން ފެނުނީ، ބޯލްޓް ބަލިވުމުން މާޔޫސްވެފައި ތިނބި ތަނެވެ. އަދި އޭނާ އަށް ތުބުން ފުމެ، ހިތްހަމަ ނުޖެހޭކަން، ވަރަށް ބޮޑަށް ފާޅު ކުރި އެވެ. ބޯލްޓް ވަނީ ގެޓްލިން، އެއް ވަނަ ހޯދުމުން އޭނާ އަށް މަރުހަބާ ކިޔައި އޭނާގެ ގައިގައި ބައްދާލަފަ އެވެ. "އަހަރެން އޭނާ އަށް މަރުހަބާ ކީން، އަހަރުތަކެއް ވަންދެން އޭނާގެ ވަގުތަށް އޭނާ މަސައްކަތް ކޮށްފި (ރޭ) އޭނާ އަކީ މޮޅު އެތުލީޓް."

ގެޓްލިން ބުނީ، ސެމީ ފައިނަލުގައި އޭނާގެ ހަކަތަ، ފައިނަލަށް ސަލާމަތް ކުރި ކަމަށާއި ސެމީފައިނަލުގައި އޭނާ އެއްކޮށް ވަރުބަލިވި ނަމަ، ފައިނަލުގައި އޭނާ އަށް ކާމިޔަބު ނުހޯދުނިސް ކަމަށެވެ. 2004 ވަނަ އަހަރު އޮލިމްޕިކް ގޭމްސްގެ 100 މީޓަރުގެ ރަން މެޑަލް ހޯދި، އެތުލީޓް ވަނީ، ރޭ އޭނާ އާ ވާދަ ކޮށް ބަލިވި ބޯލްޓަށް ތައުރީފު ކޮށްފަ އެވެ.

ގެޓްލިން ބުނީ، ޓްރެކްގައި ބޯލްޓަކީ، އޭނާގެ ވާދަވެރިޔެއް ނަމަވެސް، ވޯމްއަޕްގައި ދެ އެތުލީތުން އެކަކު އަނެކަކަށް ސަމާސާ ކޮށް މަޖާ ކުރާ ކަމަށެވެ. އަދި ބޯލްޓަށް ސަޕޯޓަރުންގެ ފަރާތުން، ތުބުން ފުމާއި ހިތްހަމަނުޖެހޭކަން ފާޅު ކުރުން ހައްގު ނުވާ ކަމަށެވެ.

"އުސެން [ބޯލްޓް] އަކީ ތަފާތު ކެރެކްޓާއެއް، އޭނާ ވަނީ ބުރަ މަސައްކަތާއި ހިތްވަރާއެކު ވަރަށް ގިނަ ރޭސްތަކުގައި ވާދަ ކޮށްފަ، އޭނާ އަކީ ވަރަށް ހާއްސަ އެތުލީޓެއް، އޭނާ ވެގެންދޭ އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް އަބަދުވެސް އަހަރެން އުންމީދު ކުރަނީ، އޭނާގެ އެންމެ ވާދަވެރި އެތުލީޓަކީ އަހަރެން ކަމުގައި ވާން." ގެޓްލިން ބުންޏެވެ.