ދުނިޔެ

ހިރޯޝިމާއަށް އެޓޮމިކް ބޮން އެޅިތާ 72 އަހަރު

ދުނިޔޭގައި މިހައިތަނަށް އުފެއްދި އެންމެ ނުރައްކާތެރި ހަތިޔާރުކަމަށްވާ އެޓޮމިކް ބޮން ޖަޕާނުގެ ހިރޯޝިމާއަށް އެޅިތާ 72 އަހަރު ފުރުން އެރަށުގެ ރައްޔިތުން ފާހަގަކޮށްފި އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ހިރޯޝިއާއަށް އެޓޮމިކް ބޮން އެޅުމާއި އެކު ވަގުތުން 140000 މީހުން މަރުވިއެވެ. އަދި އޭގެ ތިން ދުވަސް ފަހުން ނަގަސާކީއަށް ހަމަ އެފަދަ ބޮމެއް އެޅިއެވެ. އެބޮން ގޮވުމާއި އެކު 72000 މީހުން ވަގުތުން މަރުވިއެވެ. ދެބޮމުން ބޭރުވި ރޭޑިއޭޝަންގެ ސަބަބުން އޭގެ ފަހުން އެތައް އަހަރެން ވަންދެން އެ ދެރަށުން މީހުން މަރުވިއެވެ. އޭގެ އިތުރުން އުފަން ވާއިރު އައިބު ވުމާއި ކެންސަރާއި އެނޫންވެސް ބޮޑެތި ސިއްހީ އެތައް މައްސަލައެއް އެ ދެހާދިސާގެ ސަބަބުން އަދިވެސް ދަނީ ކުރިމަތިވަމުންނެވެ.

ހިރޯޝިމާއަށް އެޅި ބޮން ގޮވި ސަރަހައްދުގައި ހަދާފައިވާ ޕީސް މެމޯރިއަލްގެ ކައިރީގައި މިއަދު ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެރަށުގެ މޭޔަރު ކަޒޫމީ މަޓްސޫއީ ވަނީ ނިއުކްލިއަ ހަތިޔާރު މަނާކުރާ ބައިނަލް އަގުވާމީ މުއާހަދާގައި ސޮއިކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ޖަޕާނަށް އެޓޮމިކް ބޮން އެޅުމުގެ ސަބަބުން މީހުންނަށް ކުރިމަތިވި ހައްދެއް ނެތް ވޭންތަކުގެ ވާހަކަ އެ މުއާހަދަގައި ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ބޮމުގެ ހަމަލާދިން ގައުމުކަމަށްވާ އެމެރިކާއާއި އެގައުމާ ބައިވެރިވާ އެހެން ގައުމުތަކާއި އެއް ފަޅިއަކަށް އަރައި، ޖަޕާނު ސަރުކާރުން ވަނީ މުއާހަދާގައި ސޮއިކުރުމާ ދެކޮޅުހަދާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެއްވުމުގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދެއްކެވި ނަމަވެސް ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާގެ ވާހަކަ އެއްގޮތަކަށް ވެސް ބަޔާނެއް ނުކުރައްވައެވެ. - ޖަޕާން ޓައިމްސް