ވިޔަފާރި

ރަސްފަންނު ޕެވިލިއަން ހަދަން ކުރި އެއްބަސްވުން ބާތިލްކޮށްފި

ޕިއްޒާ ހަޓާއި ކޭއެފްސީ ފަދަ ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް ބްރޭންޑުތައް ހިމެނޭ ގޮތަށް ރަސްފަންނުގައި ޕެވިލިއަން ތަރައްގީ ކުރަން މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އިން އަނެއްކާ ވެސް ބީލަމަށް ލައިފި އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން މި ޕެވިލިއަން ބީލަމަށް ލާފައިވެ އެވެ. އަދި މިތަން ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ މާޗު 16 ވަނަ ދުވަހު ބްރަދާސް ކޭޓަރިންއާ ހަވާލުކޮށްފަ އެވެ. އެ އެއްބަސްވުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެތަން ހިންގައި ބަލަހައްޓަން ބޭނުންވަނީ އެ ކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2500 ރުފިޔާ އަށެވެ. އަދި ބީލަން ފޮތް ދޫކުރާނީ މިމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު އެވެ. އަދި ޕްރީބިޑް މީޓިން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި ބިޑަށް ކުރިމަތިލާ މީހުން ބިޑް ސެކިޔުރިޓީގެ ގޮތުގައި ބައިލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހެ އެވެ. އަދި ބިޑް އެވޯޑް ކުރާ ފަރާތަކަށް ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 250000 ރުފިޔާ ބިޑް އެ ފަރާތަކުން ފަސް ދުވަސްތެރޭގައި ހުށަހަޅަން ޖެހެ އެވެ.