ކުޅިވަރު

ކުޅުންތެރިން ގެނަޔަސް ޗެލްސީއާ މެދު ޔަގީނެއް ނޫން

Aug 6, 2017

މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި، ޗެލްސީ އަށް ކުޅުންތެރިން ގެނައި ނަމަވެސް، އެ ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމާމެދު ޔަގީން ކަމެއް ނެތް ކަމަށް، އާސެނަލްގެ ކޯޗް އާސެން ވެންގާ ބުނެފި އެވެ.

އިވްނިންގް ސްޓޭންޑަޑަށް ދިން އިންޓަވިއުގައި، ވެންގާ ބުނީ، ޗެލްސީ އަށް ގެނައި ކުޅުންތެރިންނަކީ، އެ ޓީމުން ދޫކޮށްލި ކުޅުންތެރިންގެ ބަދަލުގައި ގެނައި ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނާއެކު އިތުރު ކުރިއެރުމެއް، އެޓީމަށް އަންނާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.

ވެންގާ ފާހަގަ ކުރީ، ބަކަޔޯކާ އާއި މޮރާޓާގެ ނަމަވެ. އޭނާ ބުނީ އެ ދެކުޅުންތެރިންނަކީ ނެމެންޔާ މަޓިޗް އާއި ޑިއޭގޯ ކޮސްޓާގެ މަގާމު ފޫބައްދަން ގެނައި ކުޅުންތެރިން ކަމަށެވެ.

"ޗެލްސީ ވަރުގަދަ ކަމަށް ކަނޑައަޅަން ވަގުތު ބޭނުންވޭ،" ވެންގާ ބުންޏެވެ. "އެމީހުން ގެނައީ ބަކަޔޯކާ ވަރަށް ވަރުގަދަ ކުޅުންތެރިޔެއް، ބޯޅަ ހޯދަން މޮޅު ކުޅުންތެރިޔެއް، ހަމަ މަޓިޗްއާ އެއްކަހަލަ ކުޅުންތެރިޔެއް، ކޮސްޓާ ބަދަލުގައި އެމީހުން ގެނައީ މޮރާޓާ، މޮރާޓާ އަކީ ފަހަރެއްގައި ކޯސްޓާއަށް ވުރެ މަދުން ގޯލް ޖަހާނެ ކުޅުންތެރިޔެއް، ނަމަވެސް އޭނާވެސް އެކަށީގެންވާ ވަރަށް ގޯލްތަކެއް ޖަހާނެ."

އިންގްލެންޑްގެ ކޮމިޔުނިޓީ ޝީލްޑްގައި ޗެލްސީ އާއި އާސެނަލް މިއަދު ނިކުންނާނެ އެވެ. ވެންގާ ވަނީ ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އަށް ވެސް ތައުރީފް ކޮށްފަ އެވެ. އޭނާ ބުނީ ޗެލްސީން، މިދިޔަ ސީޒަންގައި ލީގް ކާމިޔާބު ކުރީ އުނދަގޫ ފެށުމަކުން ކަމަށާއި އެކަމުގެ ސަބަބުން ކޮންޓޭގެ ތޫނު ފިލިކަން ހާމަ ކޮށްދޭ ކަމަށެވެ. ނަމަވެސް، މި އަހަރު ޔޫރަޕްގެ މުބާރާތެއްގައި ކުޅެ، ޗެލްސީ އަށް ލީގް ކާމިޔާބު ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް، ވެންގާ ބުންޏެވެ.

"އަހަރެން ހީކުރަން ލީގް ޗެމްޕިއަންކަމަށް އަނެއްކާވެސް އެ ޓީމު ވާދަ ކުރާނެ ކަމަށް، ނަމަވެސް މި އަހަރު އެމީހުންނަށް މާގިނަ މުބާރާތްތައް އެބަހުރި، މިދިޔަ ސީޒަންގައި އެމީހުން ޔޫރަޕްގެ މުބާރާތުގައި ނުކުޅޭ، އެމީހުން އަނެއްކާވެސް ނުރައްކާ ވެދާނެ ނަމަވެސް އެމީހުންނަށް މިފަހަރު ގޮންޖެހުންތައް ކުރިމަތި ވާނެ." ވެންގާ ބުންޏެވެ.

އަންނަ ސިޒަންގައި އާސެނަލް ވާދަ ކުރާނީ ޔޫރޮޕާ ލީގްގައެވެ. ވެންގާ ބުނީ، އެއީ ޕްރިމިއާ ލީގާމެދު ވިސްނަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. ވެންގާ ވަނީ، އާސެނަލް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނި، ޗިލީގެ އެލެކްސިސް ސަންޗޭޒްއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ސަންޒޭޒް އާސެނަލްގައި މޯޓިވޭޓް ވާނެ ކަމަށާއި އޭނާ އަކީ، އޭނާގެ ފުޓްބޯޅަ ޕެޝަންގައި އެކަހަލަ ކުޅުންތެރިޔެއް ކަަމަށެވެ.

ޗެލްސީގެ ކޯޗް ކޮންޓޭ ވެސް ވަނީ، ވެންގާ އަށް ތައުރީފު ކޮށްފަ އެވެ. ކޮންޓޭ ބުނީ، އާސެނަލްއިން ވެންގާ އަށް އާ އެއްބަސްވުމެއް ދިނުމަކީ، އެ ޓީމުން ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށާއި، ވެންގާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށެވެ.

"އަހަރެން ބަލައިގަންނަނީ އާސެން ވެންގާ އަކީ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށް،" ވެންގާ ބުންޏެވެ. "އަހަންނަށް ހީވަނީ އާސެނަލްއިން ނިންމީ ރަނގަޅު ނިންމުމެއް ހެން، އޭނާ އަކީ ވަރަށް މޮޅު ކޯޗެއް، ސްކޮޑް ބިނާ ކުރުމަށް އޭނާ ވަރަށް ވަގުތު ހޭދަ ކޮށްފި، އެއީ އެ ޓީމަށް އެންމެ ރަނގަޅު ޗޮއިސް، އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗް އާސެނަލް އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗް، އާސެނަލް އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓިމު."

އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން، ޗެލްސީ އާއި އާސެނަލް ކުޅޭ، ކޮމިޔުނިޓީ ޝީލްޑް މެޗު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 6:00 ގަ އެވެ.