ކުޅިވަރު

ކުރިއަށް މިއޮތީ އެންމެ އުނދަގޫ ސީޒަން: ކޮންޓޭ

Aug 6, 2017

ކުރިއަށް އޮތް ސީޒަނަކީ، އޭނާގެ ކޯޗިން ކެރިއަރުގައި އެންމެ އުނދަގޫ ވާނެ ސީޒަން ކަމަށް ޗެލްސީގެ ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ. ކޮންޓޭ ވަނީ، ޕްރިމިއާ ލީގްގައި އޭނާގެ ފުރަތަމަ ސީޒަންގައި، ޗެލްސީ އަށް ލީގް ހޯދައިދީފަ އެވެ.

ސީޒަން ހުޅުވުމުގެ ގޮތުން، ކުޅޭ ކޮމިޔުނިޓީ ޝީލްޑް މެޗުގައި، ޗެލްސީ، މިއަދު ނިކުންނާނީ، އާސެނަލްއާ ދެކޮޅަށެވެ. މިދިޔަ ސީޒަން، ފެށުމުގެ ކުރިން، ޓްރާންސްފާގެ މާ ގިނަ މުއާމަލަތާތްކެއް ޗެލްސީއަކުން ނުކުރެ އެވެ. ނަމަވެސް، ކޮންޓޭ ވަނީ އޭނާގެ ޕްލޭނަަށް ފައްތަން މި ސީޒަންގައި، އާ ކުޅުންތެރިން ގެނެސްފަ އެވެ.

"ޔަގީން ކުރިއަށް އޮތް ސީޒަންއަކީ އަހަރެންގެ ކޯޗިން ކެރިއަރުގައި އެންމެ އުނދަގޫ ސީޒަން،" މިއަދުގެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ. "ކީއްވެ މި ސީޒަން އަހަންނަށް އުނދަގޫ ވާނީ، ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި، އެ ސަބަބުތައް އޮޅުންފިލުވައި ދޭން ވަރަށް ވަގުތު ނަގާނެ، އެކަމަކު އަހަންނަށް ޔަގީން މި ސީޒަނަކީ އެންމެ އުނދަގޫ ސީޒަން ކަން، މިވަގުތު އަހަރެމެން އަތުގައި އޮތީ ކުޑަ ސްކޮޑެއް ވެސް މެ."

އޭނާ ބުނީ، ޗެލްސީ އަށް އަދިވެސް ކުރިއެރުން ބޭޏުން ވާ ކަމަށާއި ކޮންމެ މީހަކަށްވެސް މިހާރުގެ އޮތް ހާލަތު ފެންނާނެ ކަމަށެވެ. އެއީ ކޮންމެހެން ކޯޗް ވަކިކަމަކަށް ކުޅުންތެރިންގެ ފަރާތުން ޑިމާންޑް ކުރާތީ ނޫން ކަމަށާއި ނަމަވެސް، ކުރިއެރުން ބޭނުންވާކަން ސާފު ކޮށް އެނގޭތީ ކަމަށެވެ.

އޭނާ ބުނީ ކުޅުންތެރިން ތިބީ، އޭނާ ބޭނުންވާ ކަންކަމަށް ސަމާލުކަން ދީގެން ކަމަށާއި އެހެން ކަމަކަށް ކުޅުންތެރިން ނުވިސްނާ ކަމަށެވެ. އިންގްލެންޑްގައި ވަރުގަދަ ޓީމެއްގެ ކޯޗަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު ފަހްރެއް ކަމަށްވެސް ކޮންޓޭ ބުންޏެވެ.