ވިޔަފާރި

ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

Dec 16, 2014
1

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު އެ ކުންފުނިން މިއަދު ހެޔޮ ކޮށްފި އެވެ.

އެ ބަދަލާ އެކު 15.12ރ. ވިއްކަމުން އައި ޕެޓްރޯލް ލީޓަރަކުން، އެއް ރުފިޔާ އަގު ހެޔޮ ކޮށް ދެން ވިއްކާނީ 14.12ރ. އަށެވެ. މިހާރު 14.83ރ. ވިއްކާ ޑީސަލް ލީޓަރަކުން 75 ލާރި އަގުހެޔޮކޮށް ދެން ވިއްކާނީ 14.8ރ. އަށެވެ. 

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ތެލުގެ އަގަށް އެ ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުން އަންނާތީ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން މަސްވެރިންނާއި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވާ ވަރަކަށް ރާއްޖޭގެ މާކެޓްގައި ވެސް އަޅުގަނޑުމެން ތެލުގެ އަގު ހެޔޮ ކުރަމުން ގެންދާނަން،" އާޒިމް ވިދާޅުވި އެވެ.

މިވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައި ވަނީ މިދިޔަ ހަ އަހަރު ދުވަހު ވެސް ތެލުގެ އަގު ދަށަށް ނުދާހާ މިންވަރަކަށެވެ. އެގޮތުން ތެޔޮ ފީފާއެއްގެ އަގު ވަނީ 58.55 ޑޮލަރަށް ދަށަށް ގޮސްފަ އެވެ.