ރިޕޯޓް

އެޅުނު ފިޔަވަޅެއް ނެތް! ބޮޑެތި ކުށްތަކުގެ ކުރީގައި ކުޑަކުދިން

  • ބަޔަކު ފިލާ ތިބެ، ކުޑަ ކުދިން ލައްވާ ކުށްތައް ކުރުވާ
  • ބެލެނިވެރިންނާއި މުޖުތަމައުގެ އިހުމާލު އެހާމެ ބޮޑު
  • މައްސަލަ ހައްލު ކުރަން މުއައްސަސާތައް ނުކުޅެދިފައި

ރާއްޖޭގެ ހާލަތު މިއަދު ވެއްޓިފައި އޮތް ދަރަޖަ ކުރު ގޮތަކަށް ސިފަކޮށްލާނަމެވެ؛ ނުރައްކާތެރި ކުށްވެރިން މާލޭގެ ހުރިހާ ސަރަހައްދެއް "ހިސޯރު"ކޮށްގެން ތިބޭތާ ވިއްސަކަށް އަހަރުވެއްޖެ އެވެ. ފާޅުގައި ހަތިޔާރުތައް ހިފައިގެން ގޮސް ވަރަށް ރަހުމު ކުޑަ ގޮތަކަށް މީހުން "ކަތިލާ" މަރާލަނީ އެންމެންގެ ލޯ ކުރިމަތީގަ އެވެ. އަދި ގޭންގުތަކުން މީހަކަށް އިންޒާރުދީ މަރާލުމުގެ ކުރިން، އެ މީހާ ސަލާމަތް ކުރުމަށް ކަމާ ބެހޭ މުއައްސަސާތައް ތިބީ ނުކުޅެދިފައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަމާ ހެދި މާލޭ މަގުތަކުން އަމާންކަން ގެއްލި، ބޭރަށް ނިކުމެލަން ނުކެރޭ ވަރަށް އާންމުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.

މިއަދު އަނެއްކާވެސް މިވަނީ ނުރައްކާތެރި ގޭންގުތަކުގެ އަޑު ގަދަކޮށްލާފަ އެވެ. އަދި މަރުގެ މައްސަލަތައް އިތުރުވަމުން ދާއިރު މުއައްސަސާތައް "އަތް އުރާލައިގެން" ތިއްބާ، ނޭންގުމެއްގެ ތެރޭގައި ވިޔަސް ރާއްޖޭގެ މުސްތަގުބަލު މިވަނީ ނުރައްކާތެރި ދިމާލަކަށް މިސްރާބު ޖަހާފަ އެވެ. އެއީ ނުރައްކާތެރި ކުށްވެރިން ގިނަވުމެއް ނޫނެވެ. އޭގެ ބަދަލުގައި ބޮޑެތި މަަރުގެ މައްސަލަތަކާއި ގޭންގު މާރަމާރީތަކުގެ ކުރީ ސަފުގައި ކުޑަ ކުދިން އުޅޭ މިންވަރު އިންތިހާ ދަރަޖައަކަށް އިތުރުވެގެން ދިޔުމެވެ. މިއީ ފިޔަވަޅު ނޭޅިއްޖެނަމަ ފަހުން ކޮންޓްރޯލުން ނައްޓާގެން ގޮސްދާނެ ފަދަ ބޮޑު މައްސަލަ އެކެވެ.

