ކުޅިވަރު

ޗެލްސީ ބަލިކޮށް، ކޮމިޔުނިޓީ ޝީލްޑް އާސެނަލް ކާމިޔާބުކޮށްފި

މެޗު 1-1 އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްގައި، ޗެލްސީ ރޮށްވާލުމަފަހު، އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު، ކޮމިޔުނިޓީ ޝީލްޑް މެޗު އާސެނަލް ކާމިޔާބު ކޮށްފި އެވެ.

ޕެނަލްޓީގައި، އާސެނަލްއިން މެޗު، ކާމިޔާބު ކުރީ 3-1 ންނެވެ. މިދިޔަ އަހަރު، އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަން ކަމަުގެ ހައިސިއްޔަތުން، ކޮމިޔުނިޓީ ޝީލްޑް މެޗާ ކުރިމަތިލި، ޗެލްސީން ވަނީ، ޓްރާންސްފާގައި، އެ ޓީމަށް ގެނައި، ކުޅުންތެރިންގެ ތެރެއިން ރޫޑިގާ އާއި އަލްވާރޯ މޮރާޓާއަށް އަށް ފުރުސަތު ދީފަ އެވެ.

ފުރަތަމަ ހާފުގައި، އާސެނަލްއިން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. މެޗުގެ ހަތް ވަނަ މިނެޓްގައި، އާސެނަލްގެ އެލެކްސް އިވޯބީ ވަނީ، ޗެލްސީގެ ގޯލް ކުރިމައްޗަށް ބޯޅަ އެއް ދީފަ އެވެ. އެ ބޯޅަ ޖަހަން، ޓްރާންސްފާ ޕީރިއަޑްގައި، ފްރާންސްގެ އޮލިމްޕިކް ލިޔޯން އިން، އާސެނަލްއާ ގުޅުނު، އެލެކްސެންޑާ ލަކެޒެޓް އެރި އެވެ. އިވޯބީ ދިން ބޯޅަ ލަކެޒެޓް ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

މެޗުގެ ލީޑް ނެގީ ޗެލްސީންނެވެ. ދެ ވަނަ ހާފު ފެށި ތަނުން، އެ ޓީމުގެ، ގެރީ ކޭހިލް، ތަނަވަސް ކޮށްދިން ފުރުސަތަކުން، ލަނޑު ކާމިޔާބު ކުރީ ވިކްޓާ މޯސަސް އެވެ. އާސެނެލްގެ ކުޅުންތެރިން، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއު ކުރި ބޯޅަ އެރީ މައްޗަށެވެ. ޕެނަލްޓީ އޭރިއާގެ ރޮނގުމަތީގައި ހުރި ކޭހިލް ބޮލުން އެ ބޯޅަ ފޮނުވާލީ އޭރިއާ ތެރެއަށެވެ. ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުރި މޯސަސް އަށެވެ. އޭނާ، ވަނީ، އެ ބޯޅަ، ދިފާއު ކުރަން އެރި، އާސެނަލްގެ ކީޕަރު ޕީޓާ ޗެކް، އަތުގައިވެސް ޖައްސާ، ނުލައި އެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

އެ ލަނޑާއެކު މެޗުގެ 80 ވަނަ މިނެޓާ ހަމަޔަށް ދިޔައިރުވެސް ޗެލްސީ ލީޑްގައި އޮތުމުން، މެޗުން ޗެލްސީ މޮޅުވެގެން ނިމެނޭ ކަމަށް ހީކުރެވުނެވެ. އެހާ ހިސާބުން، ޗެލްސީ އަށް ދިމާވީ އެހެން މައްސަލައެކެވެ. އެ ޓީމުގެ ޕެޑްރޯ، އާސެނަލްގެ މުހައްމަދު އެލްނެނޭގެ ފަހަތުން، ޓެކްލު ކުރުމުން، ރެފްރީ، ވަނީ ޕެޑްރޯ އަށް ސީދާ ރަތް ކާޑު ދައްކާފަ އެވެ.

ހާފުގެ މެދެއްހާ ހިސާބުން، އާސެނަލްއަށް ލިބުނު ހިލޭ ޖެހުމުގައި، ފްރީ ޓްރާންސްފާ އެއްގައި މިފަހަރު އާސެނަލްއާ ގުޅުނު ސިއެޑް ކޮލަސިނެޗް ވަނީ ޗެލްސީގެ ގޯލް ތެރެއަށް ބޮލުން ފޮނުވާލާފަ އެވެ.

ޕެނަލްޓީ ގައި އާސެނަލްގެ ތިއޯ ވޮލްކޮޓް އާއި ނަޗޯ މޮންރެއާލް އަދި އެލެކްސް އޮކްސްލޭޑް ޖެހި ތިން ޕެނަލްޓީވެސް ކާމިޔާބު ކުރި އެވެ. ޗެލްސީން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބު ކުރެވުނީ ކޭހިލް ޖެހި ޕެނަލްޓީ އެކަންޏެވެ. ކީޕަރު ކޯޓްއާ އާއި މޮރާޓާ ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ. އާސެނަލް ވަނީ، މިދިޔަ ސީޒަންގެ އެފްއޭ ކަޕް ފައިނަލުގައިވެސް ޗެލްސީ ބަލި ކޮށްފަ އެވެ.