ހަބަރު

ދައުވާ ރައްދު ނުވާ ފަރާތްތަކެއްގެ މައްޗަށް ފައިސާ ދައްކަން ކުރި ހުކުމެއް ބާތިލްކޮށްފި

Apr 16, 2015

ގއ. ނިލަންދޫ ކޯޓަށް ހުށަހެޅި މައްސަލައެއްގައި ދައުވާ ރައްދު ނުވާ ފަރާތްތަކެއްގެ މައްޗަށް ފައިސާތަކެއް ދައްކަން އެ ކޯޓުން ކުރި ހުކުމެއް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ބާތިލްކުރީ ނިލަންދޫ ކައުންސިލްގެ މައްޗަށް އެރަށު މީހަކު ހުށަހެޅި މައްސަލައެއްގައި، އެރަށު ކައުންސިލް މެމްބަރުންގެ ގޮތުގައި ތިބި މީހުންގެ މައްޗަށް 2013 ގައި ކުރި ހުކުމެކެވެ. އެރަށު ކައުންސިލުން ގަވާއިދާ ޚިލާފަށް ތިން މީހަކަށް ފައިސާ ދޫކުރަމުންދާ ކަމަށް ބުނެ އެ ފައިސާ ހޯދަން މައްސަލަ ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައި އެ ފައިސާ ދައްކަން އަންގާފައިވަނީ އެރަށު ފަސް ކައުންސިލަރެއްގެ މައްޗަށެވެ.

އެ ކައުންސިލުން ދޫކުރަމުންދިޔަ އެ ފައިސާއަކީ އެރަށު ރައްޔިތުންގެ އިންޖީނުގެއިން ތިން މީހަކު ގަވާއިދާ ޚިލާފަށް ވަޒީފާއިން ވަކި ކުރުމުން އެ ތިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 148،000 އަށް ވުރެ ގިނަ ރުފިޔާ ދޭން އެ ކައުންސިލްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރު ކުރުމުން ދޫކުރަމުންދިޔަ ފައިސާ އެވެ. ނަމަވެސް އެރަށު އަމިއްލަ މީހަކު ކޯޓަށް އެ މައްސަލަ ހުށަހެޅުމުން 20 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާފައިވަނީ އެރަށު ކައުންސިލަރުންގެ މައްޗަށެވެ.

އެ ފަސް ކައުންސިލަރުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ފައިސާއަކީ އެ ކައުންސިލްގެ މައްޗަށް އައިސްފައިވާ އަމުރަކާ ގުޅިގެން ދޫކުރަމުންދިޔަ ފައިސާއެއް ކަމަށްވާއިރު އެކަމުގެ ޒިންމާ އެ ކައުންސިލަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ސަބަބެއް ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ވެސް ދައުވާލިބޭ ފަރާތެއްގެ އޮތީ އެރަށު ކައުންސިލްގެ އިދާރާ ކަމަށްވާއިރު އެ ފަސް ކައުންސިލަރުންގެ މައްޗަށް ހުކުމްކޮށްފައިވަނީ އުސޫލާއި ޚިލާފަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން މައްސަލައެއްގެ ދައުވާ ރައްދުނުވާ ފަރާތެއްގެ މައްޗަށް ހުކުމް ކުރުމަކީ މައްސަލަތައް ބެލުމުގައި އަމަލުކުރަމުން އުސޫލުތަކާ ކަނޑައެޅިގެން ޚިލާފް ކަމެކެވެ. އެހެންވެ އެ ކޯޓުން އިއްވި އެ ހުކުމް މިއަދު ވަނީ ބާތިލްކޮށްފަ އެވެ.

މީގެކުރިން މައްސަލަ ހުށަހެޅުމެއް ނެތި އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓެއްގައި ވަގުތީ އަމުރަކަށް އެދުމުން ނެރެދީފައިވާ އަމުރެއް ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އެގޮތަށް ވަގުތީ އަމުރު ނުނެރެވޭނެ ކަމަށް ވެސް ހައި ކޯޓުން އޭރު ވަނީ ނިންމައިފަ އެވެ.