އޭގެ އެންމެ ބޮޑު މިސާލެއް ފެނިގެން ދިޔައީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އެއް ދުވަސް ތެރޭގައި އުމުރުން 14 އަހަރުގެ ދެ ކުއްޖަކަށް ވަޅިން ހަމަލާ ދީ މަރާލި އެވެ. ނަމަވެސް އެ މައްސަލާގެ ފުނަށް ވަތް އިރު އެއީ ވެސް ދެ ގޭންގެއް ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ގެއްލިގެން ދިޔަ ދެ ފުރާނަ އެވެ. ނަމަވެސް ކަންބުޑުވާން ޖެހެނީ ހަމައެކަނި އެހެންވެ އެއް ނޫނެވެ. ތަހުގީގަށް ފަހު ފުލުހުންނަށް ހޯދިފައިވާ ގޮތުން މި ދެ މާރާމާރީ ފެށުނީ 18 އަހަރު ނުފުރޭ ދެ ކުއްޖެއްގެ ދެމެދުގައި ހިނގި ކުޑަކުޑަ މާރާމާރީއެއްގެ ތެރެއިން އެވެ. އޭގެ ހުޅުފަޅައިގެން ގޮސް، އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބަދަލު ހިފަން ވަޅި ހިފައިން ނުކުތީ އެވެ. ނަތީޖާއަކަށް ވީ އުމުރުން އެންމެ 15 އަހަރުގެ ދެ ކުއްޖެގެ ފުރާނަ މިދުނިޔެއާ ވަކިވުމެވެ. އެ މައްސަލާގައި އޭރު ގިނަ ކުޑަ ކުދިންތަކެއް ހައްޔަރު ވެސް ކުރި އެވެ.

އެ ހަލަތުގައި އޮއްވާ މިފަހުން ހިނގި މާރާމާރީތަކުގައި މަރާލި، 25 އަހަރުގެ މުހައްމަދު އަނަސްގެ، ގާތިލުން ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން ތިއްބެވެ. މ. އަސަރީހިޔާގެ ތެރެއިން އަތުގައި ބިޑި އަޅުވައިގެން ނެރުން މީހުންގެ ތެރެއިން ކުޑަ ކުދިންތަކެއް ވެސް ނެރެ ޖިޕަށް އެރުވި އެވެ. އެ ސަރަހައްދުގައި ދިރި އުޅޭ މީހަކު ބުނި ގޮތުގައި އެތަނުން އެއް ކުއްޖަކީ ގްރޭޑު ހަތެއް ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އަދި ދެން ތިބި ކުދިން ވެސް 16 އަހަރަށް ވުރެ މައްޗެއް ނުވާނެ އެވެ. އޭގެ އިތުރުން ފަހަކަށް އައިސް މާލޭގައި ހިނގި މާރަމާރީތަކުގައި އެތަށް ކުޑަ ކުއްޖެއް ގަޔަށް ވަޅި ހަރާ އަދި ކުޑަ ކުދިން މަރަމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވެސް އެބަ ހުއްޓެވެ.

ކުޑަ ކުދިން ކުށްތަކުގައި ބައިވެރިވުން އިތުރު ވަނީ

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނަލް ޖަސްޓިސް ޔުނިޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުށްތަކުގައި ބައިވެރިވާ ކުޑަ ކުދިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި 2013 ވަނަ އަހަރު ކުށްތަކުގައި އުޅޭ ކުޑަ ކުދިންގެ އަދަދު 100 ގައި ހުރި ނަމަވެސް 2015 އާ ހަމަޔަށް އައިއިރު، އެ އަދަދު ވަނީ 205 ހަކަށް އަރާފަ އެވެ. އެއީ 2014 ވަނަ އަހަރާ ބަލާއިރު، ވެސް 22.8 ޕަސަންޓުގެ އިތުރުވުމެކެވެ.

އެ ހިސާބުތަކުން އެނގޭ ގޮތުގައި ގޭންގުތަކުން އެންމެ ގިނައިން ކުޑަ ކުދިން ބޭނުން ކުރަނީ މަސްތުވާތަކެތީގެ މުއާމަލާތްތައް ކުރުމަށެވެ. އެގޮތުން އެންމެ ގިނައިން އެ ކުދިން ހައްޔަރު ކުރެވިފައި ވަނީ ވެސް މަސްތުވާތަކެއްޗާއެކު އަތުލައިގަނެވިގެނެވެ. އަދި އެކަމުގައި އުޅުމުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރު ކުރެވޭ ކުދިން ވެސް ހިމެނެ އެވެ. މީގެ އިތުރުން މާރަމާރީތަކާއި މަރުގެ މައްސަލަތައް މިދިޔަ އަށް އަހަރު ތެރޭގައި ވެސް ގިނަވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

