ކުޅިވަރު

ނޭމާގެ ފީއިން ބައެއް ހޯދަން ސަންޓޯސްއިން ހުށަހަޅައިފި

Aug 7, 2017

ދުނިޔޭގެ ރެކޯޑް އަގަކަށް، ޕީއެސްޖީ އަށް ބަދަލުވި، ބްރެޒިލްގެ ފޯވަޑް ނޭމާގެ ޓްރާންސްފާ ފީގެ ގޮތުގައި، ޕީއެސްޖީން ބާސެލޯނާ އަށް ދިން، ފައިސާގެ ތެރެއިން ބައެއް ހޯދަން، ނޭމާގެ ފުރަތަމަ ކުލަބު، ބްރެޒިލްގެ ސަންޓޯސްއިން ބާސާ އަށް ހުށަޙަޅައިފި އެވެ.

ބާސާއާ އެކު 2021 ވަނަ އަހަރާ ހަމަޔަށް ކޮންޓްރެކްޓް ހަދާފައި އޮތް ނޭމާ، އެ ކުލަބުން ޕީއެސްޖީއަށް ދޫކޮށްލީ 222 މިލިއަން ޔޫރޯ އަށެވެ. މެއި 2013 ގައި ނޭމާ ވަނީ، ސަންޓޯސް ދޫކޮށް ބާސެލޯނާއަށް ބަދަލު ވެފަ އެވެ. އޭރު، ނޭމާ، ބާސެލޯނާ އަށް ދޫކޮށްލަން، ސަންޓޯސް އާއި ބާސާއާ ދެމެދު ހެދި އެއްބަސްވުމުގެ ތަފްސީލުތައް، ސިއްރު ކުރަން ދެ ކުލަބުންވެސް އެއްބަސްވި އެވެ.

ބާސާ އާއި ސަންޓޯސްއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން، ނޭމާ އެހެން ކުލަބަކަށް ދޫކޮށްލާނަމަ، ޓްރާންސްފާގެ ފަސް ޕަސަންޓް، ސަންޓޯސްއަށް ދޭން އެއްބަސްވެފައިވާ ކަމަށް، ސްޕެއިންގެ މިޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އެގޮތުން، 8.9 މިލިއަން ޔޫރޯ، ސަންޓޯސް އަށް ދޭން ބާސާއިން ތައްޔާރަށް އޮތް ނަމަވެސް، ސަންޓޯސްއިން އިތުރު، 4.5 މިލިއަން ޔޫރޯ އަށް ޑިމާންޑް ކުރެ އެވެ.

ސަންޓޯސް، އިން އިތުރަށް ޑިމާންޑް ކުރަނީ، ދެ ޓީމުގެ ދެމެދުގައި، ދެ މެޗެއް ކުޅެން އެއްބަސްވެފައި ވުމާއެކު، އޭގެތެރެއިން އެއް މެޗު، ބާސާއިން ކުޅެފައި ނުވާތީ އެވެ. ބާސެލޯނާއިން ވަނީ، 2013 ވަނަ އަހަރު ގެމްޕާ ކަޕްގެ ނަމުގައި ސަންޓޯސްއާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. ގެމްޕާ ކަޕަކީ، ބާސާ އުފެއްދުމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އެއް ފައުންޑާ ޖޯން ގެމްޕާގެ ހަނދާނުގައި ކޮންމެ އަހަރެއްގެވެސް، ސީޒަން ފެށުމުގެ ކުރިން، ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި ބާސާއިން ކުޅޭ ނުރަސްމީ ކުރު މުބާރާތެކެވެ.

ސަންޓޯސްއާ ހަވާލާދީ ގްލޯބަލް ސްޕޯޓްސްއިން ބުނެފައި ވަނީ، ދެ ކުލަބުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ވާ ގޮތަށް، ކަންކަން ފުރިހަމަ ކޮށްފައި ނުވުމުން، ސަންޓޯސްއިން ބާސާ އަށް ސިޓީއެއްވެސް ފޮނުވި ކަމަށެވެ. ނަމަވެސް އެ ސީޓީއަށް ބާސާއިން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ބާސާއިން ދެކޭ ގޮތުގައި، ޓްރާންސްފާގެ ފަސް ޕަސަންޓް ދޭން ޖެހޭނީ، ފީފާގެ އުސޫލުގެ މަތިން، ނޭމާގެ އެއްބަސްވުމުގެ ތެރެއިން ދިޔަ ކަމެއް ނަމައެވެ. ޕީއެސްޖީން ވަނީ ނޭމާ ގެންދަން، ހުދު އޭނާ އަށް ފައިސާ ދީފަ އެވެ. އެހެންވެ، ބާސާއިން ގަބޫލު ކުރާ ގޮތުގައި، ނޭމާ އަށް ޕީއެސްޖީން ފައިސާ ހުށަހެޅުމަކީ އެއްބަސްވުމާ ހިލާފަށް ދިޔަ ކަމަށެވެ. ދެން އޮތީ އެކުވެރި ކަމުގެ ދެ ވަނަ މެޗު، ސަންޓޯސްއާ އެކު ކުޅެފައި ނުވުމުން، ދައްކަން ޖެހޭ އަދަދެވެ. ބާސާއަށް އޮތީ އެކަމަށް ހައްލު ހޯދުމެވެ.