ދުނިޔެ

އަންހެނަކު ރަހީނުކޮށް، އޮންލައިންކޮށް ވިއްކަން އުޅެނިކޮށް ސަލާމަތްކޮށްފި

އިޓަލީގެ މިލާންގައި މިދިޔަ ޖުލައިމަހުގެ 11 ވަނަ ދުވަހު ވަގަށް ރަހީނުކޮށްގެން ގެންދިޔަ އަންހެނަކު ވިއްކާލަން އުޅެނިކޮށް ސަލާމަތް ކޮށްފިއެވެ.

އިޓަލީ ފުލުހުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް ނޫހުން ބުނީ ރަހީނުކުރި މީހުން އިނގިރޭސި އަންހެންމީހާ ގެންގޮސްފައި ވަނީ ޑްރަގެއް ދީ އަތްފައި ބަނދެ ދަބަހަކަށް ލައިގެން ކަމަށާއި އޭނާ ވިއްކައި ނުލާނީ ފިދުޔައިގެ ގޮތުގައި 300000 ދިނުމުން ކަަމަށް އަންހެންމީހާގެ އެޖެންޓަށް އެމީހުން އެންގި ކަމަށެވެ. އަންހެންމީހާގެ ވަނަވަރު އިޓަލީ ފުލުހުން ހާމައެއް ނުކުރެއެވެ.

އިޓަލީ ފުލުހުންނަށް އަންހެންމީހާ ސަލާމަތް ކުރެވުނީ އޭނާ ރަހީނުކުރެވުނުތާ ހަދުވަސް ފަހުންނެވެ. އޭނާ މިހާރު ވަނީ މިލާންގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓާ ހަވާލުކޮށްފައެވެ. އޭނާ ސަލާމަތްކުރި ދުވަހު ފުލުހުން ވަނީ ޕޮލެންޑަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާއާ ބެހޭ ތަފުސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. ބުނެފައި ވަނީ އޭނާއަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ މީހެއްކަމަށެވެ.

މޮޑެލެއްގެ ގޮތުގައި މަސައްކަތް ކުރާ އެއަންހެންމީހާ އިޓަލީއަށް ދިޔައީ ފޮޓޯތަކެއް ނަގަންވެގެން، ޖުލައިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ރަހީނު ކުރި މީހުން އޭނާއަށް ހަމަލާދިނީ ފޮޓޯތައް ނަގަން ހަމަޖައްސާފައިވާ އެޕާޓްމަންޓަށް ވަނުމުން ކަމަށް ފުލުހުންނާ ހަވާލާދީ ނިއުޔޯކްޓައިމްސް ނޫހުން ބުންޏެވެ.