މިހާ ހިސާބަށް ކަންތައް ދާއިރު ގައުމު މިދަނީ އަންދާޒާކޮށްލެވޭ ވަރަށް ވުރެ ފުން އަނދަވަޅަކާ ދިމާލަށެވެ. ނުރައްކާތެރި ކުށްވެރިން އަޑީގައި ތިބެ މައުސޫމް ކުދިންނަށް ނުފޫޒު ފޯރުވާގެން ބޮޑެތި ކުށްތަށް ކުރުވަމުން ދާއިރު މިކަމަށް އަޅާނެ ހަރުކަށި ފިޔަވަޅުތަކެއްގެ ވާހަކައެއް ނުދައްކަ އެވެ. މިކަން ހުއްޓުވަން ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ މުއައްސަސާތައް ކޮބާ ހެއްޔެވެ؟ އަދި ކުޑަ ކުދިން ގޭންގުތަކާ ގުޅުން އިތުރުވަމުން ދިޔުމުގެ ޒިންމާ އުފުލަން ޖެހޭނީ ކޮން ބައެއް ހެއްޔެވެ؟

ކުދިން ގޭންގުތަކާ ދިމާލަށް ދެވޭ އެންމެ ބޮޑު ސަބަބު!

"ބައެއް ކުދިން ރަށު ސްކޫލުތަކުން ފެއިލް ވެގެން މާލެ އަންނާނީ މޮޅަށް ކިޔަވަން. ނަމަވެސް އެ ކުދިންގެ މައިންބަފައިންގެ މާ ބޮޑު އުންމީދެއް އަދި ސަމާލު ކަމެއް ކުދިންނަށް ނުދެވޭ ފަހަރުތައް ގިނަ. ބައެއް ފަހަރު ރައްޓެއްސެއް ނުވަތަ ތިމާގެ މީހެއް ކާރީ ބަހައްޓާނީ. މިފަދަ ގޮތަކަށް ހުރީމަ ބައެއް ފަހަރު ގޭންގުތަކަށް ދޭ. އެ ކުދިންނަށް ގޭންގުތަކަށް ދިޔައީމަ ގިނަ ބޭނުންތައް ފުދޭ. އެކަންކަމަށް ސިސްޓަމްގެ ތެރޭގައި އެހާ ގިނަ ފުރުސަތުތަކެއް ނުހުރޭ. އަދި އެ ކުދިންނަށް ބެލެނިވެރިން ވެސް އަޅާ ނުލާނެ،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓާ ހާމިދު ޔޫސުފް ވިދާޅުވި އެވެ.

ހާމިދު ވިދާޅުވި ގޮތުގައި ގިނަ ކޭސްތަކުގައި ކުޑަ ކުދިން ގޭންގުތަކާ ގުޅި ކުށްތަކަށް އަރައިގަތުން ފެށޭ ހިސާބަކީ އާއިލާ ތެރޭގައި ޖެހޭ މައްސަލަތަކެވެ. އެގޮތުން އެއްބައި ފަހަރު އާއިލާ ރޫޅިގެން ކުއްޖާއަށް އެކަށީގެންވާ ސަމާލުކަން ނުދެވުމާ ގުޅިގެން އެކަމަށް މަގުފަހިވާ ކަމަށާއި އަނެއްބައި ފަހަރު އައިލާއިން މާ ބޮޑަށް ކުއްޖާ ހިފަހައްޓައިގެން ގެންގުޅުމުގެ ސަބަބުން ނުބައި ކަންކަމަށް ދާން ޝައުގުވެރިކަން އުފެދޭ މިންވަރު އިތުރުވާ ކަމަށް ހާމިދު ވިދާޅުވި އެވެ.

