ދުނިޔެ

ގާނޫނު އަސާސީ ބަދަލު ނުކޮށްދިނުމުން މޮރިޓޭނިއާގެ ސެނެޓް އުވާލައިފި

ހުޅަނގު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ މޮރިޓޭނިއާގެ ގާނޫނު އަސާސިއަށް ބަދަލު ގެނައުމަށް އެގައުމުގެ ޕާލަމެންޓްގެ މަތިގެ، "ސެނެޓް" އިން ދެކޮޅު ހެދުމުން ފެންނަ ނުފެންނަ ވޯޓެއް ނަގައި ސެނެޓް އުވާލައިފިއެވެ.

މޮރިޓޭނިއާގެ ސެނެޓް އުވާލަން ފެނޭތޯ އަދި އެގައުމުގެ ދިދަޔަށް ބަދަލު ގެންނަން ފެނޭތޯ އިއްޔެ ބޭއްވި ރިފަރެންޑަމްގައި ވޯޓް ލީ މީހުން އެ ދެކަންތަކަށް އާނބަސް ބުނުމަކީ ރައީސް މުޙައްމަދު އޫލްދު އަބުދުލް އަޒީޒަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއެކެވެ.

އިއްޔެގެ ރިފަރެންޑަމްގައި ވޯޓްލާން ނުކުރީ މޮރިޓޭނިއާގައި ވޯޓުލުމުގެ ހައްގު ލިބިފަައިވާ މީހުންގެ ތެރެއިން 53.73 ޕަސެންޓް މީހުންނެވެ. ވޯޓުލީ މީހުންގެ 85 ޕަސެންޓް މީހުން ވަނީ ބަދަލުތަކަށް އާނބަސް ބުނެފައެވެ.

މޮރިޓޭނިއާގައި އިއްޔެ ބޭއްވި ރިފަރެންޑަމް ބޮއިކޮޓް ކުރަން އެގައުމުގެ އިދިކޮޅުފަރާތްތަކުން ކުރިއްސުރެ އައީ ގޮވައިލަމުންނެވެ. އަދި އިއްޔެ ނެގި ވޯޓުގެ ނަތީޖާގެ ސަހައް ކަމާ މެދު އެފަރާތްތަކުން ސުވާލު އުފައްދައެވެ.

ސެނެޓް އުވައިލަން ފެނޭތޯ ނެގި ވޯޓުގެ ކުރިން ރައީސް އަބުދުލް އަޒީރު އެ މުއައްސަސާ ސިފަކުރައްވާފައި ވަނީ އެއީ " ބޭނުމެއް ނެތް، ހަރަދު ބޮޑު ތަނެއް"ގެ ގޮތުގައެވެ. އޭނާ ސެނެޓާ މެދު އެގޮތަށް ވާހަކަފުޅު ދެއްކެވީ އޭނާ ތިންވަނަ ދައުރަކަށް ރައީސްކަމަށް ކުރިމަތި ލެއްވުން ސެނެޓުން މަނާކުރުމުންނެވެ.

މޮރިޓޭނިއާގެ ރައީސް ކަމަށް އަބުދުލް އަޒީޒު ވަޑައިގެންނެވީ 2008 ވަނަ އަހަރު އެގައުމުގައި ކުރި ބަޣާވާތަކުންނެވެ. އެއަށް ފަހު 2009 ވަނަ އަހަރު އޭނާ ރައީސް ކަަމަށް އިންތިހާބުވެ، 2014 ވަނަ އަހަރު ވަނީ ދެވަނަ ދައުރަކަށް ވެސް އިންތިހާބުވެފަައެވެ.

ދީނީ ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަަތްކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން އަބުދުލް އަޒީޒަކީ ހުޅަނގާއި އަވަށްޓެރި އެފްރިކާގެ ގައުމުތަކުގެ ވެރިން ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އިއްޔެގެ ރިފަރެންޑަމް އިން މޮރިޓޭނިއާ ދިދަޔަށް ގެންނަން ފާސްކުރި ބަދަލަކީ އެ ދިދައިގެ ތިރިއާއި މައްޗަށް ރަތްކުލައިގެ ފަށެއް އިތުރުކުރުމެވެ. މޮރިޓޭނިއާ ދިދައިގައި ކުރިން ހުންނަނީ ރީނދޫ ކުލައިގެ ހަނދުފަޅިއަކާއި ތަރިއެކެވެ. އަދި އެ ދިދަ އޮންނަނީ ފެހިކުލައިގައެވެ.