"ދެން އެ ކުދިން ހިތަށް އަރާނީ ތިމަންނައަށް އަޅާލާނީ ކާކުހޭ. އެހާ ހިސާބުން ކޮންމެވެސް ރައްޓެއްސެއްގެ ފަރާތުން ގްރޫޕުތަކާ ދިމާ ވާނީ. އެ ކުދިން އުޅޭ ނޫޅޭ ގޮތް ބެލެނިވެރިންނަށް މާ ބޮޑަށް ނުބެލުމުން ކުށްތަކަށް އަރާގަނެވޭނެ. އެ ކުދިން ވެސް ބޭނުންވޭ ފޯނާ އެންމެ ފަހުގެ އެއްޗެހި. އަދި މޮޅެތި ތަންތަނަށް ކާން ދާން ބޭނުންވޭ ތަފާތު ހެދުންތައް ލާން. އެހެން ހުއްޓާ ގޭންގުތަކުގެ ބޮޑެތި މީހުން ކުޑަަ ކުދިން ރެކްރޫޓް ކުރަނީ. އެ ކުދިންނަށް ވިސްނާދީފައި އޮންނަނީ ކަމެއް ކުރިޔަސް އެ ކުދިން ކުށްވެރި ނުވާނެ ކަމަށް. ބެލެނިވެރިންނަށް ހޭވެރިކަން އަންނަނީ ކުއްޖާ ހައްޔަރު ކުރީމަ،" ހާމިދު ވިދާޅުވި އެވެ.

ކުށްތަކަށް އަރައިގަންނަ ކުދިންނަށް އެކި ޕްރޮގްރާމްތައް ހިންގާ ރަނގަޅު ކުރުމަށް ފަހުގައި ވެސް އަނެއްކާ ވެސް ކުދިން ގޭންގުތަކާ ދިމާލަށް އެނބުރި ދާން ބައެއް ފަހަރަށް ބެލެނިވެރިންނަށް މަގު ފަހިކޮށްދެވެ އެވެ. އެގޮތުން ރަނގަޅުވާން ދެވަނަ ފުރުސަތެއް ނުދިނުމާއި އަނބުރާ މުޖުތަމައު ބަލާގަންނާނެ މީހަކަށްވުމަށް ބެލެނިވެރިންގެ ފަރާތުން އެހީތެރިކަން ނުލިބޭ ފަހަރުތައް ވެސް ދެއެވެ.

"އެއް ކޭސްއެއްގައި ކުއްޖާ ރަނގަޅު ވާން ބޭނުން ވީމަ އަޅުގަނޑުމެން ކުދިން ބައިތިއްބައިގެން ރަނގަޅު ކުރުމަށް ފަހު ހުނަރާ ހުރިހާއެއްޗެސް ދަސްކޮށް ދިނިން. އަދި ދެ މަހަށް ފަހު ކޭސް ވޯކަރަކު އެ ކުއްޖާ ގޮވައިގެން އާއިލާ ކާރިޔަށް ދިޔައީމަ އެ ކުއްޖާގެ ބައްޕަ ބުނި އޭނަ ގެއަށް ވައްދައިގެން ނުވާނޭ. ދެން އެ ކުއްޖާ ކިހިނެތް ހަދާނީ. އެ ކުއްޖާއާ ބާކީ ވާނީ. ދެން ތަނަކަށް ދިޔައީމަ ވަޒީފާއެއް ނުދެނެ. ދެން ދާނީ އަނެއްކާވެސް ވަޒީފާއަށް ދެއްތޯ،" ހާމިދު ވިދާޅުވި އެވެ.

ނިޒާމް ވަރުގަދަކޮށް، ފިޔަވަޅުތައް އަޅަން ޖެހޭ!

ކުދިން ގޭންގުތަކުގައ ޝާމިލުވެގެން އުޅޭ މައްސަލާގެ ހުރިހާ ވެސް ގޯހަކީ ބެލެނިވެރިންނޭ ނުބުނެވޭނެ އެވެ. އޭގެ ބަދަލުގައި އެ ކުދިންނާއި ގޭންގުތަކާ ދެމެދު އެޅޭ ލިންކު ނައްތާލުމަށް ނިޒާމްތަކަށް ހަރުދަނާ ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އަދި ގާނޫނާއި ގަވައިދުތައް ތަންފީޒު ކުރާ މިންވަރު ބަލާ ފަރާތްތައް ވެސް އިތުރަށް ސަމާލުވެގެން ތިބެން ޖެހެ އެވެ.

ފުލުހުންގެ މުއައްސަސާގެ އިސް މަގާމެއްގައި ގިނަަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ނަން ހާމަ ނުކުރަން ޝަރުތުކޮށް "އަވަސް"ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ކުޑަ ކުދިން ގޭންގުތަކުގައި ބައިވެރިވުން ދެން އިތުރަށް މަދު ކުރެވޭނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން އެވެ. އަދި އެ މަސައްކަތް ކުރެވޭ ގޮތަށް ބައެއް ގަވާއިދާއި ގާނޫނުތަކަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށާއި މިހާ ހިސާބަށް ވެސް މަރުގެ މައްސަލަތަކުގައި ކުޑަ ކުދިން ބައިވެރިވުން އިތުރުވެފައި ވަނީ އެކަންކަމަށް ކުރިން އަޅާ ނުލެވި ހުރުމުން ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

"މާލޭގައި ހިންގާ ނުރައްކާތެރި ގޭންގުތަކާއެއްކޮށް ވަރަށް ފާޅުގައި ކުޑަ ކުދިން އުޅޭ. މުޅި ދުވަސް އެ މީހުންނާއެއްކޮށް ވެސް އުޅޭ. މިއީ ފުލުހުންނާއި ކަމާ ބެހޭ ފަރާތްތަކަށް ވެސް ނޭންގި ހިނގާ ކަންކަމެއް ނޫން. އެކަންކަމަށް އަޅާ ނިލެވުމުގެ ނަތީޖާއަކަށް ވަނީ އެ ކުދިން މަގުން ކައްސލައިގެން ގޮސް މީހުން މަރާ ހިސާބަށް މިދަނީ. އެހެންވެ ޖެހޭ ގޭންގުތަކުން އެ ކުދިން ދުރު ކުރުވަން. އަދި ގޭންގުތަކަށް ވެސް އެފަދަ މައްސަލތަކުގައި ފިޔަވަޅު އެޅޭނެ ކަހަލަ ނިޒާމެއް ގާއިމް ކުރަން. އަދި ކުޑަ ކުދިން ކުށްތަކުގައި ބައިވެރި ކުރުވާ މީހުންނަށް ވެސް ބޮޑެތި އަދަބުތައް ދޭން. މިކަން ދެން ހުއްޓޭނީ ހަރުކަށިވެގެން،" އޭނާ ވިދާޅުވި އެވެ.

ކުށުގެ ވެށިން ކުޑަ ކުދިން ސަލާމަތް ކުރުމަކީ މިވަގުތަށް ވަރަށް އިސްކަމެއް ދޭން ޖެހޭ ކަމެކެވެ. ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި އިރު ހައި ރިސްކް ކުދިން ދ. ވާނީއަށް ފޮނުވައިގެން އެ ކުދިން އިސްލާހު ކުރުވި އެވެ. ނަމަވެސް އެއަށް ފަހުން އިތުރު ކުދިންތަކެއް ވާނީއަށް ނުގެންދެ އެވެ. އެ ޕްރޮގްރާާމަށް ވީގޮތެއް ނޭނގެ އެވެ. ނަމަވެސް މިކަމަކީ އާދައިގެ ވޯކްޝޮޕްތަކުން ނިންމާލެވޭނެ ކަމެއް ނޫން ކަން ގަބޫލު ކުރަން ޖެހެ އެވެ. ގައުމީ ފެންވަރެއްގައި މިކަން ހައްލު ކުރަން މަސައްކަތްކޮށް މައިބަފައިން ވެސް ހޭލުންތެރި ކުރުވަން ޖެހެ އެވެ. އެ ނޫނީ ދުނިޔޭގެ ސުވަރުގެ ކަމަށް ދެއްކެމުން އަންނަ މި ރާއްޖޭގެ މުސްތަގުބަލު އޮންނާނީ ކޮން ހާލެއްގަައިތޯ ވިސްނާލާށެވެ.